ސައޫދީ އަރަބިއްޔާ އާއި އިޒްރޭލާ ދެމެދު ގުޅުން ބަދަހިކުރަން އެދިވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވަން އޮތީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއަށް ދަންނަވާފަ އެވެ.
ސުލިވަން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅެއްގައި އެ މައުލޫއަށް އަލިއަޅުއްވާ ލައްވައި ބަސް ވިދާޅުވި ކަމަށް ހަބަރުތައް ބުނެ އެވެ.
އިޒްރޭލާއެކު އޮންނަ ގުޅުން ރަނގަޅު ކުރެއްވުމަށް ޕްރިންސް މުހައްމަދު ބިން ސަލްމާން މުޅިން ދެކޮޅު ނުހައްދަވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެން ނަމަވެސް ވިދާޅުވި ކަމަށް ވަނީ ސައޫދީގެ ޝަރުތުތަކަށް އެމެރިކާއިން ވެސް ރުހެން ޖެހޭ ކަމަށެވެ.
ޕްރިންސް މުހައްމަދު ބިން ސަލްމާން ސުލިވަންއަށް ދެންނެވި ކަމަށް ވަނީ އިޒްރޭލާއެކު ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރުމަށް ވަގުތު ނަގާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޝަރުތު ތަކުގެ ތެރޭގައި ވޮޝިންޓަނާއި ރިޔާޒްއާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރުން ވެސް ހިމެނޭ ކަމަށެވެ
ސައުދީން އިޒްރޭލާއެކު އެއްވެސް ޑީލެއް ހަދާނީ އިޒްރޭލު ސަރުކާރުން ފަލަސްތީނާ މެދު ގެންގުޅޭ ސިޔާސަތަށް ބަދަލު ގެނައުމުން ކަމަށް ވެސް ޕްރިންސް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ސައޫދީ ސަރުކާރުން ވެސް އެކަމަށް ބާރު އަޅާނެ ކަމަށެވެ.
މެދުއިރުމަތީގައި އެންމެ ބާރުގަދަ ގައުމަކީ ސައޫދީ އެވެ. ސައުދީ އަރަބިޔާއިން އިޒްރޭލު ރަސްމީކޮށް ބަލައިގަތުމަކީ އަރަބި - އިޒްރޭލު ގުޅުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ އެވެ. އެމެރިކާ އެންމެ އެދޭ ގޮތަކީ ވެސް މިއީ އެވެ.
ސައުދީއާ އެމެރިކާއާ ދެމެދު އޮންނަ ގުޅުން ދޭތެރެ ދޭތެރެއިން ބަލިކަށިވެ، ރޫފަޖެހިދެ އެވެ. އެމެރިކާގެ ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު މެދުއިރުމަތީގައި އެމެރިކާ އަމަލުކުރަމުންދާ ސިޔާސަތަށް ބަދަލު ގެނެ އެވެ.
މުހައްމަދު ބިން ސަލްމާން ސައޫދީ ހިންގަން ފެއްޓެވި ފަހުން އެމެރިކާއަށް ހިތުހުރި ގޮތެއް ހަދާކަށް ނުކެރެ އެވެ. އެމެރިކާއިން މިހާރު ބޮޑަށް ބަލަނީ ސައުދީއަށް ކަމުނުދާ ކަންތައްތަކުން ދުރުހެލިވެ މާބޮޑަށް ފާޑު ނުކިޔާވޭތޯ އެވެ.
އެމެރިކާއަކީ އަސްކަރީ ގޮތުން ބާރުގަދަ ގައުމަކަށް ވުމުން މިކަމުގެ ފައިދާ އެމެރިކާއިން ވަރަށް ރަނގަޅަށް ނަގަ އެވެ. އެހެން ނަމަވެސް ސައޫދީއާ އާއި ޔޫއޭއީ އަދި ގަތަރުގެ ޒުވާން ވެރިން ބަަސްވިދާޅުވާން ފެއްޓެވުމުން އެމެރިކާއިން ބަސްމަގު އޮމާން ކުރަން ވިސްނާކަން އެނގެ އެވެ.
އެމެރިކާގެ ރައީސް ކަމަށް ޖޯ ބައިޑަން ވަޑައިގެންނެވުމާ ގުޅިގެން ވެސް ސައޫދީއާ އެމެރިކާގެ ގުޅުން މޯޅިވެގެން ދިއަ އެވެ. އެހެން ނަމަވެސް މިހާރު އިވެނީ ސައޫދީއަށް ރަނގަޅު ގޮތް ހައްދަވައި ދެއްވާނެ ކަމަށް އެމެރިކާގެ ވެރިން ވިދާޅުވާ އަޑެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން މިދާކަށް ދުފަހު ސައޫދީއަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވީ ސައޫދީގެ ސަލާމަތާއި ރައްކާތެރިކަން އެމެރިކާއަށް މުހިންމު ކަމަށާއި ސައޫދީ އަކީ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ.
މެދުރިއުމަތީ އަރަބި ގައުމުތަކާއެކު އިޒްރޭލުން ގުޅުން ބަދަހިކުރުމަށް އެމެރިކާ މެދުވެރިވެ އެކުލަވާލި އަބްރަހަމް އެކޯޑްސްގެ ސަބަބުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މަޝްރަހަށް ވަރަށް ބޮޑު ބަދަލުތަކެއް އޮތީ އައިސްފަ އެވެ.
ސެޕްޓެމްބަރު 2020 ގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބަހްރެއިން ވަނީ އަބްރަހަމް އެކޯޑްސް މެދުވެރިކޮށް އިސްރާއީލާއެކު ސިޔާސީ ގުޅުން ރަސްމީކޮށް ގާއިމްކޮށްފަ އެވެ. އެއަށް ފަހު ގިނަ ދުވަސްތަކެއް ނުވަނީސް އަރަބި އިތުރު ދެގައުމަކުން، މޮރޮކޯ އާއި ސޫދާން ވަނީ އަބްރަހަމް އެކޯޑްސްއާ ގުޅިފަ އެވެ.
އިސްރާއީލާއެކު ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން އޮންނަ މިސްރާއި އުރުދުން ހިމެނޭ ގޮތަށް އަރަބި 6 ގައުމު މިހާރު ރަސްމީކޮށް އިޒްރޭލާ މުއާމަލާތްކުރެ އެވެ.