ދުނިޔެ

އިޒްރޭލާ ގުޅުން ބަދަހިކުރަން ޝައުގުވެރިކަމެއް ނެތް: ޓިއުނީޝިއާ

އަރަބި ދުނިޔޭގައި ދެން އެންމެ އަވަހަށް އިޒްރޭލާ ގުޅުން ބަދަހި ކުރާނެ ގައުމަކަށް ވާނީ ޓިއުނީޝިއާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ރައްދު ދެއްވައިފި އެވެ.

"ގައުމުތަކުގެ މިނިވަންކަމަށް ޓިއުނީޝިއާއިން އަބަދުވެސް އިހްތިރާމް ކުރަން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. "އަހަރެމެންގެ ނިންމުމަކީ އަހުދެއް. ދުނިޔެ ދައްކާހާ މަންޒަރަކުން ހައިސިއްޔަތަށް ލޮޅުމެއް ނާރާނެ" ޓިއުނީޝިއާއިން ބުނީ އިޒްރޭލާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމަށް ޝައުތުވެރިކަމެއް ނެތް ކަމަށެވެ.

އިޒްރޭލާއެކު ގުޅުން އުފެއްދި އަރަބި ގައުމުތަކުގެ ލިސްޓަށް އެންމެ ފަހުން އިތުރުވި ނަމަކީ މޮރޮކޯ އެވެ. އިޒްރޭލުގެ ވަފުދެއް މޮރޮކޯގައި މިހާރު ވެސް އެބަ އުޅެ އެވެ. ނިޔަތަކީ ވިޔަފާރި ފުޅާކުރުމާއި ޑިޕްލޮމެޓިކް މިޝަންތައް ގާއިމު ކުރުމެވެ. އަދި އިޒްރޭލުގެ ވަފުދު މޮރޮކޯގެ ރަސްގެފާން މުހައްމަދު ހަވަނައާ ވެސް ބައްދަލު ކުރައްވާނެ އެވެ.

އިޒްރޭލާއެކު ގުޅުން އުފައްދަން ޓްރަމްޕް ސަރުކާރުން ބާރުއަޅުއްވާ ގައުމުތަކުގެ ލިސްޓްގައި އޮމާނާއި ޓީއުނީޝިއާ ވެސް ހިމެނޭ ކަމަށް ނިއު ޔޯކް ޓައިމްސްއިން ވެސް ރިޕޯޓްކޮށްފައިވެ އެވެ. އިޒްރޭލާއެކު ގުޅުން އުފައްދާފައިވާ އަރަބި ގައުމުތަކުގެ ތެރޭގައި ހިމެނެނީ، ޔުނައިޓެޑް އަރަބަ އެމިރޭޓްސް، ސޫދާން، ބަހްރެއިން އަދި މޮރޮކޯ އެވެ.

އަރަބި ގައުމުތަކުން އިޒްރޭލާއެކު ގުޅުން ބަދަހި ކުރުމަކީ ހިތްދަތިކަމެއް ކަމަށް ފަލަސްތީނުން ވަނީ ބުނެފަ އެވެ. ޒަމާންތަކެއް ވަންދެން ކުރި އާދޭހަށް ފުރަގަސް ދިނުމަށް ފަހު ކެހިވެރިވެއްޖެ ކަމަށް ވެސް ފަލަސްތީނުން ވަނީ ބުނެފަ އެވެ.