މަސްވެރިކަމުގެ ގާނޫނުގެ ދަށުން ނޑައަޅޭ ސަރަހައްދަކުން ދިރުން ހުރި ކަނޑުގެ ބާވަތްތައް ހިފުމާއި ބޭނުމާއި ނެގުން ކަނޑައަޅާ މުއްދަތަކަށް މަނާ ކުރުމުގެ އިހުތިޔާރު ފިޝަރީޒަށް އޮވެ އެވެ. އޭގެ ތެރެއިން ލައިގެން ގޮޮސް ރާއްޖޭގައި 2010 ވަނަ އަހަރުން ފެށިގެން މިޔަރު ނެގުމާއި ހިފުމާއި ބޭނުން ވަނީ މަނާކޮށް އަދި އެ ދިރުން ހިމާޔަތް ވެސް ކޮށްފަ އެވެ. ސަބަބަކީ ރާއްޖޭގެ ކަނޑުން މިޔަރުގެ އަދަދު މަދުވެފައި ވުމެވެ. އެކަމަކު ދުނިޔޭގެ ނިސްބަތުން މަދު ގައުމުތަކުގައި ނޫނީ މިޔަރަކީ ހިމާޔަތް ކޮށްފައިވާ އެއްޗެއް ނޫނެވެ.
ރާއްޖޭގެ ކަނޑުގައި މިޔަރުގެ 40 ވައްތަރެއް އުޅޭ ކަމަށް ބުނެ ވެއެވެ. މިޔަރުގެ މަސްވެރިކަން ކުރާ ގޮތަށް ބަލާއިރު ރާއްޖޭގައި އާއްމުގޮތެއްގައި މިޔަރުގެ ތިން ބާވަތެއްގެ މަސްވެރި ކަމެއް ކޮށްފައި ވެއެވެ.
ވަގުން ވައްކަން ކުރާނެތީ މިހާރު ވެސް މިޔަރު ހިފާ އާބާދީއެއް އޮންނާނެ އެވެ. އެންމެ ގަދައަށް މިދިއަ ދެ ހަފުތާއެއްހާ ދުވަހު އޮތް އެއް ވާހަަކަ އަކަށްވީ ގިނަ ބައިވަރު ފޮށިތަކެއްގައި ބަންދު ކޮށްގެން ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ވީއައިއޭގައި ހިފެހެއްޓި 429 ކިލޯގެ މިޔަރު އުރަހަ އާއި އެއާ ގުޅުން ހުރި އެކި ވާހަކަތަކެވެ. ލޮނު މަހުގެ ގޮތުގައި އޮޅުވާލައިގެން ބޭރު ކުރަން އުޅުނީ ރާއްޖޭގެ އެތެރެވަރިން ބާނާފައިވާ މިޔަރުގެ އުރަހަތަކެކެވެ. އެ އުރަހަތަކުގެ އަގަށް ބާޒާރުގައި ދެ މިލިއަން ރުފިޔައަށްވުރެ ވުރެ މަތީ އަގެއް ޖެހޭނެ ކަމަށް "ވިޔަފާރި މީހުން" ލަފާ ކޮށްފައި ވެއެވެ.
ރާއްޖޭގެ ކުރާ މިޔަރު މަސްވެރި ކަމުގެ އެއް ބާވަތަކީ ކަނޑުގެ ވަރަށް ފުނުން އުނދަގުލުގައި ކުރާ ކަށިމިޔަރު މަސްވެރި ކަމެވެ. އަނެއް ބާވަތަކީ އެތެރެވަރި އާއި ފަރުމަތީގައި އުޅޭ މިޔަރަށް ދާ އަޅައިގެންނާއި ނަނުބައި ފައްތައިގެން ކުރާ މަސްވެރިކަމެވެ. މައިގަނޑު ގޮތެއްގައި އަތޮޅުގެ ބޭރުން މާކަނޑުގައި ލޭނު އަޅައިގެން ކުރާ މިޔަރު މަސްވެރި ކަމެއް ދިވެހިން ކުރެ އެވެ.
