ރިޕޯޓް

ކޮރަޕްޝަން ހުއްޓުވަން އޭސީސީއަކަށް ނޫޅެވޭ!

Jan 5, 2021
4

ބައިނަލްއަގްވާމީ އިގްތިސޯދީ މިންގަނޑުތަކުގައި ރާއްޖެ ގިންތި ކޮށްފައި ވަނީ ތަރައްގީވަމުންދާ ގައުމެއްގެ ގޮތުގަ އެވެ. ރާއްޖެއަކީ ތަރައްގީގެ އެކި މަޝްރޫއު ތަކަށް ދުނިޔޭގެ އެކި ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމާއަތް އަދި ޖަމިއްޔާ ތަކުން ބޮޑެތި ހިލޭ އެހީ ލިބޭ ގައުމެކެވެ. އެހީ ދިނުމުގައި ބަކާ އެންމެ މުހިއްމު އެއް ކަމަކީ އެ ގައުމެއްގެ ކޮރަޕްޝަނުގެ ހާލަތެވެ.

އެހެން އޮތް ނަމަވެސް ރާއްޖެއަކީ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ތަފާތު ފައިދާ އާއި މަންފާ ހޯދުމުގެ ދިގު ތާރީހެއް އޮތް ގައުމެކެވެ. އޭގެ ސަބަބުން ރާއްޖޭގެ ތަރައްގީ އާއި އިގްތިސޯދަށް ހީނަރުކަން ލިބި ރައްޔިތުންނަށް ލިބެން ޖެހޭ ފައިދާ އެތައް ތަނަކުން ކުޑައެވެ. އަދި އަހަރުން އަހަރަށް ބަލާއިރު ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ދަނީ ވެސް އިތުރުވަމުންނެވެ.

ރާއްޖޭގެ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަހުގީގު ކުރަން ގާނޫނުން މަތިކޮށްފައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށެވެ.

ދުނިޔޭގެ ނިސްބަތުން ރާއްޖެ 130 ވަނާގައި

މުޅި ދުނިޔޭގެ ފެންވަރުގައި ތައްޔާރުކުރާ ކޮރަޕްޝަނާ މެދު ދެކޭ ގޮތުގެ ދިރާސާ، "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް" ގައި 2019 ވަނަ އަހަރު ހިމެނޭ 180 ގައުމުގެ ތެރެއިން ރާއްޖެ ދަރަޖަކޮށްފައި ވަނީ 130 ވަނާ ގަ އެވެ. ރާއްޖެއާއިއެކު 130 ވަނައިގައި މިއަންމާ، މެކްސިކޯ، މާލީ، ޓޯގޯ، އަދި ލާއޯސް ހިމެނެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ އިންޑެކްސްގައި ރާއްޖެ ދަރަޖަކޮށްފައި ވަނީ 95 ވަނައިގަ އެވެ. ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު އަހަރަކުން އަހަރެއް ދަނީ ގޯސްވަމުންނެވެ. ދެހާސް ސޯޅަ އިން 2019 ވަނަ އަހަރަށް ތިން އަހަރުތެރޭގައި "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް" ގައި ރާއްޖެ މިވަނީ 35 ދަރަޖަ ފަހަތަށް ސޮއްސާލާފަ އެވެ.

ސަރަހައްދުގައި ކޮރަަޕްޝަންގެ ތިން ވަނަ

ކޮރަޕްޝަނާ މެދު ދެކޭ ގޮތުގެ ދިރާސާގައި 2019 ވަނަ އަހަރު 29 ޕޮއިންޓް ލިބި ރާއްޖެ ހިމެނެނީ ސަރަހައްދީ ގައުމުތަކުން ތިން ވަނަ އަށް ކޮރަޕްޝަން އެންމެ މަތި ގައުމުގެ ގޮތުގަ އެވެ. މި ސަރަހައްދުގެ ގައުމުތަކުން ކޮރަޕްޝަން އެންމެ ދަށް ގައުމުގެގޮތުގައި ހިމެނެނީ 2019 ވަނަ އަހަރުގެ އިންޑެކްސްގައި 68 ޕޮއިންޓް ލިބި މުޅި ދުނިޔޭގެ ނިސްބަތުން 25 ވަނައިގައި ހިމެނޭ ބޫޓާނެވެ.

ގިނައީ ތަކެތި ގަތުމުގެ މައްސަލަތައް

ކޮރަޕްޝަނާއި ގުޅޭގޮތުން އޭސީސީއަށް މިދިއަ ފަސް އަހަރު ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލާއިރު އެންމެ ގިނަ މައްސަލަ ހުށަހަޅާފައި ވަނީ ޕްރޮކިއުމަންޓް ނުވަތަ ތަކެތި ގަތުމާއި ގުޅުންހުރި މައްސަލަތަކެވެ. ތަކެތި ގަތުމަކީ އެކަމުގައި ފައިސާ ހިމެނޭ އަދި ކޮންމެ މުއައްސަސާއެއްގެ މަސައްކަތުގައި ހިމެނޭ ކަމެކެވެ. އެކަމަކު ދައުލަތުގެ މުއައްސަސާތަކުން ތަކެތި ގަތުމުގައި އަމަލު ކުރާނެ ހަމަތައް ބަޔާންކުރާ ވަކި ގާނޫނެއް ރާއްޖޭގައި ނެތެވެ.

މި ވަގުތު އަމަލު ކުރަމުންގެން ދަނީ ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން 2017 ފެބަރުއަރީ މަހު ފިނޭންސް މިނިސްޓަރު ކަނޑައަޅާފައިވާ ދައުލަތުގެ މާލިއްޔަތު ގަވާއިދަށެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗައް އެކުލެވޭ ގައުމެއްގައި ތަކެތި ގަތުމުގައި ދައުލަތުގެ މުއައްސަސާތައް އެއް ވިއުގައަކުން ގުޅާލެވިފައި ނެތި މިފަދަ މަސައްކަތް އަތުން ކުރުމަކީ މައްސަލަތައް ގިނަވުމުގެ މައިގަނޑު އެއްސަބަބެވެ.

އެފަދަ ވިއުގައެއް ތައްޔާރުކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރެ އެވެ.

އޭސީސީގެ ގާނޫނުގެ 21 ވަނަ މާއްދާގައި ބުނާ ގޮތުން އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ އިތުރުން ކޮރަޕްޝަނުގެ އަމަލުތަކަށް ފާރަވެރިވެ މައުލޫމާތު ހޯދައި ނުވަތަ އެފަދަ ކަމެއްގެ މައްޗަށް ޝައްކު ކުރެވިއްޖެނަމަ، އެކަމެއް ބެލުން ވެސް ހިމެނެ އެވެ. އެ ކޮމިޝަނަށް ހުށަހަޅާ މައްސަލައިގެ 79 ޕަސެންޓަކީ އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަ ތަކެވެ. ކޮމިޝަނަގެ އަމިއްލަ އިސްނެގުމަށް ބަލަން ނިންމާފައި ވަނީ 16 ޕަސެންޓް މައްސަލަ އެވެ.

އޭސީސީގެ އިދާރީ އޮނިގަނޑު ބެހިފައިވާ ގޮތުން އަމިއްލަ އިސް ނެގުމަށް ކަންތައްތައް ހޯދަން ދައުލަތުގެ އެކި އިދާރާތަކުން ހިއްސާކުރާ އިންޓެލިޖެންސް މައުލޫމާތު އެއްކުރުމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފައިސާ ދައުރުކުރާ ވިއުގަތައް ދެނެގަނެގަތުމާއި މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރުކުރާ ކޮރަޕްޝަނާއި ގުޅުންހުރި މައުލޫމާތު އެއްކޮށް، ދިރާސާކޮށް، މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ މައުލޫމާތު ފާހަގަކޮށް ކޮމިޝަންގައި ރެޖިސްޓްރީ ކުރުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި ކޮމިޝަންގައި ހިނގާ ތަހުގީގުތަކާ ގުޅިގެން ހޯދަންޖެހޭ މައުލޫމާތު ހޯދައި ތަހުގީގު ޓީމްތަކަށް ފޯރު ކޮށްދިނުމަށް އިންޓެލިޖެންސް ޔުނިޓެއް ގާއިމްކޮށްފައި ވެއެވެ.

ދެހާސް ނުވަ ވަނައަހަރު އެ ޔުނިޓުން ކުރި މަސައްކަތެއް ކަމަށް އަހަރު ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ މައްސަލަތަކުގައި ތުހުމަތުކުރެވޭ ހަތަރު ފަރާތްތެއްގެ ޓާގެޓް ޕްރޮފައިލް ތައްޔާރުކުރުމާއި ތަހުގީގު ކުރަން ބޭނުންވާނެ މައުލޫމާތު ހިމަނައި ތައްޔާރު ކުރެވުނު ދެ އިންޓެލިޖެންސް ރިޕޯޓެވެ.

ކޮރަޕްޝަންގެ އަމަލުތަކަށް ފާރަވެރިވުމަށް އިންޓެލިޖެންސްގެ މަސައްކަތަކީ މުހިއްމު މަސައްކަތަކަށްވާއިރު މި ފަދަ ޔުނިޓެއްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަންޖެހެ އެވެ.

