ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ގުޅިފައިވަނީ ދުންފަތާ: ރައީސް

ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ބައެއް ބަލިތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅިފައިވާ ބަލިތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހިތާބުގައި ރައީސް ވަނީ ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންނާއި އެކަމުގެ ވިޔަފާރީގައި އުޅޭ މީހުން އެކަމަށް ކުރާ ހަރަދު ކޮންމެވެސް އެހެން ހެޔޮ ކަމަކަށް ހަރަދުކުރުމަށްވެސް އިލްތިމާސް ކުރައްވާފަ އެވެ.

އެގޮތުން ރައީސް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ތިބި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަމަށް ކޮންމެ ދުވަހަކު ހޭދަކުރާ ފައިސާ އެގޮތަށް ހޭދަނުކޮށް އެމީހަކާ އެމީހެއްގެ އާއިލާގައި ތިބި މީހުންގެ ކެއިންބުއިމުގެ ކަންކަމަށް ކުރާ ހޭދައިގެ ތެރެއަށް އިތުރުކޮށްފިނަމަ މުޅި މުޖުތަމައަށް އޭގެ މަންފާކުރާނެ ކަމަށެވެ.

"ދުންފަތުގެ އިސްތިއުމާލު ކުރާ ކޮންމެ މީހަކުމެ މިއަދު އަޒުމު ކަނޑައަޅަންވީ، ތިމާއަށާއި ތިމާގެ ސަބަބުން އެހެން މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތިކުރުވާ މިފަދަ ކޮންމެ ކަމަކުން ދުރުހެލިވުމަށެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހޭދަކުރާ ފައިސާ ތަފާތު ބަލިތައް ތަހައްމަލު ކުރާ އެތައް ބަޔަކަށް ފަރުވާ ކުރުމަށް ވެސް ބޭނުންކުރެވިދާނެ ފައިސާތަކަކަށް ބަދަލުކުރެވިދާނެކަން ފާހަގަކުރައްވާފަ އެވެ. އަދި ދުންފަތް ހެއްދުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމަށް އަހަރަކު އެތައް ބިލިއަން ޑޮލަރެއް އިސްރާފުކުރާ އިރު، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިވަގުތުވެސް ހައިހޫނުކަން ތަހައްމަލުކުރަމުންދާ އެތައް ބަޔަކު ތިބިކަން ރައީސް ވަނީ ހަނދާންކޮށްދެއްވާފަ އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މިއަހަރުގެ ޝިއާރަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ "އަހަރެމެން ބޭނުމީ ކާނާ، ދުންފަތެއް ނޫން" މިއެވެ.

މިޝިއާރާ ގުޅޭގޮތުން ރައީސް ވިދާޅުވީ މިފަދަ ޝިއާރެއްގެ މައިގަނޑު ބޭނުމަކީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ދުންފަތް ހެއްދުމުގައި ދަނޑުވެރިންގެ ވަގުތުތަކާއި ދަނޑުބިންތައް ނަގާލުމުގެ ބަދަލުގައި، އެފަދަ ދަނޑުބިންތަކުގައި ގޮވާމުގެ ބާވަތްތައް ހައްދައި އުފެއްދުމަށް ބާރުއެޅުން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓައިލަންވީ، ތިމާގެ އަމިއްލަ ނަފްސާއި، އަނބިދަރިންނާއި، އާއިލާގެ ހެވަށާ އަދި ގާތް ރަހްމަތްތެރިންނާއި، މުޅި މުޖުތަމައުގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.