ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭން މިއަދު އިފްތިތާހުކޮށްފި އެވެ.
ސަރުކާރުގެ ގައުމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިގެން ނަފްސާނީ ދުޅަހެޔޮކަމަށް ދޭ އިސްކަމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ކެމްޕޭން މިއަދު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި "ކިހިނެތް" ނަމުގައި ފެށި ކެމްޕޭން އިފްތިތާހުކޮށްދެއްވުމަށްފަހު ރައީސް ސޯލިހް ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދިނީ އަދި މިހާރުވެސް މަސައްކަތް ކުރަމުންދަނީ އެންމެ ފަރުދަކުވެސް ބާކީ ނުކޮށް އަދި ތަފާތު ނުކޮށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ހޯދައިދިނުމަށް ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ނަފްސާނީ ހާލަތެއް މެދުވެރިވާކަމުގެ އަލާމާތްތައް އޭގެ ކުރީކޮޅުގައި ދެނެގަތުމާއި އަދި އެންމެ ކުރީކޮޅުގައި އެކަމަށް ބޭނުންވާ އެހީތެރިކަން ހޯދައި ފަރުވާ ދޭން ފެށުން މުހިއްމު ކަމަށެވެ. އެގޮތުން މިއަދު އިފްތިތާހް ކުރެވުނު ކެމްޕޭނަކީވެސް މި ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިއްމު ބައެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މި ކެމްޕޭންގެ އިތުރުން ނަފްސާނީ ފަރުވާގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައްވެސް ރައީސް ހިއްސާކުރެއްވި އެވެ.
ރާއްޖޭގައި ގާއިމުކުރި ނަފްސާނީ ފަރުވާދޭ ފުރަތަމަ މަރުކަޒު ކަމުގައިވާ "ސެންޓާ ފޯ މެންޓަލް ހެލްތު" އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މާޗް 2019 ގައި ހުޅުވުމަށްފަހު އެ ހިދުމަތްތައް އިތުރަށް ފުޅާވެ، ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މެންޓަލް ހެލްތް ސެންޓަރެއް މިހާރު ވަނީ ގާއިމުކޮށްފަ އެވެ. ހިދުމަތް ދެމުން އަންނަނީ ނަފުސާނީ ބަލިތަކަށް ބޭނުންވާ ގިނަ ފަރުވާތައް އާސަންދައިގެ ދަށުން ކުރެވޭ ގޮތަށެވެ. މީގެ އިތުރުން މިހާރު ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުންދާ ފަސް ހޮސްޕިޓަލުގައިވެސް ނަފްސާނީ ފަރުވާދޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.
ރައީސްގެ ވާހަކަފުޅުގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގައި ފުރަތަމަވެސް ކަމާބެހޭ ތަޖުރިބާކާރެއްގެ ފަރުވާ ހޯދުމުގެ ކުރިން ކުރެވިދާނެ ބައެއް ކަންކަންވެސް ފާހަގަކުރެއްވި އެވެ. އެގޮތުން ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމާއި އިޖުތިމާއީ ބަދަހިކަން މިކަމުގައި މުހިއްމު ދައުރެއް އަދާކުރުމުގައި ވިދާޅުވި އެެވެ.
ކިހިނެތް ކެމްޕޭނަކީ އަމިއްލަ ނަފްސަށް އަޅާލުމުގެ އާދަ އަށެގެންނެވުމާއި އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މާހައުލެއް އުފެއްދުމާއި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއި ނަފްސާނީ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކާ މެދު އޮންނަ ތަފާތުކުރުން ނައްތާލުމަށް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
މިކެމްޕޭނަކީ ޔުނިސެފްގެ އެހީތެރިކަމާއެކު ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާއްވާފައިވާ ކެމްޕޭނެކެވެ. މި ކެމްޕޭނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ކެމްޕޭނެކެވެ.