މިގޮތަށް މިޔަރު މަސްވެރިކަން ކުރަމުން އައީ ރާއްޖެއިން ބޭރުގެ މާކެޓް ތަކުން މިޔަރު މަހަށާއި އޭގެ އުރަހައާއި ތެލަށް އޮތް ޑިމާންޑް ބޮޑު ކަމުންނެވެ. ކަށިމިޔަރުގެ މަސްވެރިން ރާއްޖޭގައި ކުރަމުން އައީ އޭގެ ތެޔޮ ވަރަށް މަތީ އަގެއްގައި ބޭރުގެ ބާޒާރުތަކަށް ވިއްކާލެވެތީ އެވެ. މީގެ އިތުރުން ފަރު ބޭރުންނާއި އަތޮޅު ބޭރަށް ނަނު ފައްތައިގެނާއި މާކަނޑުގައި ލޭނު އަޅާއިގެން ގިނަ ބާވަތްތަކުގެ މިޔަރު ރާއްޖޭގައި ބާނެ އެވެ.
މިޔަރުގެ މަސް މީރެވެ؛ އެކަމަކު މިގޮތަށް މިޔަރު ބާނަނީ އޭގެ މަސް ކާކަށް ނޫނެވެ. މިޔަރު އުރަހައިގެ ބޭނުމުގަ އެވެ. އަދި މިގޮތަށް ހިފައި މިޔަރު އުރަހަ ލޮނު އަޅައި އެ އުރަަހަތައް ރާއްޖެއިން ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓް ކޮށްފައި ވެ އެވެ. ނަމަވެސް، މިޔަރު އާބަދީ ކަނޑުތަކުން މަދުވާން ފެށުމުން ރާއްޖޭގައި މިޔަރު މަސްވެރިކަން ކުރުން އެންމެ ފަހުން ސަރުކާރަށް ފާޑަކަށް މަޖުބޫރެއް ވެގެން މަނާކުރީ އެވެ.
މަސްވެރިން މިިޔަރާ ދެކޮޅު، އެހާ ޝަކުވާ ބޮޑު!
ރާއްޖޭގައި އެންމެ އުތުރުގެ ހއ. އިން ފެށިގެން ދެކުނުގެ ސީނުގެ މަސްވެރިންނާ ހަމައަށް ދާއިރު ވެސް މިޔަރާމެދު މަސްވެރިންގެ ހިތްހަލާލެއް ނޫނެވެ. އަދި އެހާ ޝަކުވާ ވެސް އެބައޮތެވެ.
މެދު އަތޮޅުތަކުން ދ. މީދޫގެ ބައެއް މަސްވެރިން ބުނާ ގޮތުގައި މިޔަރުގެ އުނދަގޫ އިންތިހާއަށް ދިވެހި ރާއްޖެއަށާއި ދިވެހި މަސްވެރިންނަށް ބޮޑެވެ. އަދި މިޔަރު އާއިލާގެ ދުއްތުރާލާއި ނުފުރުއްޕާން ހުރިހާ ބާއްވާތެއްގެ މަސްވެރިކަމެއް ކުރާ ހުރިހާ ފަރާތްތަކަށް އިންތިހާ، ބޮޑެވެ.
