ދުނިޔެ

އޮމާނާއި ބަހުރެއިންވެސް ގުޅުން ބަދަހި ކުރާނެ: އިޒްރޭލު

Aug 16, 2020
2

ޓެލް އަވީވް (އޯގަސްޓް 16) - ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފަހު، އެ ސަރަހައްދުގައި ހިމެނޭ އޮމާންގެ އިތުރުން ބަހުރެއިން ވެސް ވަރަށް އަވަހަށް އިޒްރޭލާއެކު ގުޅުން ގާއިމު ކުރާނެ ކަމަށް ބެލެވޭ ކަމަށް އެ ގައުމުގެ އިންޓެލިޖެންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

"ޔޫއޭއީއާއެކު މި ވެވުނު އެއްބަސްވުމާއެކު ގަލްފުގެ އިތުރު ގައުމުތަކާއި އެފްރިކާގެ މުސްލިމު ގައުމުތަކާއެކު މިފަދަ އެއްބަސްވުމަކަށް އާދެވުން ވަރަށް ގާތް،" އިޒްރޭލުގެ އިންޓެލިޖެންސް މިނިސްޓަރު އެލީ ކޯއެން ވިދާޅުވި އެވެ.

އެގޮތުން، ބަހުރެއިން އާއި އޮމާން ހަމަ ޔަގީނުންވެސް އެޖެންޑާގައި އޮތް ކަމަށާއި، އެފްރިކާ އިން އެފަދަ އެއްބަސްވުމެއް ހެދުން އެން ގާތީ ސޫދާނާއެކު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިޒްރޭލާއެކު ޔޫއޭއީން ގުޅުން ގާއިމުކުރުމުން ބަހުރެއިނާއި އޮމާންވެސް ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ. ނަމަވެސް، އެފަދަ އެއްބަސްވުމަކަށް އިޒްރޭލާއެކު ދާނެކަމާމެދު ރަސްމީކޮށް އެއްޗެއް އަދި މިހާތަނަށް ބުނެފައެއް ނުވެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އޮމާންގެ އިތުރުން ސޫދާންގެ ލީޑަރުންނާ ބައްދަލުކުރައްވައިފަ އެވެ.

އެމެރިކާ މެދުވެރިވެގެން ޔޫއޭއީ އާއި އިޒްރޭލާ ދެމެދު ގާއިމްކުރި އެއްބަސްވުމުގެ ދަށުން ހުޅަނގު އައްސޭރީގެ ބިންތައް ހިފުން އިޒްރޭލުން ހުއްޓާލަން ޖެހެ އެވެ.

އެގޮތުން، އިތުރު ގައުމުތަކުން އިޒްރޭލާއެކު ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ގިނަ ގައުމުތަކާއެކު އެމެރިކާ އިން ކުރަމުންދާކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު މީޑިއާތަކަށް މިދިއަ ހުކުރު ދުވަހު ވަނީ ވިދާޅުވެފަ އެވެ.

އިޒްރޭލާ ގުޅުން ބަދަހި ކުރަން ޔޫއޭއީން ނިންމުމުން ފަލަސްތީނުގެ ލީޑަރުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.