ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. މުހައްމަދު މުއިއްޒު

ބައިނަލްއަގްވާމީ އެހީއަށް އެދުމަށް ގޮވާލައިފި

ރާއްޖޭގެ ހާލަތު އިތުރަށް ގޯސްނުވަނީސް ބައިނަލްއަގްވާމީ އެހީތެރި ކަމަށް އެދުމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ސަރުކާރަށް ގޮވާލައްވައިފި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިއަދު އެކަނިވެސް 700 ވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ. މިދިޔަ ތިން ދުވަސްތެރޭ 1،900 ވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފައެވެ. ދަރުމަންތަ އައިސީޔޫ އާއި ޑީއެޗް16 އަދި ހުޅުމާލެ މެޑިކަަލް ފެސިލިޓީ ވަނީ ފުރުމާ ދާދި ގާތުގައެވެ.

ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ ފުރިފައިވާއިރު ކޮވިޑް ވެކްސިންގެ ސްޓޮކް މަދުވެ ކޮވިޝީލްޑް ވެކްސިން ދިނުން ވަނީ މެދުކަނޑާލާފައެވެ. އެކަމާއި ގުޅިގެން 26،400 ވުރެ ގިނަ މީހުން ތިބީ ދެވަނަ ޑޯޒް ޖެހޭނެ ގޮތެއް ނެތިފައެވެ.

އިންތިހާބީ މޭޔަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުގެ ހާލަތު ގޯހުންގޯހަށް ނުދަނީސް ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"ވެކްސިންގެ ސްޓޮކް މަދުވެ ވެންޓިލޭޓަރު މަދުވެ ކޮވިޑަށް ފައްސިވުން އިތުރުވާ މި ހާލަތުގައި ބޭރުގެ އެހީއަށް އެދި މަސައްކަތް ފަށަންޖެހެނީ ރައްޔިތުންގެ ސަލާމަތަށްޓަކައި،" މުއިއްޒު ވިދާޅުވިއެވެ.