"ކަނޑުއޮޅީގައި ވަދުއަޅައިގެން ބޭނެނީ ގަންނަ މަހުގެ މަދު މިންވަރެއް. ކޯމަސް އައިންތަކުން ގަންނަ ކައްނެލި އަދި ހުސް ކަންނެލި އައިންތަކުން ގަންނަ ކައްނެލި ވެސް މިހާރަކަށް އައިސް ޖަހައިގެނެގެން އޮބާ ބާއްވާ މިޔަރު އެބަ ކާލާ. އަނެއްކޮޅުން ކަނދުފަތިން ބާނާ ދުވަސް ދުވަހު ވެސް މަހެއް ބޭނޭ ވަރެއް ނުވޭ. ފާނަ މަސްވެރިކަން ކުރާ އިރު އަޑިން ފާނަ ނަގާއިރު އާއި ދޮށި އުކާ ފަރާތްތަކާއިި މަސް ހިފުމަށް ވެސް މިހާރު މިޔަރުގެ ސަބަބުން އެތަށް އުނދަލުގެއް އެބަ ފޯރާ. ޖުމްލަކޮށް މަަސްވެރިކަން ކުރާ ފަރާތެއްގެ ހައިސިއްޔަތުން ބުނެލާނީ މަސްވެރިކަން ކުރަން ވަރަށް އުނދަގޫ ވެއްޖެ މިޔަރާ ހެދި ރާއްޖޭގެ ސަރަހައްދުތަކުގައި އާދަޔާ ހިލާފަށް މިޔަރު ވަނީ ގިިނަވެފައި،" މީދޫގެ މަސްވެރިޔަކު ބުންޏެވެ.
މަަސްވެރިކަން ކުރާ ފަރާތެއްގެ ހައިސިއްޔަތުން ބުނެލާނީ މަސްވެރިކަން ކުރަން ވަރަށް އުނދަގޫ ވެއްޖެ މިޔަރާ ހެދި ރާއްޖޭގެ ސަރަހައްދުތަކުގައި އާދަޔާ ހިލާފަށް މިޔަރު ވަނީ ގިިނަވެފައި،ދ. މީދޫގެ މަސްވެރިޔެއް
އާންމު ހުރިހާ މަސްވެރިން ބުނާ ގޮތުގައި ވެސް އަދި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވެސް މިޔަރުގެ އުނދަގުލުގެ ވާހަކަ ދައްކަ އެވެ. އެ ޔޫނިއަނުން ވަނީ އެ މައްސަލަ ކަމާބެހޭ ފަރާތްތަކަގެ ސަމާލުކަމަށް ގެންދާން މަސައްކަތް ވެސް ކޮށްފަ އެވެ.
ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ބުނެފައިވާ ގޮތުގައި މިޔަރުގެ އުނދަގޫ މަސްވެރިންނަށް އިންތިހާ އަށް ބޮޑުވެފައި ވެއެވެ. އެހެން ވެގެން މިހާރު އެ މީހުން މަސްވެރި ކަމާއި އެންވެރިކަން ވެސް ކުރަނީ ފުރާނަ އަތް މައްޗަށް ލައިގެނެވެ.
"... މިޔަރުގެ އުނދަގޫ މަސްވެރިންނަށް އިންތިހާ އަށް ބޮޑު! މޫދުގައި އެންވެރިކަން މިކުރަނީ ފުރާނަ އަތް މައްޗަށް ލައިގެން، އަދި ނަނުގައި ގަންނަ ކަންނެލިން ބޮޑުބައި މިޔަރަށް ދޭންޖެހޭ،" އެ ޔޫނުނިއަނުން ބުނެފައި ވެއެވެ.
ދޮށި އަޅައިގެން ދަހިކޮށް މަސްބާނަމުން ދާ ވަގުތުތަކުގައި މިޔަރުގެ ހަމަލާތައް މަސްވެރިންނާ ވަރަށް ގިނައިން ކުރިމަތިވެ އެވެ. އެކަމަކު އެއީ މާ ގިނައިން ދެކެވޭ ވާހަކައަކަށް ނުވެއެވެ.
