ޔާމީ ގޯތަމް ކައިވެނި ކުރަން އުޅޭ ކަމުގެ ހަބަރެއް ވެސް ނުވެ ކުއްލިއަކަށް އޭނާގެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްލުމުން ފޭނުން ހައިރާން ކޮށްލައިފި އެވެ. ޔާމީ ކައިވެނި ކުރީ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރު އަދިތުޔާ ދާރް އެވެ.
ހުކުރު ދުވަހު އޮތް ކައިވެނީގެ ރަސްމިއްޔާތަށް ފަހު ޔާމީ އާއި އަދިތުޔާ ވަނީ އެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ކައިވެނީގެ ފޮޓޯތައް ޝެއާ ކޮށްފަ އެވެ.
ޔާމީ ޝެއާ ކުރި ފޮޓޯއާއެކު ލިޔެފައިވާ މެސެޖުގައި އޭނާ އާއި އަދިތުޔާ ކައިވެނިކުރި ވާހަކަ އާއި އެ ދެ މީހުންނަކީ ވެސް ވަރަށް ޕްރައިވެޓް ދިރިއުޅުމަކަށް ލޯބިކުރާ ބަޔަކަށް ވާތީ ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާގެ މީހުން އެކަނި ކަމަށް ބުނެފައި ވެއެވެ. އަދި އެމީހުންގެ ހަޔާތުގައި އަލަށް ފެށި ދަތުރުގައި ހުރިހާ ފޭނުންގެ ހެޔޮ ދުއާ ބޭނުންވާ ކަމަށް ޔާމީ ބުނެފައި ވެއެވެ.
ޔާމީ ވަނީ އޭނާގެ މިހާރުގެ ފިރިމީހާ އަދިތުޔާ ޑައިރެކްޓަރެއްގެ ގޮތުގައި އުފެއްދި ފުރަތަމަ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގައި ބަތަލާގެ ބައި ކުޅެފަ އެވެ. މި ދެ ފަންނާނުންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ 2019 ގައި ރިލީޒްކުރި މި ފިލްމު އުފެއްދުމުގެ މަސައްކަތް ކުރި ދުވަސްވަރު ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.
"އުރީ: ދަ ސާޖިކަލް ސްޓްރައިކް" ޑައިރެކްޓް ކޮށްގެން އެ އަހަރުގެ އެންމެ މޮޅު ޑައިރެކްޓަރުގެ ފިލްމްފެއާ އެވޯޑާއި އެނޫން ވެސް ގިނަ އެވޯޑުތަކެއް އަދިތުޔާ އަށް ލިބުނެވެ.
ޑައިރެކްޓަރެއްގެ އިތުރުން އަދިތުޔާ އަކީ ލިޔުންތެރިއެކެވެ. އަދި ޝާއިރެއް ވެސް މެއެވެ. "ކާބުލް އެކްސްޕްރެސް"، "އާކްރޯޝް" އަދި "ހާލޭ ދިލް" ގެ ލަވަތަކާއި ޑައިލޯގްތައް ލިޔެފައި ވަނީ އަދިތުޔާ އެވެ.
އަދިތުޔާ މިހާރު މަސައްކަތް ކުރަމުން ދަނީ "ދި އިމޯޓަލް އަޝްވާތުމާ" ކިޔާ ފިލްމެއްގަ އެވެ. މި ފިލްމުގެ ވެސް ބަތަލަކީ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ވެސް ބަތަލު ވިކީ ކޯޝަލް އެވެ.
ޔާމީ މި ވަގުތު ކުޅެމުން ދަނީ "ބޫޓު ޕޮލިސް" ކިޔާ ފިލްމެކެވެ.