ވެންޓިލޭޓަރު ހިޔާނާތް

ވެންޓިލޭޓަރު މައްސަލަ: ތަހުގީގުގެ އުނިކަން ފޮރުވައިދޭން ޕީޖީ މަސައްކަތް ކުރަނީ؟

Apr 16, 2021
1

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެބަލީގެ އެންމެ ހާލަތު ގޯސްވާ މީހުންނަށް ފަރުވާ ދިނުމަށް ގިނަ އަދަދެއްގެ ވެންޓިލޭޓަރު ހޯދުމަށް ނިންމާ އެ މަަސައްކަތް ސަރުކާރުން ވަނީ އެކި ކުންފުނިތަކާއި ހަވާލުކޮށްފައެވެ. އެގޮތުން 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި އެވެ. ނަމަވެސް އަދާ ހަމައަށް ދިވެހި ސަރުކާރަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ދުބާއީގެ މި ކުންފުންޏަކީ ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރީ އެކަމަށް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏެވެ. އެ ކުންފުނިން ވެންޓިލޭޓަރުތައް ގަނެދިނުމަށް ހުށަހެޅި 34 މިލިއަން ރުފިޔާގެ ތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ޖަމާކޮށްދީފައިވަނީ ޕާފޯމަންސް ގެރެންޓީއަކާއި އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ބެހެއްޓުމަށް ދީފައިވާ ލަފައާއި އެއްގޮތަށް އެކަން ނުކޮށް އެއްބަސްވުމެއްވެސް ނުހަދައެވެ.

ވެންޓިލޭޓަރު ހޯދުމުގައި ހަދާފައިވާ ގޯސްތައް ފުރަތަމަ ހާމަވީ ކޮވިޑްގެ ހަރަދުތައްް ކޮށްފައިވާ ގޮތާ ގުޅޭގޮތުން އޮޑިޓަރު ޖެނެރަލް ހެއްދެވި ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުންނެވެ. ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން އޭސީސީން ބެލިނަމަވެސް އެ ކޮމިޝަނުން ފުރަތަމަ ނިންމީ ވެންޓިލޭޓަރު ގަތުމުގައި ހެލްތް މިނިސްޓްރީން ގޯހެއް ހަދާފައިނުވާ ކަމަށެވެ. އޭސީސީގެ އެ ނިންމުމަށް ސިޔާސީ ބޭފުޅުންނާއި އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވުމުން ދެވަނަ ފަހަރަށް މައްސަލަ ތަހުގީގު ކުރަން ފެށިއެވެ. އަދި ކުރީން ނިންމީ ފައިނަލް ނިންމުމެއް ނޫން ކަމަށް ބުނެ ކޮމިޝަންގެ އެ ނިންމުން ދިފާއު ކުރަން އެތަށް މަސައްކަތެއް ވަނީ ކޮށްފައެވެ.

ދެވަނަ ފަހަރަށް ފެށި ތަހުގީގަށް ފަހު އެ ކޮމިޝަނުން ވަނީ 13 ބޭފުޅެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދިފައެވެ. ވެންޓިލޭޓަރުތަކުގެ މައްސަލައިގެ ތަހުގީގު ނިންމާ އެ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި އެންމެ ފުރަތަމަ އެދުނީ އޮކްޓޫބަރު 14، 2020 ގައެވެ. ދައުވާ ކުރަން އެދުނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމުގެ ކުށުގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގައި ހިމެނޭ 12 މީހަކަށެވެ.

ނަމަވެސް އޭސީސީގެ އެ ނިންމުން ޕީޖީން ވަނީ އަނބުރާ ފޮނުވާލާފައެވެ. އެ މައްސަލައިގައި ހަ ކަމެއް ފާހަގަ ކުރައްވާ، ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީ އެންގެވީ އޮކްޓޫބަރު 19، 2020 ގައެވެ. ޕީޖީ ފާހަގަކުރެއްވި ހަ ކަމަށް ރިއާޔަތްކޮށް އޭސީސީން އެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް ފަހު ކަމަށް ބުނެ އަނެއްކާވެސް ދައުވާ ކުރަން ފޮނުވިއެވެ. ދައުވާ ކޮށްދިނުމަށް ދެވަނަ ފަހަރަށް ޕީޖީގައި އެދުނީ އޮކްޓޫބަރު 25، 2020 ގައެވެ.