މި ފަދަ އެއް ހަމަލާއެއް މިދިޔަ ޑިސެމްބަރު މަހުގައި ވަރަށް ބޮޑަށް އަޅައިވެސް ގެތެވެ. އެއީ ޅ. އަތޮޅު ފާދޫ ބޮއި ކައިރިއަށް މަސްވެރި ކަމަށް ނުކުމެ އުޅުނު "ޒިކުރާ" ދޯނީގައި ހުރި ދިވެހި ފަޅުވެރިއަކަށް ކުރިމަތިވި ހާދިސާ އެކެވެ. އެ ދުވަހު އެމީހާ ދޯނިން ކަނޑަށް ވެއްޓުނު ވަގުތު މިޔަރު އެއެއް މިއެއް ނުބަލައި އޭނާގެ ގައިގައި ހިފައިގަނެ ދަތް އެޅުމުގެ ސަބަބުން ވަރަށް ބޮޑަށް ދެފައި ޒަހަމްވެފައިވާ އިރު ފައިގެ ނާރުތަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފަ އެވެ. އެ ގެއްލުމުގެ ވޭން އޭނާ އަބަދަށް އަޅާނެ އެވެ.
މިދިއަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މަސްވެރި ބަޔަކު ފެނުން މައްޗަށް މަހެއް ނަގަނިކޮށް މިޔަރު އަރާ ހިފައި ގެނެ އޭގެ ބޮޑު ބައެއް ފެންމަތީގައި ކާލާފައި ވެއެވެ. އައްޑޫގައި ރެކްރިއޭޝަން ފިޝިންގެ ހިދުމަތްދޭ، އައްޑޫ ސްޕޯޓްސް ފިޝިން މޯލްޑިވްސް (އޭއެސްއެފް) އިން ވަނީ ބޮޑު އެ މިޔަރު އަރާ ފެންމަތީން މަހެއް ކާލަން މަސައްކަތް ކުރާ މަންޒަރުގެ ވީޑިއޯއެއް ނަގާފަ އެވެ.
ތިމާވެށި މީހުން މިޔަރުގެ ދިފާއުގައި!
މިހާރު ދިމާވެގެން އުޅޭ މިޔަރު އުރަހަތައް ބޭރު ކުރަން އުޅުމުގެ މައްސަލާގައި "ތިމާވެށި މީހުން" ކަންބޮޑުވެ ވަރަށް އެތިވަރު ގޮވަ އެވެ. އުފުލޭން އޮތް ގޮތަކަށް އަޑުވެސް އުފަލަ އެވެ. އެފަދަ އެކަކު ކަމަށްވާ އަހުމަދު އަޒްނިލް ބުނި ގޮތުގައި މިޔަރު، މަސް ހިފަން އަރަނީ އެއީ މަސް ބާނާ މިންވަރު އިތުރުވުމުގެ ސަބަބުންނެވެ. އަދި ވަގަށް ގަވާއިދާއި ހިލާފަށް މިޔަރު އުރަހަތައް ބޭރު ކުރުން މަސައްކަތް ކުރުން އޭނާ ވަރަށް ބޮޑަށް ކުށްވެރި ކުރެއެވެ. ކުށް އަރައި ގަނެ އެ ވައްކަން ކުރާ މީހުންނާއި މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ.
ޝާޒިޔާ ސައީދަކީ ވެސް ތިމާވެށީގެ ހިދުމަތްތެރިއެކެވެ، އޭނާ ބުނާ ގޮތުގައި "މިޔަރަކީ ކަނޑުގެ އިކޯސިސްޓަމްތައް ބަލަހައްޓައި ރެގިއުލޭޓް ކުރާ" ބެލެނިވެރި ފަރާތެވެ.
"އެ ސޮރުމެންގެ ސަބަބުން މެރިން އިކޯސިސްޓަމް ބެލެންސް ކޮށްދޭ އެހެންވީމަ މިޔަރު ނެގުމާއި އުރަހަ ކެނޑުން ހުއްޓުމަކަށް ގެންނަން ޖެހޭ" ސާޒު ބުންޏެވެ.
