ހިޔާނާތް

ކޮރަޕްޝަނަށް ރިޕޯޓްކުރެވޭ މުވައްޒަފު އެ މަސައްކަތުގައި ދެމިހުރުން

Oct 26, 2021

އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔެފައިވާ އިސްމާޢީލް ޒަރިޔަންދު ވަނީ އޮޑިޓަރު ޖެނެރަލްގެ އޮފީހުގައި އޮޑިޓަރެއްގެ ގޮތުން 20 އަހަރު މަސައްކަތްކޮށް، މިނިސްޓްރީ އޮފް ފިޝަރީޒްގެ ފައިނޭންސް ޑިރެކްޓަރު ކަމާއި މިނިސްޓްރީ އޮފް ފިނޭންސްގެ ނޭޝަނަލް ބަޖެޓްގެ ޑިރެކްޓަރު ކަމާއި މިނިސްޓްރީ އޮފް ފިނޭންސްގެ އިންޓާނަލް އޮޑިޓްގެ ވެރިޔެއްގެ ގޮތުގައި 9 އަހަރު މަސައްކަތްކޮށްފައެވެ. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ހަދާ ކޮމިޓީގައި 2010 ން 2016ށް ހިމެނި ސިވިލްސާވިސް ކޮމިޝަންގެ މެނޭޖްމަންޓް އޮޑިޓް ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި 2010ން 2015ށް ހިމެނިފައިވެއެވެ. މިވަގުތު ހިދުމަތްދެމުންދަނީ ނޭޝަނަލްޓެންޑާ ބޯޑުގެ ޗެއާޕާސަންގެ ގޮތުގައެވެ.

ކޮރަޕްޝަންއަކީ ޤައުމުތަކުގެ ތަރައްޤީގެ ދުވެލި ބަލިކޮށްލާ ޒަހަރެއްކަމަށްވާއިރު، ވޯލްޑްބޭންކު (1997) ން ކޮރަޕްޝަން މާނަކުރަނީ "ޒާތީ ފައިދާއަށް ދައުލަތުގެ އޮފީސް ބޭނުންކުރުން" ކަމަށެވެ. ދުނިޔޭގެ ޤައުމުތަކުން ކޮރަޕްޝަންއާއި ދެކޮޅަށް މަސައްކަތްކުރުމަށް ކަނޑައެޅޭ އދ ގެ މުޢާހަދާ 2003 ވަނަ އަހަރުގެ ތެރޭގައި އެ ޤައުމުތަކުން ޤަބޫލުކުރިއެވެ.

މި ދެންނެވި މުޢާހަދާގެ "އާޓިކަލް 6" ން އެނގޭ ގޮތުން "ހެކީގެ މައްޗަށް ބިނާކޮށް ކޮރަޕްޝަންގެ ޢަމަލުތަކަށް ޝަރުޢީ ހުކުމް ކުރެވޭއިރު، ކޮރަޕްޝަން ހުއްޓުވުމުގެ އެންމެ މުހިންމު ފިޔަވަޅަކީ، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ދުރާލާ ޤާއިމުކުރެވޭ ހަރުދަނާ ސިޔާސަތުތަކާއި އިދާރީ ރޭވުންތެރިކަމެވެ." މި ގޮތުން "ރައްޔިތުންގެ ޚިދުމަތުގައި ތިބޭ މުވައްޒަފުންނަކީ މާލީ އަދި އެހެނިހެން އުސޫލުތަކަށް ބިނާކޮށް ކަނޑައެޅޭ ސުލޫކީ މިންގަނޑެއްގެ ތެރޭގައި މަސައްކަތްކުރާ ބަޔަކަށްވުމާއި، މަސައްކަތުގެ މާޙައުލުން ކުރާ ނުރަނގަޅު ޢަމަލުތަކާއި ކުށްތަކަށް އެކަށީގެންވާ އަޙްލާޤީ މިންގަނޑުތަކާއި އިސްލާޙީ ފިޔަވަޅުތައް ކަނޑައެޅިފައިވާ ބަޔެއްކަމުގައި ވާންޖެހޭ ކަމަށް ސަރަޙަކުރެވެއެވެ.