ނަމަވެސް ދެވަނަ ފަހަރުވެސް ޕީޖީ ވިދާޅުވީ ހެކި ނެތް ކަމަށެވެ. ދައުވާ ކުރެވޭ މިންވަރަށް "އުންސުރު" ހަމަނުވާތީ މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށެވެ. ޕީޖީގެ މި ނިންމުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ ޝަމީމްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައެޅުމަށް ގޮވާލާ ހިސާބަށް ދިޔައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޝަމީމްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައަޅަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ވެންޓިލޭޓަރު މައްސަލާގައި ދައުވާކުރަން ޖެހޭ ކަމަށާ އެ މައްސަލަ ދޫނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ފާޑުކިޔުންތަކާއެކު ޕީޖީ އޮފީހުން ވަނީ މައްސަލަ އަލުން މުރާޖައާ ކުރާނެ ކަމަށް ބުނެފައެވެ. އެއީ މާޗް 29 ގައެވެ. ނަމަވެެސް އޭގެ ފަހުން އިތުުރު ތަފްސީލެއް އަދި ހާމައެއް ނުވެއެވެ.

ހެކި ނެތް ކަމަށް ވިދާޅުވެ ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީ އެންގި ނަމަވެސް އެއިން އެއްވެސް ފަހަރު އެ މައްސަލާގައި ދައުވާ ނުކުރައްވާނެ ކަމަކަށް ޕީޖީ ވިދާޅެއް ނުވެއެވެ. ދެ ފަހަރުވެސް މައްސަލަ ފޮނުވާލެއްވީ ތަހުގީގު ފުރިހަމަ ނުވާތީއެވެ. އަދި އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަންކަމުގެ އިރުޝާދު އޭސީސީއަށް ވަނީ ދީފައެވެ.

މައްސަލައެއްގައި ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާއިރު އެ މައްސަލާގައި ތުހުމަތުވާ ބަޔަކާއި އެބަޔަކަށް އެކަން ތުހުމަތުވާ ސަބަބު ސާފުވެފައި އޮންނަން ޖެހެއެވެ. އެހެން ގޮތަކުން ނަމަ މައްސަލައިގެ ތުހުމަތު އިއްވަން ޖެހެއެވެ. ނަމަވެސް ދެ ފަހަރު މަތިން ތަހުގީގު ހިންގިިއިރުވެސް އޭސިސީން އޮތީ އެކަން ނުކޮށެވެ. އެކަން ޔަގީނެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ޕީޖީ އޮފީހުން ބުނެފައިވަނީ އެ އޮފީހުގެ އިރުޝާދާ އެއްގޮތަށް މައްސަލައިގެ ތަހުގީގު އޭސީސީ އިން ކުރިއަށް ގެންދާ ކަމަށެވެ. އަދި ތަހުގީގު ހިނގަމުންދާތީ މިވަގުތު އިތުރު ކަމެއް ހާމަ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް އާ ތުހުމަތެއް އިއްވުމަށްފަހު ތަހުގީގުކުރުމަށް އަމުރުކޮށްފައިވާނޭކަން ޕީޖީން ކަށަވަރު ކޮށްދެއެވެ. ޕީޖީގެ މި އެންގުން އައީ ކުރީން ހިނގި އެއްވެސް ތަހުގީގެއްގައި މައްސަލައިގެ ތުހުމަތު އިއްވާފައިނުވާތީ އެވެ.

ވެންޓިލޭޓަރު މައްސަލައަކީ އޭސީސީން ފޮނުވި މައްސަލަތަކުގެ ތެރެއިން ދައުވާނުކޮށް އަނބުރާ ފޮނުވާލި ފުރަތަމަ މައްސަލައެއް ނޫނެވެ. މީގެ ކުރިން އެތަށް މައްސަލައެއް އެގޮތަށް ފޮނުވާލާފައިވެއެވެ. އެގޮތަށް ފޮނުވާ މައްސަލަތަކުގެ ތަފްސީލް ޕީޖީ އޮފީހުން މީޑިއާތަކާއި ހިއްސާ ކުރެއެވެ. ކުރެވޭ ދައުވާއެއް ކުރަނީ ކީއްވެގެންކަމާއި، ދައުވާ ނުކުރެވޭނަމަ ނުކުރެވެނީ ކީއްވެގެންކަން ސާފުކޮށްދެއެވެ. ހާއްސަކޮށް މިހާރުގެ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މަގާމަށް ވަޑައިގެންނެވި ފަހުން އެކަން އެގޮތަށް ގެންދަވަނީ ކުރައްވަމުންނެވެ.