ހޯދަން އެންގި ފައިސާގެ އަދަދު މަތި

މިދިއަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީއަތައް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުނު މައްސަލަތަކާއި ދައުލަތުގެ އެކި އިދާރާތަކަށް އަނބުރާ ހޯދަން އޭސީސީން އަންގާފައިވާ ފައިސާގެ އަދަދު ފަސް ބިލިއަން ރުފިޔާ އަށްވުރެ ގިނަ އެވެ. މިއީ 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ އޮފީސް ތަކުން ހިންގުމަށް ކަނޑައަޅާފައިވާ ޕީއެސްއައިޕީ ޕްރޮޖެކްޓް ތަކަށް ބަޖެޓް ކޮށްފައިވާ ތިން ބިލިއަން ރުފިޔާ އަށްވުރެ ބޮޑު އަދަދެކެވެ. ނުވަތަ 250 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމު ކުރެވޭނެ ވަރުގެ އަދަދެކެވެ.

ދައުވާ ކުރާ ނިސްބަތް ވަރަށް މަދު

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތައް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ 63 މައްސަލަ އެވެ. މިއީ އޭސީސީން ނިންމާ މައްސަލަތަކުގެ 1.33 ޕަސެންޓް މައްސަލަ އެވެ. އެ ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގެ 98.67 ޕަސެންޓް މައްސަލައަކީ އެކަށީގެންވާ ހެއްކާއި ގަރީނާ ލިބިފައި ނުވާތީ ނިންމާފައިވާ މައްސަލަ ތަކެވެ. ދައުވާ ކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވޭ މަދު މައްސަލަ ތަކުން ވެސް ބައެއް މައްސަލަތައް އިތުރަށް ތަހްގީގު ފުރިހަމަ ކުރުމަށް ނުވަތަ ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން އަނބުރާ ފޮނުވާލާފައިވެ އެވެ.

އޭސީސީއަށް ހުށަހަޅާ މައްސަލަ ތަހްގީގު ކުރުމުގެ މަސައްކަތައް ދެކުނުގެ އަތޮޅުތަކުގައި ހަތަރު މުވައްޒަފުން އަދި މާލޭގައި 38 މުވައްޒަފުން މަސައްކަތް ކުރެ އެވެ. ޝަރީއަތައް ހުށަހެޅުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލައިގެ ނިސްބަތް ދަށްވުމާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާ މައްސަލައިގެ އަދަދު އިތުރުވުމަކީ ތަހުގީގު ފެންވަރު ދެނެގަތުމަށް ބޭނުން ކުރެވޭނެ މިންގަނޑެކެވެ. އެ ފަދަ މައްސަލަތައް އިތުރަށް ދިރާސާ ކުރުމަކީ މުހިއްމު ބޭނުންތެރި ކަމެކެވެ.

ފާއިތުވި ފަސް އަހަރުގެ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ދައުލަތައް ގެއްލިފައިވާ ފައިސާގެ އަދަދާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ގެއްލިފައިވާ ތަރައްގީ މިން ކުރުމުން މިކަމުގައި ހުރި ނުރައްކާތެރިކަމާއި އޭގެސަބަބުން ރައްޔިތުންނަށް ލިބިދީފައިވާ ގެއްލުން އެގެއެވެ. އަދި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތަކީ އެންމެންގެ ފަރްދީ ޒިންމާއެއްކަމުގައި ދެކި މަސައްކަތްކުރަން ޖެހެއެވެ.

މި ރިޕޯޓްގައި ބޭނުންކޮށްފައިވާ މަޢުލޫމާތާއި ތަފާސް ހިސާބަކީ އޭސީސީން އާއްމުކޮށްފައިވާ ތަފާސް ހިސާބާއި އެ ކޮމިޝަނުގެ 2015 އިން 2019 ވަނަ އަހަރުގެ އަހަރު ރިޕޯޓްގައިވާ މައުލޫމާތެވެ.

އެޑިޓަރުގެ ނޯޓް: އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔެފައިވާ އާދަމް އިބްރާހިމްއަކީ ހިއުމަން ރިސޯސާސްގެ ދާއިރާއިން މާސްޓާސް ހާސިލްކޮށް، ސިންގަޕޫރުގެ ޕޮލިސް އެކަޑަމީން ސީނިއާ ޕޮލިސް އޮފިސާސް ތަމްރީން ފުރިހަމަކޮށް ތަފާސް ހިސާބު ބޭނުން ކޮށްގެން ދިރާސާކުރުމަށް ސިކްސް ސިގުމާ މެނޭޖްމަންޓް އިންސްޓިއުޓުން ބްލެކް ބެލްޓް ފުރިހަމަކޮށްފައިވާ ދިވެއްސެކެވެ.