ތަރައްޤީގެ ދުވެއްޔާއިއެކު ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ ޢަމަލުތައް ދުވަހުން ދުވަހަށް އިތުރުވެ، ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއިމެދު ޢާއްމު ނަޒަރިއްޔާތުން ކޮރަޕްޝަންގެ ޝައްކު އިތުރުވާއިރު، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނު ތަކާއި ޤަވާއިދުތަކުގައި ކުރިންދެންނެވި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ކަންކުރުމުގެ އިޖުރާތުތައް ހަމަޖެހިފައިވާކަމަށް ޤަބޫލުކުރެވެއެވެ. މިގޮތުން ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންއެއް އެކުލަވާލެވި އެ ކޮމިޝަންގެ ބާރާއި މަސްޢޫލިއްޔަތު ޤާނޫނުގައި ކަނޑައެޅިފައިވެއެވެ.

ޤާނޫނުއަސާސީ ގެ މާއްދާ 199 (ހ) އިން އެނގެނީ ދިވެހިރާއްޖޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަންއެއް އޮންނަންވާނޭ ކަމަށް ބަޔާންވާއިރު، އެ މާއްދާގެ (ށ) އިން ކަށަވަރުކޮށްދެނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުޢައްސަސާއެއް ކަމާއި، އެ ކޮމިޝަންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތީންކަމާއި، ދައުލަތުގެ އެންމެހައި ދާއިރާތަކުން ކޮރަޕްޝަން ނައްތައިލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޖެހިލުމެއްނެތި މަސައްކަތް ކުރާންވާނެ ކަމަށެވެ. ވީމާ، އެންޓި-ކޮރަޕްޝަން ކޮމިޝަން އެވަނީ ފުރިހަމަ ބާރާއި އެކު ވުޖޫދުވެފައެވެ.

މި ކޮމިޝަންގެ މެމްބަރުންނަކީ ރައްޔިތުންގެ މަޖްލީހުގެ އަގުލަބިއްޔަތުން ޢައްޔަންކުރެވޭ ބަޔެއްކަމުން، އެންޓި-ކޮރަޕްޝަންއަށް އޮންނަ އިތުބާރު ރައްޔިތުންނަށް ލިބިދެވެއެވެ.

ދައުލަތުގެ އޮފީސްތަކުގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމުގައި އެންމެ މުހިންމުކަމެއް އޮތީ އެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ކަމަށް އދގެ ކޮރަޕްޝަން ހުއްޓުވުމާއިބެހޭ މުއާހަދާއިން އެނގޭއިރު، ދައުލަތުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ދައުލަތުގެ އޮފީސްތަކުން ކަނޑައެޅޭ ޤަވާއިދުތަކެއްގެ މައްޗަށް ބިނާކޮށް ވަޒީފާއަށް ވެއްދޭ މުވައްޒަފުންނެވެ.

މި މުވައްޒަފުންގެ މަސައްކަތްބިނާވަނީ އެ މުވައްޒަފަކު ވަޒީފާއަދާކުރާ އޮފީސްތަކަށް ކަނޑައެޅިފައިވާ ޤާނޫނުތަކުގެ ހުދޫދުގެ ތެރެއިން ކަމަށްވާއިރު، މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަމާއި، ސުލޫކީ މިންގަނޑުތައް އަދި ވަޒީފާ ދިނުމާއި ވަކިކުރުން ބިނާވެފައިވަނީ ޤާނޫނު ނަމްބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ ހަމަތަކުގެ ތެރެއިން ކަން އެނގެއެވެ. ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ ޤަވާއިދުތައް އެކުލަވާލެވިފައިވަނީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ އިމުގެ ތެރެއިންކަމަށްވާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަންފަދަ ތަޙްޤީޤީ އިދާރާތަކަށް ދުސްތޫރީގޮތުން ލިއްބައިދީފައިވާ ބާރާއި ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ބިނާކޮށްގެނެވެ. 

ދިވެހި ސަރުކާރާއި ކައުންސިލްތަކުގެ އިދާރާތަކުގައި ރައްޔިތުންނަށް ޚިދުމަތްދިނުމަށް ވަޒީފާއަދާކުރަނީ ސިވިލްސަރވަންޓުން ކަމަށްވާއިރު، ސިވިލްސަރވިސްގެ ޤަވާއިދު (2014) މާއްދާ 271 (ނ) ގެ ނަމްބަރު 18 ގައި ބަޔާންކުރަނީ "ޤާނޫނެއްގެ ބެލެނިވެރިކަން ލިބިފައިވާ ފަރާތަކުން ކުރާ ތަޙްޤީޤަކުން މުވައްޒަފު ކުށެއް ކޮށްފައިވާކަމަށް ސާބިތުވުމަކީ" އެ މުވައްޒަފަކު އަދާކުރަމުންދާ ވަޒީފާއިން ސީދާގޮތުގައި ވަކިކުރެވޭނޭ 3 ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. މިހަމައިގެ ތެރެއިން، އެންޓި-ކޮރަޕްޝަން ކޮމިޝަންއަކީ ޤާނޫނު އަސާސީގައި ކަނޑައެޅި ޤާނޫނެއްގެ ބެލެނިވެރިކަން ލިބިފައިވާ ތަޙްޤީޤީ އިދާރާއެއް ކަމަށްބަލައި އެ ކޮމިޝަންއިން ނެރެފައިވާ ރިޕޯޓުތަކަށް ބިނާކޮށް ކޮރަޕްޝަންގެ ޢަމަލުގެ ކުށް ރައްދުވާ ސިވިލްސަރވަންޓުންނަށް ވޭތުވެދިޔަ ތަނުގައި އިސްލާޙީފިޔަވަޅުއަޅާފައިވެއެވެ. ނަމަވެސް، ޒަމާން ބަދަލުވެ ސަރުކާރުގެ އޮފީސްތަކަށް ސިޔާސީގޮތުން ޢައްޔަންކުރެވޭ މުވައްޒަފުންނަކީ ވެސް މުވައްޒަފެއްގެ ޙައްޤުލިބިފައިވާ ފަރާތްތައް ކަމަށް ހީވެފައިވާއިރު، ޤާނޫނުއަސާސީގެ 115 (ޅ) ގެ ދަށުން ޢައްޔަންކުރެވޭ ސިޔާސީފަރާތްތަކާއި 132 ވަނަ މާއްދާގައި މަސްޢޫލިއްޔަތު ބަޔާންކުރާ ވަޒީރުންނަކީ ވަޒީފާއާބެހޭ ޤާނޫނުގެ އިމުގެތެރެއިން ވަޒީފާދިނުމާއި، ވަކިކުރުމާއި، ނޯޓިސްދިނުމާއި، ކޮންޓްރެކްޓްކުރުމާއި، ބަދަލުހޯދުމުގެ ފުރުސަތު އޮތް ފަރާތްތަކެއް ނޫނެވެ.

އެންޓި-ކޮރަޕްޝަންކޮމިޝަންގެ ރިޕޯޓުތަކުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ބަޔާންކުރާ މުވައްޒަފުންނަށް އިސްލާޙީފިޔަވަޅުއަޅަންޖެހެނީ، ކުރިންބަޔާންކޮށްފައިވާ ޤާނޫނީ ހަމަތަކަކުން އިތުބާރުދީފައިވާ މިނިވަން ތަޙްޤީޤީ އިދާރާއަކުން ކޮރަޕްޝަންގެ ޢަމަލެއް ކަމަށް ރިޕޯޓުކޮށްފައިވާ ކަމެއްގައި ޝާމިލުވާ ދައުލަތުގެ މުވައްޒަފަކު އެ މަސައްކަތުގައި ދެމިހުރެއްޖެނަމަ، އެ މުވައްޒަފެއްގެ ނުފޫޒުން އެ އިދާރާއެއްގައި ހުރި ލިޔެކިޔުމާއި ހެކިފޮރުވުމުގެ ފުރުސަތު ލިބުމާއި، އެ މަސްޢޫލިޔަތުގެ ތެރެއިން އިތުރަށް ކޮރަޕްޝަންގެ ޢަމަލުހިންގުމުގެ ފުރުސަތު ލިބޭނެތީއެވެ.

