ޑރ. މުހައްމަދު ޖަމީލް އަހުމަދު

"ބިލު ތަންފީޒުވެއްޖެނަމަ ނަޝީދު 1،000 އަހަރަށް ޖަލަށްލާނެ"

އިންތިގާލީ އިންސާފުގެ ބިލު ރަނގަޅަށް ތަންފީޒު ވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު 1000 އަހަރު ޖަލުގައި އޮންނަން ޖެހިވަޑައިގަންނަވާނެ ކަަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ ޖަނަވަރީ 1، 1953 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެވެ.

މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި މީހަކު، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައި ވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ޖަވާބުދާރީ ކުރުވައި، އެ މީހުންގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު މީހުންނަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައި ދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތު ކުރުން ހިމެނެ އެވެ.

މިރޭ އިދިކޮޅުން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ އިންތިގާލީ އިންސާފުގެ ބިލް މި ސަރުކާރުން ވަކި ބަޔަކަށް އަމާޒުކުރި ނަމަވެސް ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި އެ ބިލް ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަަމަށެވެ. ޖަމީލް ވިދާޅުވީ އެ ގާނޫނުގެ ދަށުން ނޮވެންބަރު 3، 1988 ގައި ޝަހީދުވި ބަތަލުންގެ އާއިލާތަކަށް އިންސާފު ހޯދައި ދޭނެ ކަމަށެވެ.

އަދި 2013 އިގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޮތް ޖަލްސާއެއްގައި ރައީސް ނަޝީދު ދިގު މުއްދަތަށް ޖަލަށްލައްވާނެ ކަމަށް ޖަމީލް ވިދާޅުވި ވިދާޅުވުމުގެ ހަނދާން އާ ކުރައްވާ މިރޭ އޭނާ ވިދާޅުވީ މިރޭގެ ޖަލްސާގައި އެހެން ވިދާޅުވެވެން ނެތް ކަމަށެވެ. އަދި މިހާރު ވިދާޅުވެވެން އޮތީ އިންތިގާލީ އިންސާފުގެ ބިލު ރަނގަޅަށް ތަންފީޒުވެއްޖެނަމަ ނަޝީދު 1000 އަހަރު ޖަލުގައި އޮންނަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

"ކުރިން އަޅުގަނޑު ބުނަމުން އައީ ދިގު މުއްދަތަކަށޭ ޖަލަށް ދާނީ. އަޅުގަނޑު މިރޭ ހިތާމައާއެކު ދަންނަވާލަން ބޭނުންވޭ އިންތިގާލީ އިންސާފުގެ ބިލް ރަނގަޅަށް ތަންފީޒުވެގެން ހިނގައްޖެނަމަ ރައީސް ނަޝީދު، އެއްވެސް ޝައްކެއް ނެތް ގޮތުގައި 1000 އަހަރު ޖަލުގައި އޮންނާނެ،" ނަޝީދަށް ތަކުރާރުކޮށް ފާޑުވިދާޅުވާ ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ އިންތިގާލީ އިންސާފުގެ ގާނޫނުން ބަލަންޖެހޭ ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށެވެ. ރައީސް ޔާމީން ހައްޔަރުކުރި މައްސަލައާއި ގާސިމް އިބްރާހިމް ހައްޔަރުކުރި މައްސަލަ އަދި މުލިއާގޭތެރޭގައި ނަޝީދުގެ އެކުވެރިން ދިރިއުޅުނު މައްސަލަތައް ބަލަން ޖެހޭ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންނަށް އަނިޔާކޮށް ގޯނާކުރި މައްސަލަ އާއި އައްޑޫގައި ބުދު ބެހެއްޓި މައްސަލަ އަދި ވަކި ބަޔަކަށް ނޫނީ ފްލެޓް ނުދޭނެ ކަމަށް ބުނި މައްސަލަވެސް ބަލަން ޖެހޭ ކަމަަށެވެ.

ޖަމީލް މިރޭ ވެސް ވަނީ ސަރުކާރާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. ޖަމީލް ވިދާޅުވީ ވެރިކަމަށް އައުމަށްވެސް އަދި އޭގެ ފަހުން ވެސް ކޮންމެ އިންތިހާބަކަށް އެމްޑީޕީއާއި ސަރުކާރުން ދައްކަނީ ބާރު ނެތް ވާހަކަ ކަމަށެވެ. ނަމަަވެސް މިއަދު ބާރުތައް ލިބުމުން އިންސާފުގެ ދޮރު ކިލަނބުވެ، ވިޔަފާރިތައް ބަނގުރޫޓްވެ، ރައްޔިތުން ނިކަމެތިވެފައިވާ ކަަމަށެވެ.

އެމްޑީޕީއަށް މެޖޯރިޓީ ދީގެން ރައްޔިތުންނަށްވީ އެއްވެސް ފައިދާއެއް ނެތް ކަމަށާ އެމްޑީޕީގެ އަދުލްގެ ނިޒާމުގައި އިދިކޮޅުގެ އެއްވެސް މީހަކަށް އިންސާފެއް، ކަފާލާތެއް ނުލިބޭނެ ކަމަށެވެ. އަދި ފަނޑިޔާރުންނަށް މިނިވަން ކަމެއް ނެތް ކަމަށާ ޝަރުއީ ދާއިރާ މުޅީން ހަރާބުކޮށްފައިވާ ކަމަށެވެ.

"މުޅި އެމްޑީޕީގެ އަދުލުގެ ނިޒާމުގައި ދުވަނީ ވަހުޝަތުގެ ވަސް،" ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވި އެވެ.