ބޮލިވުޑް ބަތަލާ މިނީޝާ ލާމްބާ މީގެ ފަސް އަހަރު ކުރިން ކައިވެނި ކުރި ރަޔަން ތަމް އާ ވަކިވާކަން އިއުލާން ކުރީ މިދިޔަ އަހަރު އެވެ. އަދި މިހާރު ދެ މީހުން ވަރިވެ މިނީޝާ އާ ލޯބިވެރިޔަކު ހޯދައިފި ކަމުގެ އިޝާރާތެއް ދާދިފަހުން ވަނީ ދީފަ އެވެ. އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި މިނީޝާ ބުނީ މިހާރުގެ ލޯބިވެރިޔާއަކީ ވަރަށް ރަނގަޅު މީހެއް ކަމަށެވެ.
ވަރިއާ ގުޅޭ ގޮތުން ޓައިމްސް އޮފް އިންޑިއާ އާ ވާހަކަ ދައްކަމުން މިނީޝާ ބުނެފައި ވަނީ ބައެއް ވަރިތަކުގައި އެއްވެސް މީހަކު ބަދުނާމު ކުރެވެން ނޯންނަ ކަމަށާއި އޭނާގެ ވަރީގައި ވެސް އެކަކު ވެސް ކުށްވެރިވާ ކަމަށް ނުދެކޭ ކަމަށެވެ.
"އެއްވެސް މީހަކު ކުރި ކުށަކާ ނުލައި ވެސް ކައިވެނި ބައެއް ފަހަރު ރޫޅޭ. އެކުގައި ދިރިއުޅެން ފެށީމަ އެނގެނީ އެކަކު އަނެކަކާ އެކުގައި ނޫޅެވޭ ކަހަލަ މިޒާޖެއްގެ ދެ މީހެއްކަން. އެއީ ވަކި މީހަކު ގޯސް ވެގެން ވާ ކަމެއް ނޫން. ހާލަތު ނިޔާކުރާ ގޮތުން ދިމާވާ ކަމެއް. ބައެއް ކަހަލަ ވާހަކަތަކަކީ ވަރަށް ޕްރައިވެޓް ވާހަކަތައް. އެހެންވީމަ އެ ވާހަކަތަކަށް ދެއްކުމަކީ އިހުތިރާމް ކުޑަކުރުން ކަމަށް އަހަރެން ދެކެން،" މިނީޝާ ބުންޏެވެ.
"ބަޗްނާ އޭ ހަސީނާ" ގެ ބަތަލާ ބުނީ ވަރިއަށް ފަހު ދިރިއުޅުން މާ އުފާވެރި ކަމަށާއި މިހާރު އުޅެމުން ދަނީ ވަރަށް ހިތްހަމަޖެހޭ ދިރިއުޅުމެއް ކަމަށެވެ.
މިނީޝާ ބޮލީވުޑަށް ނުކުތީ 2005 ގައި ރިލިޒްކުރި ޑައިރެކްޓަރު ޝޫޖިތު ސިރްކާރްގެ "ޔަހާން" އިންނެވެ. އޭގެ ފަހުން ރަންބީރު ކަޕޫރާއެކު "ބަޗްނާ އޭ ހަސީނޯ"، "ކޯޕަރޭޓް"، "ޒިއްލާ ގާޒީއާބާދު" އަދި "ހަނީމޫން ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް" ކުޅުނެވެ. އޭނާ އެންމެ ފަހުން ކުޅުނީ ސަންޖޭ ދަތު ބަތަލުގެ ބައި ކުޅެފައިވާ "ބޫމީ" އެވެ.
މިނީޝާގެ ކެރިއަރު ހަލާކުވާން މެދުވެރިވީ މޫނުމަތި ރީތިކުރަން ހެދި ޕްލާސްޓިކް ސާޖަރީއެއްގެ ސަބަބުން މޫނު ހުތުރުވެގެންނެވެ. އޭގެ ފަހުން މާ ގިނަ ފިލްމުތަކެއް އޭނާ ނުކުޅެ އެވެ.