ދުނިޔެ

ކްރޮއޭޝިއާގެ ރައީސް ކަމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އިންތިޚާބުކޮށްފި

Jan 12, 2015

ހަނި އަޣުލަބިއްޔަތަކުން ކްރޮއޭޝިއާގެ ރައީސްގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު މިއަދު އިންތިޚާބުކޮށްފި އެވެ.

އިދިކޮޅު ލީޑަރު ކޮލިންޑާ ގްރަބާ ރައީސް ކަމަށް އިންތިޚާބުވެފައިވަނީ އެ ގައުމުގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެ ގައުމުގެ މިހާރުގެ ރައީސް ޖޮސިޕޮވިކާ ވާދަކޮށްގެން ކުޑަ ތަފާތަކުންނެވެ. ކޮލިންޑާއަށް 50.5 އިންސައްތަ ވޯޓު ލިބިފައިވާއިރު ޖޮސިޕޮވިކަށް ލިބިވަޑައިގަތީ 49.5 އިންސައްތަ ވޯޓެވެ.

އެ ދެ ބޭފުޅުންގެ ދެމެދުގައި އެހާ ތަފާތު ކުޑަވުމުގެ އިތުރުން މަދު ވޯޓު ފޮށިތަކެއް މިހާތަނަށް ނުގުނި އޮތުމުން ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތު އޮތް ނަމަވެސް ރައީސް ޖޮސިޕޮވިކް ވަނީ ބަލި ގަބޫލު ކުރައްވައި، ކޮލިންޑާއަށް މަރުހަބާ ވިދާޅުވެފަ އެވެ.

ދެވަނަ ބުރުން ކޮލިންޑާ އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ބޭއްވި ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ރައީސް ޖޮސިޕޮވިކެވެ.

ކުރިން އެ ގައުމުގެ ފޮރިން މިނިސްޓަރު ކަން ވެސް ކުރެއްވި ކޮލިންޑާއަކީ ކްރޮއޭޝިއާއަށް މިނިވަންކަން ހޯދައި ދިނުމުގައި މަސައްކަތް ކުރި ކްރޮއޭޝިއަން ޑިމޮކްރެޓިކް ޔޫނިއަންގެ ވެސް މެމްބަރެކެވެ.