ހަބަރު

ލައިސަންސްގެ ބަދަލުގައި ދެން ޕާސްޕޯޓް ކާޑު ބޭނުން ނުކުރެވޭނެ

Dec 29, 2020

ލައިސަންސް ކާޑުގެ މައުލޫމާތު ބެލުމަށް ޕާސްޕޯޓް ކާޑު ބޭނުންނުކުރެވޭ ގޮތަށް ދިވެހި ޕާސްޕޯޓު ކާޑާބެހޭ ގަވާއިދު އިސްލާހުކޮށްފި އެވެ.

ދަތުރުފަތުރުކުރުމުގައި ޕާސްޕޯޓް ބޭނުންނުވާ އަދި ފައިސާގެ މުއާމަލާތްތައް ވެސް ކޮށްލެވޭ ޕާސްޕޯޓް ކާޑް އިމިގްރޭޝަނުން ތައާރަފްކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި އެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި އެލައިޑް އިންޝްއަރެންސާ ގުޅިގެން އިމިގްރޭޝަނުން ތައާރަފްކުރި ޕާސްޕޯޓް ކާޑް މެދުވެރިކޮށް ދުނިޔޭގެ އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމާއި އޭޓީއެމްތަކުން ފައިސާ ނެގުމާއި ޕީއޯއެސް މެޝިންތަކުން ވިޔަފާރި ކުރުން އަދި އޮންލައިން ވިޔަފާރި އަދި އިންޝްއަރެންސްގެ ހިދުމަތްތަކުގައި ވެސް މި ކާޑް ބޭނުން ކުރެވެ އެވެ.

އަދި މީގެ އިތުރަށް އައިޑީކާޑާއި ލައިސަންސް ކާޑްގެ ގޮތުގައި ވެެސް އަދި ރަސްމީ އެހެން ބޭނުންތަކުގައި ވެސް މި ކާޑް ބޭނުން ކުރެ އެވެ.

ނަމަވެސް އިމިގްރޭޝަނުން ވަނީ އެ ގަވާއިދު އިސްލާހުކޮށް، ޑްރައިވިން ލައިސެންސް ކާޑުގެ މައުލޫމާތު ބެލުމަށް ޕާސްޕޯޓު ކާޑު ބޭނުންކުރެވޭނެ ކަމަށް އިން މާއްދާ އުނިކޮށްފަ އެވެ.

މީގެ އިތުރުން، ދިވެހި ޕާސްޕޯޓު ކާޑު މެދުވެރިކޮށް ލިބޭނެ ކަމަށް ގަވާއިދުގައި ބުނާ ހިދުމަތްތަކުގެ އިތުރަށް އިތުރު ހިދުމަތް ލިބޭގޮތަށް ހަމަޖެއްސުމުގެ އިހުތިޔާރު އިމިގްރޭޝަނަށް ލިބިގެންވާ މާއްދާއެއްވެސް އެ ގަވައިދަށް ވަނީ އިތުރުކޮށްފައި އެވެ.