ބޮލީވުޑް

ނީލަމް އާއި ސަމީރަށް ހަގީގީ ލޯބި ލިބުނީ ދެ ވަނަ ކައިވެނިން

"ތޫ ރޫޓާ ތޯ މައި ރޯ ދޫނގީ ސަނަމް" އަކީ އައްޑިހައިގެ އަހަރު ތަކުގައި ރާއްޖޭގައި ވެސް އެންމެ މަޝްހޫރު އެއް ލަވަ އެވެ. މިއީ އެ ދުވަސްވަރު ނުކުތް "ޖަވާނީ" ގެ ލަވަ އެކެވެ. އަދި މިއީ ނީލަމް ކޮތާރީ ފިލްމީ ދުނިޔެއަށް ތައާރަފްވީ ފިލްމެވެ. ނީލަމްގެ ރީތި ކަމާއި ފަރި އަދާތަކުގެ ޖާދޫގައި އެ ދުވަސްވަރު ގިނަ ބަޔަކު ޖެހުނެވެ. ނަމަވެސް ނުވަދިހައިގެ އަހަރުތަކުގެ ވަކި ހިސާބަކުން ބޮޑު ސްކްރީނުން ނީލަމް ގެއްލުނީ އެވެ.

ނީލަމް ފިލްމު ކުޅުމާ ދުރުވީ އަލަތު ކައިވެންޏަށް ފަހުގަ އެވެ. އިންޑަސްޓްރިއަލިސްޓެއް ކަމަށްވާ ރިޝީ ސޭތިއާ އާއި ނީލަމްގެ ކައިވެނި މާ ގިނަ ދުވަހަކު ދެމިއެއް ނޯތެވެ.

ފުރަތަމަ ފިރިމީހާ ކައިރިން ވަރިވެގެން ހުއްޓާ ނީލަމް އަށް ޓީވީ-ބޮލީވުޑް އެކްޓަރު ސަމީރް ސޯނީ އާ ބައްދަލުވި އެވެ. އަދި ވަރަށް އަވަހަށް ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދި ކައިވެނި ކުރި އެވެ. ކަން ދިމާކުރި ގޮތުން ނީލަމާ ކުރި ކައިވެންޏަކީ ސަމީރުގެ ވެސް ދެ ވަނަ ކައިވެންޏެވެ.

ސަމީރު އަކީ ކުރިން ފެޝަން މޮޑެލް އެކެވެ. އޭނާގެ ފުރަތަމަ އަނބިމީހާ ރާޖްލަކްޝްމީ އާ އޭނާއާ ބައްދަލުވީ ވެސް ފެޝަންގެ ދުނިޔެއިންނެވެ. ނަމަވެސް އެ ކައިވެންޏަށް މާ ގިނަ ދުވަހެއް ނުވެ ދެ މީހުން ވަކިވީ އެވެ. އޭގެ ފަހުން މިސް. އިންޑިއާގެ ތާޖު ހާސިލުކުރި އަދި މިހާރު މަރުވެފައިވާ ނަފީސާ ޖޯސެފް އާ ވެސް ސަމީރް އެންގޭޖްވި އެވެ. ނަމަވެސް ދެ އަހަރެއް ތެރޭ މި އެންގޭޖްމަންޓް ވެސް ރޫޅުނީ އެވެ. ހަގީގީ ވަފާތެރި ލޯބިވެރިޔެއް ސަމީރަށް ލިބުނީ ނީލަމް އާ ބައްދަލުވުމުންނެވެ.

ނީލަމް އަށް ސަމީރް ތައާރަފްކޮށް ދިނީ ޓީވީ ޕްރޮޑިއުސަރު އެކްތާ ކަޕޫރެވެ. އަދި އެކްތާ ވީ މި ލޯބީގައި ކިއުޕިޑް އަކަށެވެ. މި ދެ ތަރިންގެ ކައިވެނި އޮތީ ޖެނުއަރީ 2011 ގައެވެ. ނަމަވެސް ހަގީގީ ލޯބި ލިބި ދެ މީހުން ކައިވެނި ކުރިއިރުވެސް ދެ މީހުންގެ އުމުރު 40 އަށް ވުރެ މަތީގައި އުޅޭތީ ދަރިއަކު ލިބުމުގެ މާ ބޮޑު އުންމީދެއް އެމީހުންނަކަށް ނެތެވެ. އެހެންވެ ކައިވެންޏަށް ދެ ވަނަ އަހަރު އެ މީހުން ވަނީ އަލަށް އުފަންވި ތުއްތު ކުއްޖެއް އެޑޮޕްޓްކޮށްފަ އެވެ.

ނީލަމް އާއި ސަމީރްގެ މުޅި ދިރިއުޅުން ބައްޓަން ވެފައިވަނީ ދާދިފަހުން އަށް ވަނަ އުފަން ދުވަސް ފާހަގަކުރި އާހަނާ ސޯނީގެ ވަށައިގެންނެވެ. އަމިއްލަ ފުރާނައަށް ވުރެ ވެސް މި ދެ މީހުން އާހަނާ ދެކެ ލޯބި ވެއެވެ. އާހަނާ ވެގެން ދިޔައީ އެމީހުންގެ ފަޅު ހަޔާތަށް ދިރުމާއި އުފާ ގެނެސްދިން ކުއްޖަކަށެވެ.

އަމިއްލަ ދަރިއަކު ނުހޯދާ ކުއްޖަކު އެޑޮޕްޓްކުރަން ނިންމި ސަބަބު ތަންކޮޅެއް ކުރިން ނުކުތް ފިލްމީ މަޖައްލާއަކަށް ދީފައިވާ އިންޓަވިއުގައި ސަމީރު ކިޔައިދީފައި ވެއެވެ. އޭނާ ބުނީ ކައިވެނި ކުރި އިރުވެސް އެމީހުންނަކީ 20 ވަރަކަށް އަހަރުގެ ޒުވާނުން ނޫން ކަމަށެވެ.

"ކައިވެނި ކުރިއިރު އަހަރެމެން ދެ މީހުންގެ ވެސް އުމުރު އުޅެނީ ސާޅީހުން މަތީގަ. އަހަރެމެން ދެ މީހުން އަބަދުވެސް ބޭނުންވީ އަންހެން ދަރިއެއް. ސަރަގޭޓް މަންމައެއްގެ ޒަރިއްޔާއިން ކުއްޖަކު ހޯދުމުގެ ފުރުސަތު ވެސް އަހަރެމެންނަށް އޮތް. ނަމަވެސް އަހަރެމެން ގަސްތުކުރީ ކުއްޖަކު އެޑޮޕްޓްކޮށް އެ ކުއްޖާއަށް ރަނގަޅު އުފާވެރި ދިރިއުޅުމެއް ހޯދައިދެވޭތޯ މަސައްކަތް ކުރަން،" ސަމީރު ބުންޏެވެ.

ސަމީރު ފިލްމީ މަސައްކަތުގައި ބިޒީކޮށް އުޅުނަސް ނީލަމް އަލުން ފިލްމު ކުޅުމުގައި ބިޒީވާކަށް ބޭނުމެއް ނޫނެވެ. އޭނާގެ ހުރިހާ ވަގުތެއް ވެސް ހުސްކޮށްފައިވަނީ އާހަނާ އަށެވެ. އެއްގޮތަކަށް ވެސް ފިލްމީ ދުނިޔޭގެ ހަނދާނެއް ނީލަމް އެއް ނުވެ އެވެ. ދެ ވަނަ ކައިވެނިން ނަމަވެސް އުފާވެރި ބާއްޖެވެރި ހަޔާތެއް ލިބުނީތީ ސަމީރު އާއި ނީލަމް ވެސް ތިބީ ހިތްހަމަޖެހިގެންނެވެ.