މިޔަރު ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ އިރު ބޮޑު 21 ފޮށީގައި ބޭރު ކުރަން 450 ކިލޯގެ އުރަހަ ބަންދު ކުރުމަކީ މަދަކު ބައިވަރެއް ނޫނެވެ. އެހާ ބޮޑު ވެސް ކަމެކެވެ. އެހެންވެ "ތިމާވެށި މީހުން" ގެންދަނީ އެ މީހުނަށް ވެސް ވާކަ ދެކެވޭ ޕްލެޓްފޯމް، ސޯޝަލް މީޑިއާގައި އެ ވާހަކަ ދައްކައި ވަރަށް ބޮޑަށް އެކަން ކުށްވެރިކުރަމުންނެވެ. އެ މީހުން ބުނާ ގޮތުގައި އެކަން ހުއްޓުވަން ވެވުނު ގޮތަކުން އެ މީހުން ސަރުކާރަށް ޕްރެޝަރު ކުރާނެ އެވެ. އެ ނޫން ގޮތެއް ވެސް ނޯންނާނެ އެވެ. -- އެއްކޮޅުގައި ރާއްޖޭގައި ސިޔާސީ ގޮތުން ބާރުގަދަ މަސްވެރިންނެވެ. އަނެއްކޮޅުގައި ރާއްޖެ ދުނިޔެއަށް ދައްކާ ދުލީގައި ކުލަޖައްސައިދޭ ތިމާވެށި މީހުނެވެ.
ރާއްޖޭގައި ބާރުގަދަ ދިމަ ދިމާއަށް މޫލާފައި ހުންނަ މައްސަލަތައް، ދިވެހި ފުލުހުން އާންމުން ކޮށް ތަހުގީކޮށްލާ "މޮޅު ގޮތަށް" މިޔަރު އުރަހަތައް ބޭރު ކުރަން އުޅުނު މައްސަލަ ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލަ ފެންމަތި ވުމާ ހަމައިން އަދާ ހަމައަށް ވެސް އެކި ދިމަ ދިމާއިން އުޅެނީ ފޮރުވުމެއްގެ ތެރޭގަ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކައެއް ދަައްކާކަށް ސަރުކާރަކަށް ނުކެރެ އެވެ.
ހަމަ އެކަނި އޮތީ މަސްވެރިން މިޔަރުގެ އުނދަގޫތައް ފާހަގަ ކުރުމާއި "ތިމާވެށި މީހުން" މިޔަރުގެ ދިފާއުގައި ވާދައެއް ކިޔުމެކެވެ. ގައިމުވެސް އުރަހަތައް މައްސަލާގައި ކަން ހިނގައިދާ ގޮތް ތިމާވެށި މީހުން އެތިބީ ފާހަގަ ކޮށްގެނެވެ. އަދި "މަސްވެރިންގެ ހަމަ އަގު" ގެ މައްސަލާގައި ސަރުކާރު ދެކެ ފޫހިވެފައިވާ މަސްވެރިންނާއި އޮޑިވެރިން ވެސް އެތިބީ މިކަމުގައި ސަރުކާރުން ފިތާލަނީ ކޮން ބަޓަނަކޮށްތޯ ބަލަ ބަލަ އެވެ.
ފަތުރުވެރިކަމާއި މިޔަރާއި ގުޅޭ!
ރާއްޖެ، ފަތުރުވެރިންގެ މެދުގައި ރާއްޖެ މުހިއްމު މަންޒިލަކަށް ވެ އެވެ. އެގޭ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ކަނޑުތައް ހިމެނެ އެވެ. އެ ކަނޑުތަކުގައި ފީނުން ހިމެނެ އެވެ. ޓުއަރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ސާވޭއަކަށް ބަލާއިރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތެރެއިން 48 ޕަސެންޓް މީހުން ރާއްޖެ އަންނަނީ ގުދުރަތީ ރީތި ކަމާ ހެދި އެވެ.
