ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެއަށް ބޭނުންވާ މިންވަރަށް ވެކްސިން ހަމަޖެހިގެންދާނެ: ރައީސް

ރާއްޖެއަށް ބޭނުންވާ މިންވަރަށް ކޮވިޑް-19ގެ ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާ އެ އަދަދަށް ވެކްސިން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާއިރު މިކާރިސާގައި، އިގްތިސާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވި އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ. އިގްތިސާދުގެ ބޮޑު ބައެއް ފަތުރުވެރިކަމަށް ބަރޯސާވެފައި އޮއްވައި، ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމަކަށް އައުމުގެ ސަބަބުން، ދިވެހިން ދެކެމުން މިދަނީ، ރާއްޖެ ދުވަހަކުވެސް ނުދެކޭވަރުގެ އިގްތިސާދީ ދަތިތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަލިމަޑުކަމަށް ފަހު އުފާވެރި ދުވަސްތަކަކަށް އަލިވިލޭކަމުގެ އުންމީދުތައް އައުވަމުން އަންނަ ކަމަށާ ކޮވިޑް-19އަށް ވެކްސިންތައް އުފައްދައި ބޭނުންކުރަން ފެށުމަކީ ބަލިމަޑުކަމުން އަރައިގަތުމަށް ލިބުނު ބޮޑު އުންމީދެއް ކަމަށެވެ. ރާއްޖެއަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެ އެކަން ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެ ތަފްސީލެއް ނުދެއްވައެވެ. ވިދާޅުވީ އެ ތަފްސީލް އިދާރާތަކުން ހާމަކުރާނެ ކަމަށެވެ.

ކޮވިޑް-19އަށް ވެކްސިންތައް އުފައްދައި ބޭނުން ކުރަން ފަށާފައިވާއިރު، ރާއްޖެއަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ އެކަން ހަމަޖެހިގެންދާނެ
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ކޮވިޑް-19 ވެކްސިން ހިލޭ ފޯރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކުރިން ވަނީ ވިދާޅުވެފައެވެ. މި މަހުގެ ތިންވަނަ ދުވަހު ގަމުގެ އޮތް ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހިލޭ ވެކްސިން ފޯރުކޮށް ދިނުން ކަމަށާ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ކޮވިޑް-19 ގެ ވެކްސިން ހިލޭ ފޯރުކޮށްދެއްވާނެ ކަމަށެވެ.

ކޯވިޑާ ދެކޮޅަށް އުފައްދާ ވެކްސިނާއި ބޭސް، ފަގީރު ގައުމުތަކާއި ކުރިއަރާފައިވާ ގައުމުތަކުގެ މެދުގައި އެއް ހަމައަކުން ބެހިގެންދާނެ ހަމަހަމަ އުސޫލެއް ގާއިމު ކުރެވެން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮވިޑް ވެކްސިން ވަނީ ދޭން ފަށާފައެވެ. ރާއްޖެއަށް ވެކްސިން ލިބޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައެވެ. ނަމަވެސް މުޅި އާބާދީއަށް ޖެހޭ މިންވަރަށް ވެކްސިން ނުލިބޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.