ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޔޫކޭ ކޮވިޑް: ރާއްޖެއިން އަޅާނެ ފިޔަވަޅުތަކާމެދު ގޮތް ނިންމަނީ

އިނގިރޭސިވިލާތުން އަލަށް ފެނިގެން އުޅޭ ކޮވިޑްގެ އާ ވައްތަރާއި ގުޅިގެން ރިސްކް އެސެސްމަންޓެއް ހެދުމަށްފަހު ރާއްޖެއިން އަޅަން ޖެހޭ ފިޔަވަޅުތަކާމެދު މަޝްވަރާކޮށް ގޮތް ނިންމަން ތައްޔާރުވެފައިވާ ކަމަށް ހެލްތް އިމާޖަންސަން އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އިނގިރޭސިވިލާތުގައި މިހާރު ވަރަށް ބާރަށް ފެތުރެމުންދާ ކޮވިޑް-19 އިގެ އާ ވެރިއަންޓް، ގައިން ގަޔަށް ފެތުރުމުގެ ދުވެލި 70 ޕަސަންޓް އިތުރުކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައި އެވެ. މި ބަލީގެ ވޭރިއަންޓް ކޮންޓްރޯލް ނުވާ މިންވަރަށް ފެތުރެމުންދާކަމަށް ޔޫކޭގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވެސް ވިދާޅުވެފައިވާއިރު، ކޮވިޑުގެ އާ ވެރިއަންޓް ޑެންމާކް، އިޓަލީ އަދި ނެދާލަންޑަސް އިން ފެނިފައިވާ ކަމަށް އެ ގައުމު ތަކުން ވަނީ ބުނެފަ އެވެ.

ވަރަށް ގިނަ ގައުމުތަކުން މިހާރު ވަނީ ޔޫކޭއަށް ކުރާ ދަތުރުތައް ހުއްޓާލާ ޔޫކޭއަށް އެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލާ ޓޫރިޒަމް އަލުން ފަށާފައިވާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ޔޫކޭ ހިމެނެއެވެ. ބައެއް ފަރާތްތަކުން ގެންދަނީ ރައްކާތެރިކަމަށްޓަކައި ޔޫކޭ-ރާއްޖެ ދަތުރުތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.

ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު މިރޭ ވިދާޅުވީ، ޔޫކޭގެ އިތުރުން ސައުތު އެފްރިކާ އަދި ނައިޖީރިއާއިންވެސް ކޮވިޑުގެ އާ ވެރިއަންޓެއް ފެނިފައިވާ ކަމަށެވެ. ޔޫކޭއިން އާ ވެރިއަންޓް ފެނިފައިވާއިރު ދުނިޔޭގައި ޖީންސް ސީކުއެންސީން އެންމެ ގިނައިން ހަދާ ގައުމަކީ އެ ގައުމު ކަމަށާ އެ އަދަދަށް ޖީންސް ސީކުއެންސީން ހަދަމުން ދިއުމަކީ އާ ވޭރިންއަންޓެއް ދެނެގަނެވުނު އެއް ސަބަބު ކަމަށެވެ. އަދި އެހެން ގިނަ ގައުމުތަކެއްގައިވެސް އާ ވެރިންއަންޓް އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ޔޫކޭގައި އުޅޭ ވޭރިއަންޓާއި ގުޅޭގޮތުން ރިސްކް އެސެސްމަންޓެއް ހަދާފައި، އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުން މިދަނީ،"

ނަޒްލާ ވިދާޅުވީ ބަލި ފެތުރުން ހުއްޓުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.