ދުނިޔޭގައި އިކޯޓޫރިޒަމް އަދި ސަސްޓެއިނަބަލް ޓުއަރިޒަމް ކުރި ހޯދަމުން އަންނަ ދަނޑިވަޅުގައި ރާއްޖެއަށް "ޝާކް ޑައިވިން" މާކެޓްކޮށް ޕްރޮމޯޓް ކޮށްގެން އެކަށީގެންވާ ނަފާ ހޯދެން އެބައޮތެވެ.
ޔުނިވާސިޓީ އޮފް ވެސްޓަން އޮސްޓްރޭލިއާ އާއި މެރިން ރިސާޗް ސެންޓަރު ގުޅިގެން ހަދާފައިވާ ދިރާސާއެއް ބުނާ ގޮތުގައި މިޔަރުގެ އާބާދީ އިތުރު ކޮށްގެން، ޓޫރިސްޓް ޑައިވް ދަތުރަށް އޮތް ޑިމާންޑް 15 ޕަސެންޓަށް އިތުރު ކުރެވިދާނެ އެވެ. އަދި އޭގެ ސަބަބުން ޑައިވް ޓޫރިޒަމް ދާއިރާއަށް އަހަރަކު ހަ މިލިއަނަށް ވުރެ ގިނަ ޑޮލަރު މަންފާ ރާއްޖެއަށް އެއް ކުރެވިދާނެ އެވެ.
އެއާ ހިލާފަށް، ގަވާއިދާއި ހިލާފު މަސްވެރި ކަމަކީ ރާއްޖޭގައި ކަށީގައި ހިފާފައިވާ ކަމެއްގެ ގޮތު، ޑައިވް ކުރަން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ފާހަގަ ކުރެވި، ނުވަތަ ޑައިވް އޮޕަރޭޓަރުން މިޔަރު ހިމާޔަތް ކުރުމަށް ހަރަކާތްތެރި ނުވެ މިޔަރުގެ އާބާދީ ދަށަށް ސޮއްސާލައިފިނަމަ ޑައިވް ދަތުރުގެ ޑިމާންޑް 56 ޕަސެންޓަށް ދަށަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޑައިވް ޓޫރިޒަމުން ލިބޭ މާލީ ގެއްލުން އަހަރަކު 24 މިލިއަން ޑޮލަރުން މައްޗަށް އުފުލޭނެ އެވެ.
ޑައިވް ލެޖެންޑް ސެންޑީގެ ބަސް!
ރާއްޖޭގެ ޑައިވް އިންޑަސްޓްރީ ބިނާ ކުރުމުގައި އިސް ދައުރެއް އަދާ ކުރެއްވި ދިވެހި ޑައިވް ލެޖެންޑް ހުސެއިން ރަޝީދު (ސެންޑީ) ވިދާޅުވި ގޮތުގައި ރާއްޖޭގެ ވަށައިގެން އޮތް މާ ކަނޑުގައިވާ ހަޒާނާއަކީ ހުސް ނުވާނެ އެއްޗެއް ކަމުގައި ދެކުމަކީ ގޯހެކެވެ.
"ހިމާޔަތް ކުރުމުގެ މާނަ އެބަޖެހޭ އެހެން ގޮތަކަށް ނަގަން. ހިމާޔަތްކޮށް އުސޫލު އެބަޖެހޭ ކަނޑައަޅަން. ރަނގަޅަށް ރިސާޗެއް ހަދަން އެބަޖެހޭ، އައްޑިހައިގެ އަހަރުތަކުގެ ތެރޭ ރާއްޖޭގެ ކަނޑުގައި މިޔަރު ގިނަ. މާލެ ތިލަފުށި ކައިރިން ގެސްޓުން ގޮވައިގެން ޑައިވް ކުރަން ދާ އިރު ފެންނާނެ 50 ނުވަތަ 60 މިޔަރު. ރަސްދޫ ހިސާބުގަނޑުން ފެންނާނެ ހެމާހެޑްޝާކް ގެ 70 ނުވަތަ 80 ވަރަކަށް އެތި. އެއީ އޭރު" އޭނާ ވިދާޅުވި އެވެ. "2010 ގައި މިޔަރު ހިމާޔަތް ކުރި އިރު ވައިޓް ޓިޕް ޝާކް އެކަނި ފެންނަނީ. އެހެން އެއްވެސް މިޔަރެއް ނުފެންނާނެ އެއްގޮތަކަށް ވެސް. އޭރުވެސް ވެދާނެ ގާތްގަނޑަކަށް 15 ނުވަތަ 20 އަހަރު އެކަށީގެންވާ އަދަދަކަށް ނުފެންނަތާ،"
ސެންޑީ ވިދާޅުވާ ގޮތުގައި އާ ޖީލުގެ މަސްވެރިންނަށް އާ ކަމަކަށް ވިޔަސް އިހު ޒަމާނުގައި ވެސް މަސްވެރިންނަށް މިޔަރު ހިފާފައި އޮންނަ މަހެއް، އަދި ބައެއް ކާލާފައި އޮތް މަހެއް ބޭނުމަކީ ވަރަށް އާއްމު ކަމެކެވެ.