ނަމަވެސް ފަހަކަށް އައިސް ސިޔާސީ ގޮތުން ޢައްޔަންކުރެވޭ ފަރާތްތަކަށް ބިނާކޮށް ނިންމާ ކޮރަޕްޝަންގެ ރިޕޯޓުތަކާއި ގުޅިގެން އެ މުވައްޒަފުންނަށް އިސްލާޙީފިޔަވަޅުއަޅާނީ ޝަރުޢީކޯޓަކަށް ދަޢުވާހުށަހެޅުމުންކަމަށް ނިންމުމަކީ، އެއް މައްސަލައެއް ރައްދުވާ އެކިފަރާތްތަކަށް ތަފާތުގޮތަކަށް ޢަމަލުކުރުންކަމަށް ދެކި، ދައުލަތުގެ މުވައްޒަފުންގެ އަޙްލާޤީ މިންގަނޑުތައް ކޮންޓްރޯލްކުރުމަށާއި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމުގައި ކޮރަޕްޝަންގެ ޢަމަލުތަކަށް ފުރުސަތު ނުދިނުމަށް ދައުލަތުގެ އިދާރާތަކާއި ސިވިލްސަރވިސް ކޮމިޝަންއިން އެ މުވައްޒަފުންގެ މައްޗަށް އަޅަމުންއައި އިސްލާޙީ ފިޔަވަޅުތައް މުޅިން ހުއްޓާލަންޖެހިދާނޭކަމުގެ ބިރުހީވެފައިވާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަންއިން ކޮރަޕްޝަންގެ ޢަމަލެއްކަމަށް ނިންމާފައިވާ ކަމެއްގައި އެ އަމަލުކުރިކަމަށް ތަޙްޤީޤަށް ފެންނަ މުވައްޒަފު މިނިވަންކަމާއިއެކު ދައުލަތުގެ މަޤާމާއި ވަސީލަތްތައް ބޭނުންކުރަމުންދިޔުމަކީ، ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅުތަކަށް ރައްޔިތުންގެ އިތުބާރު ކުޑަވާނޭ ކަމެކެވެ.

"އޯއީސީޑީ"ގެ މަޖައްލާއެއްކަމަށްވާ "ފޯރަމް އޮން ކްރައިމް އެންޑް ސޮސައިޓީ" ގައި ރިސާޗަރުން ކަމަށްވާ އެޑްގާޑޯ ބަސްކަގްލިއާ އަދި ޖެން ވެން ޑިޖްކް (ޑިސެމްބަރ 2003) ގައި ލިޔުއްވާފައިވާ ދިރާސާ މަޒުމޫނުގައި ބަޔާންކޮށްފައިވަނީ "ދައުލަތުގެ އޮފީސްތަކުގައި ރޭވިގެން ހިންގާ ޖިނާއީކުށްތަކާއި ކޮރަޕްޝަންގެ ޢަމަލުތައް އުފެދެނީ، ދައުލަތްތަކާއި މަދަނީ ޖަމިއްޔާތަކުން ކޮރަޕްޝަންހުއްޓުވުމަށް ކަނޑައަޅާ ސިޔާސަތު ތަންފީޛުކުރުމުގެ ބާރުވެރިކަމުގެ ދޯހަޅިކަމުން" ކަމަށެވެ.