ހަބަރު

ހިޔާގެ އިތުރު 16 ކުއްޖެއް ފުނަދޫ އަމާން ވެއްޓަށް ބަދަލު ކޮށްފި

ވިލިމާލެ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލެ ފިޔަވަތީގައި ދިރި އުޅޭ ކުދިންގެ ތެރެއިން، 16 ކުދިން ށ. ފުނަދޫ "އަމާން ވެއްޓަށް" ބަދަލު ކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ރަށް ރަށުގެ އަމާން ވެއްޓަށް ކުދިން ބަދަލު ކުރަމުން ދަނީ އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު އެކުދިންނަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން، މީގެ ކުރިން ހުސްވި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު ވެސް 17 ކުއްޖަކު ވަނީ ބ. އޭދަފުށި އަމާން ވެއްޓަށް ބަދަލު ކޮށްފައެވެ.

ޖެންޑާއިން ބުނީ ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަކުއްޖަކު ވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމުގައިވިޔަސް، ހާލަތު ނިޔާކުރާގޮތުން އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގޭ ކަމަށެވެ. އެހެން ނަމަވެސް، އެ މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ މާލޭ ސަރަހައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދީ، އެ ފަދަ މާހައުލެއް ތަނަވަސްކޮށްދިނުމަށް ކަމަށެވެ.

އަމާން ވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިންނެވެ. އެ ކަމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ހާއްސަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވޭނެއެވެ. މީގެ އިތުރުން މުޖުތަމައުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުސަތު ލިބިގެން ދިޔުމުން، މުސްތަގުބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާހައުލަށާއި އާންމު ދިރިއުޅުމަށް ނުކުތުމަށް ފަހިވެގެންދާނެއެވެ.