ނަމަވެސް ވެންޓިލޭޓަރު މައްސަލަ ތަފާތުވެއްްޖެ އެވެ. ދައުވާ ނުކުރެވޭ ސަބަބު ސާފުކޮށްދޭން ޕީޖީ އޮފީސް ފަހަތަށް ޖެހޭތަން ފެނެއެވެ. މައްސަލައިގެ އުންސުރު ހަމަނުވާ ކަމަށް ބުނުން ފިޔަވާ ތަހުގީގުގައި އޭސީސީން ހަދާ ގޯސްތަކެއް ސާފެއް ނުކޮށްދެއެވެ. މި މައްސަލާގައި އެކަށީގެންވާ ހެކި ނެތްކަމަށް ވިދާޅުވާއިރު އަލުން ތަހުގީގު ކުރަން އަމުރު ކުރަންޖެހޭ ސަބަބެއް ސާފުކޮށް ވިދާޅެއް ނުވެއެވެ. ނެތް ހެއްކެއް އަލުން ތަހުގީގަކުން ހޯދާނެ ގޮތެއް ނޯންނާނެ އެވެ. ނޫނީ ހެކި ހޯދިފައިނުވަނީ އޭސީސީން ތަހުގީގު ބިނާކޮށްފައިވާ ގޮތަށް ކަމަށްވާނަމަ އޭސީސީން ހަދާ ގޯސްތަކަކީ ކޮބައިކަންވެސް ބުނެދޭން ޖެހެއެވެ. 

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މައްސަލައިގެ މިހާ ހިސާބަށް އައިިއިރު ވެންޓިލޭޓަރު މައްސަލާގައި ޕްރޮސެކިއުޓަރު ޖެނެރަލްްގެ އޮފީހުންގެ ފޮރުވުންތަކާއި ހިފެހެއްޓުންތަކެއް އެބަހުއްޓެވެ. އެއީ އޭސީސީގެ ތަހުގީގުގެ އުނިކަމެއް ފޫ ބެއްދުމަށް ކުރެވޭ ކަމެއްގެ ގޮތުގައި ބެލުމުގެ ޖާގަ އެބައޮތެވެ.

އޭސީސީ އިން މައްސަލަ ތަހުގީގުކުރިއިރު އިއްވަންޖެހޭ ތުހުމަތެއް އިއްވާފައި ނެތްކަން މިހާރު ކަށަވަރެވެ. ގާނޫނީ ނިޒާމު ހަމަޖެހިފައިވާ ގޮތަށް ބަލާއިރު މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުތައް އެ މީހަކަށް ސާފުކޮށްދީ ތަހުގީގުގައި ސީދާ އެ ކުށެއްގެ މައްޗަށް ސުވާލު ކުރުމަށްފަހު މެނުވީ އެ ކުށެއްގެ ދައުވާކުރުމަށް ނުފޮނުވެއެވެ. ޔަގީން ކުރެވޭ ގޮތުން ޕީޖީ އޮފީހުން ނުބުނެ ހިފަހައްޓަނީ އެ ވާހަކައެވެ. ސާފުކޮށް ނުދީ އޮތީ މިކަމެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައަކީ މި ސަރުކާރުގެ ވަޒީރެއްގެ މައްޗަށް ކުރެވުނު އެފަދަ އެންމެ ބޮޑު ތުހުމަތެވެ. އަދި މިއީ ސަރުކާރުގެ އެތަށް ވަޒީރަކާއި އިސްވެރިއަކާއި ގުޅުންހުރި ކަމެއް ކަމަށް އޮތީ ތުހުމަތު ކުރެވިފައެވެ. ވައްކަން ނުކުރަން ވައުދުވެ އައި ސަރުކާރުގައި އެފަދަ ކަމެއް ހިނގައި ދިއުމުން ފުރަތަމަ ހިންގަންޖެހޭ އިޖުރާއަތަކީ އިންސާފުވެރި ތަހުގީގެކެވެ. ޒިންމާވާންޖެހޭ ބައެއްގެ މައްޗަށް ދައުވާކުރުމެވެ. ނަމަވެސް މައްސަލައިގެ ފުނަށް ވަދެވޭނެ ތަހުގީގެއްވެސް އޮތީ ނުހިންގިއެވެ. ދައުވާ ކުރެވޭނެ ގޮތެެއް އޮތީ ނުހޯދިއެވެ. އެކަމުގެ ޒިންމާ އޮތް ދެ މުއައްސަސާ އިން ދައްކާ ވާހަކަ ތަފާތެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ހިނގާދިޔަ މިވަރުގެ ބޮޑު މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހުންނަށް އިއްވަންޖެހޭ ތުހުމަތެއް ނުއިއްވައި ތަހުގީގު ކުރުމަކީ ކުޑަ އިހުމާލެއް ނޫނެވެ. އަދި އެކަމުގެ ސަބަބުން މައްސަލައިގެ ދައުވާކުރުން ލަސްވެ އެކަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ހާމަނުކޮށް އޮތުމަކީ އެ އިހުމާލަށް ދެވޭ ހިތްވަރެކެވެ.