ބަހްރައިން

ބަހްރޭނުން އިޒްރޭލަށް ސަފީރެއް

ބަހްރޭނުން އިޒްރޭލަށް ސަފީރަކު ހަމަޖައްސައިފި އެވެ. މިއީ ބަހްރޭނުން އިޒްރޭލަށް ސަފީރެއްގެ ފެންވަރުގައި ބޭފުޅަކު ކަނޑައެޅުއްވި ފުރަތަމަ ފަހަރެވެ. ސަފީރުކަން ހަވާލު ކުރައްވާފައި ވަނީ ޚާލިދު ޔޫސުފް އަލްޖަލާހިމާ އަށެވެ.

ޚާލިދު އަލްޖަލާހިމާ ޓްވިޓާގައި ވިދާޅުވެފައިވާ ގޮތުގައި އޭނާ މިހާރު ހުންނެވީ އިޒްރޭލުގެ ވެރިރަށް ތެލްއަވީވްގަ އެވެ. މަގާމާ ހަވާލުވެ ވަޑައިގެން ޒިންމާ އުފުއްލެއްވުމުގައި ބުރަކޮށް އުޅުއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޚަބަރުތައް ބުނާ ގޮތުން ބަހްރޭންގެ ރަސްގެފާން ހައްމާދު ބިން އީސާ އަލް ޚަލީފާ އިޒްރޭލަށް ސަފީރަކު ހަމަޖައްސާވާފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެހެން ނަމަވެސް މަގާމުގެ ފަތްކޮޅު ހަވާލު ނުކުރައްވައި މަޑުކޮށްލެއްވީ ދުނިޔޭގެ މަޝްރަހު އަންދާޒާ ކޮށްލެއްވުމަށެވެ.

މެދުއިރުމަތީގެ އަރަބި އެކުވެރި ގައުމުތަކުން އިޒްރޭލާއެކު ގުޅުން ބަދަހި ކުރަން ފެށި މަސައްކަތްތަކުގައި ބަހްރޭނުން ބައިވެރިވީ ސެޕްޓެމްބަރު 11، 2020 ގަ އެވެ. އެއީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން އޮގަސްޓް 13، 2020 ގައި އިޒްރޭލާއެކު ގުޅުން ބަދަހިކުރި ފަހުންނެވެ.

އަރަބި ގައުމުތަކުން އިޒްރޭލާއެކު ގުޅުން ބަދަހި ކުރުމަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރޭވުމެކެވެ. އިޒްރޭލާއެކު ގުޅުން ބަދަހި ކުރުމުން ކޮންމެ ގައުމަކަށް ވެސް ކޮންމެވެސް އިނާމެއް ލިބޭ ގޮތަށް އެއިރު އޮތީ ވާހަކަ ދެކެވިފަ އެވެ. އެހެން ނަމަވެސް އިޒްރޭލާއެކު ގުޅުން ބަދަހިކުރަން އެކުލަވާލި އަބްރަހަމް އެކޯޑްސް އެއްބަސްވުން ރަނގަޅަށް ވައިގައި ނުހިފައިގެން އުޅެނިކޮށް ޓްރަމްޕަށް ވެރިކަން ގެއްލި ވަޑައިގަތީ އެވެ.

އަބްރަހަމް އެކޯޑްސްއަށް އަމަލުކުރަން ފެށީ ސެޕްޓެމްބަރު 15، 2020 ގަ އެވެ. ރަސްމިއްޔާތު އޮތީ އެމެރިކާގެ ވައިޓް ހައުސްގަ އެވެ. އެމިރޭޓްސްއިން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒައިދު އައްނަހްޔާން އެވެ. ބަހްރޭނުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުއްލަތީފް ބިން ރާޝިދު އައްޒަޔާނީ އެވެ.

އެމެރިކާއިން ސޮއިކުރެއްވީ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. އަދި އިޒްރޭލުން ސޮއިކުރެއްވީ އިޒްރޭލުގެ އެއިރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ.