މަނަމާ (ސެޕްޓެމްބަރު 12) - ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފަހު، އެ ސަރަހައްދުގައި ހިމެނޭ ބަހުރެއިން ވެސް އިޒްރޭލާއެކު ގުޅުން ގާއިމުކުރަން ނިންމައިފި އެވެ.
އެމެރިކާ މެދުވެރިވެގެން ޔޫއޭއީ އާއި އިޒްރޭލާ ދެމެދު ގާއިމްކުރި އެއްބަސްވުމުގެ ދަށުން ހުޅަނގު އައްސޭރީގެ ބިންތައް ހިފުން އިޒްރޭލުން ހުއްޓާލަން ޖެހެ އެވެ.
ބަހުރެއިންގެ އެ ނިންމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވާފައިވަނީ ބަހުރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާގެ އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ފޯނުން ވާހަކަ ދެއްކެވުމަށް ފަހު އެވެ.
"މިއީ ހަގީގަތުގައިވެސް ވަރަށް ތާރީހީ ދުވަހެއް،" ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު ގައުމުތަކުންވެސް އިޒްރޭލާއެކު ގުޅުން ގާއިމުކުރާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވި އެވެ.
އޭގެ ފަހުން ތިން ގައުމު ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ބަހުރެއިންނާއި އިޒްރޭލުން ގުޅުން ގާއިމުކުރުމުގެ ސަބަބުން މެދުއިރުމަތީގައި ހަމަޖެހުން ގާއިމުވެ، ސަރަހައްދުގެ ކުރިއެރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.
އެކަމާ ގުޅިގެން، ޕަލަސްތީނު އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ ބަހުރެއިންގެ އެ ނިންމިމުގެ ސަބަބުން ޕަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އިއާދަނުކުރެވޭވަރުގެ ގެއްލުން ލިބޭނެ ކަމަށެވެ. އަދި އެ ނިންމުން އަނބުރާ ގެންދަން ބަހުރެއިނަށް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.
ހުޅަނގު އައްސޭރި ފަށުގައި ގާއިމުކޮށްފައިވާ ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭން (ޕީއެލްއޯ) އިން ވަނީ ބަހުރެއިންގެ އެ ނިންމުމަކީ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތްތަކަށް "ފަހަތުން ދިން ހީލަތްތެރި ހަމަލާއެއް"ގެ ސިފަކޮށް، އެ ކަން ކުށަވެރިކޮށްފަ އެވެ.