ދުނިޔެ

ޕާކިސްތާނަކީ ގުޅުން އުފައްދަން ހަމަޖެހިފައި އޮތް ގައުމެއް ނޫން ކަމަށް އިޒްރޭލް ބުނެފި

ޕާކިސްތާނަކީ އެކުވެރިންގެ ލިސްޓްގައި އޮތް ގައުމެއް ނޫން ކަމަށާއި ގުޅުން އުފައްދަން މަޝްވަރާކުރެވޭ ގައުމެއް ވެސް ނޫން ކަމަށް އިޒްރޭލުގެ ކެބިނެޓް މިނިސްޓަރަކު ވިދާޅުވެއްޖެ އެވެ.

ރީޖަނަލް ކޯޕަރޭޝަން މިނިސްޓަރު، އޮފީރް އަކުނިސް ވިދާޅުވީ، އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕްގެ ދައުރު ޖެނުއަރީ 20 ގައި ހަމަވުމުގެ ކުރިން އަދި އިތުރު މުސްލިމް ގައުމަކާ ގުޅުން ބަދަހިކުރަން އިޒްރޭލުން ބާރުއަޅާ ކަމަށާއި އެކަމަކު އެއީ ޕާކިސްތާން ނޫން ކަމަށެވެ.

އަކުނިސް ވިދާޅުވީ އިޒްރޭލުން ޝައުގުވެރިވާ ދެ ގައުމެއް އެބަ އޮތް ކަމަށާއި މަޝްރަވާތައް އަވަސް ކުރަންވީ ކަމަށެވެ. އެއީ ކޮން ދެގައުމެއްކަން ސާފުކޮށް ވިދާޅުނުވެ އޭނާ ވިދާޅުވީ މަޝްވަރާތައް ފައްޓަވާނީ ގަލްފް ގައުމަކުން ކަމަށެވެ. އެއީ ފަހަރެއްގައި އޮމާން ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު ހަމަޔަގީނުން ވެސް އެއީ ސައޫދީ އަރަބިއްޔާ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ދެވަނަ ގައުމަކީ އިންޑޮނީޝިއާ ތޯ ކުރި ސުވާލަށް އަކުނީސް ސީދާ ޖަވާބެއް ނުދެއްވި އެވެ.

އިޒްރޭލާއެކު ގުޅުން ބަދަހިކުރަން ދައުވަތުއެރުވުމުން އިންޑޮނީޝިއާގެ ރައީސް، ޖޯކޯ ވިޑޯޑޯ ވިދާޅުވީ ފަލަސްތީން އެހާލުގައި އޮއްވައި އިޒްރޭލާއެކު ގުޅުން އުފައްދަން ކެރިވަޑައިނުގަންނަވާ ކަމަށެވެ. ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަންވާނެ ކަމަށާއި ގުޅުން އުފައްދާ ވާހަކަދައްކަވާނީ އެއަށް ފަހު ކަމަށެވެ. މެލޭޝިއާއިން ވެސް ވަނީ މިފަދަ މޭރުމަކުން ޖަވާބުދީފަ އެވެ.

ބަނގުލަދޭޝްއިން ރޮއިޓާސްއަށް ބުނި ގޮތުގައި އިޒްރޭލާ ގުޅުން ބަދަހިކުރުމަކީ އެ ގައުމުން ޝައުގުވެރިވާ ކަމެއް ނޫނެވެ.

ޔޫއެސް އިންޓަނޭޝަލް "ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން" (ޑީއެފްސީ) ގެ ސީއީއޯ، އެޑަމް ބޯލާ ބްލޫމްބާގްއަށް ވިދާޅުވި ގޮތުގައި، އިންޑޮނީޝިއާއިން އިޒްރޭލް ބަަލައިގެންފި ނަމަ ތަރައްގީއަށް މިހާރުދޭ އެހީގެ އިތުރުން ދެ ބިލިއަނެއްހާ ޑޮލަރު އަދިވެސް ދެވިދާނެ އެވެ.

ޕާކިސްތާނާ ގުޅުވައިގެން އޮފީރް އަކުނިސް ވާހަކަދައްކަވާފައި މި ވަނީ އިންޑޮނީޝިއާއަށް މި ފުރުސަތު ހުށަހެޅުއްވުމަށް ފަހުގައި ކަމަށް ބެލެވެ އެވެ.

ސައޫދީ އަރަބިއްޔާއާ އޮމާނުން ވެސް އިޒްރޭލާއެކު ގުޅުން ބަދަހިކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެޑަމް ބޯލާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަން އެގޮތަށް ހިނގައިދިޔަ ނަމަވެސް މުއްސަނދި ގައުމުތަކުގައި އިންވެސްޓްކުރުމަކީ ޑީއެފްސީ އަށް ހުއްދަ އޮންނަ ކަމެއް ނޫން ކަމަށެވެ.