"މި ޖެނެރޭޝަންގެ މަސްވެރިންއަށް އާ ކަމަކަށް ވެގެން މިއުޅެނީ. މިޔަރާއި ޑޮލްފިނާ ހެދި މަސްތައް މައްޗަށް އަރާ މަސްވެރިންނަށް މަސް ބާނަން ފަސޭހަ ވަނީ ވެސް. އެހެންކަމުން މިޔަރަކީ ވަރަށް މުހިއްމު އެއްޗެއް. މިޔަރުގެ އާބާދީ ގިނަ ވެގެން އުނދަގޫ ވާ ވަރެއް އަދި އޮތްހެނެއް ހިއެއްނުވޭ. ދުވަހަކުވެސް ނީވޭ ނޫންތޯ ފީނަން ގޮސް އުޅޭ މީހަކަށް ހަމަލާއަށް ދީފައިވާ ވާހަކައެއް؟" އޭނާ ވިދާޅުވި އެވެ.
"މި ޖެނެރޭޝަންގެ މަސްވެރިންނަށް އާ ކަމަކަށް ވެގެން މިއުޅެނީ. މިޔަރާއި ޑޮލްފިނާ ހެދި މަސްތައް މައްޗަށް އަރާ މަސްވެރިންނަށް މަސް ބާނަން ފަސޭހަ ވަނީ ވެސް. އެހެންކަމުން މިޔަރަކީ ވަރަށް މުހިއްމު އެއްޗެއް. މިޔަރުގެ އާބާދީ ގިނަ ވެގެން އުނދަގޫ ވާ ވަރެއް އަދި އޮތްހެނެއް ހިއެއްނުވޭ.ސެންޑީ
ޑައިވް ކުރަން ފެއްޓެވި އިރުއްސުރެ ކަނޑުގެ ދިރުން ހިމާޔަތް ކުރަން ލޮބީ ކުރައްވާ ސެންޑީ ވިދާޅުވި ގޮތުގައި ގިނަ އަދަދަކަށް މިޔަރު އުރަހަ ބޭރު ކުރަން އުޅުން އެއީ ރާއްޖޭގައި އަދިވެސް ބްލެކް މާކެޓް އުފެދިފައި އޮތުމެވެ.
"ރާއްޖެއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މިޔަރު ހިމާޔަތްކޮށްފައިވާ މަދު ގައުމު ތަކުގެ ތެރޭގައި ހިމެނޭ ބައެއް. 2010 ގައި ހިމާޔަތް ކުރުމުގެ ކުރިން ޔޫރަޕްގެ ގިނަ ގައުމްތަކަށް ރާއްޖެއިން މިޔަރު އުރަހަ އެކްސްޕޯޓް ކުރި،" އޭނާ ވިދާޅުވި އެވެ. "ހިމާޔަތް ކުރުމުގައި ވެސް އެބަޖެހޭ އުސޫލްތަކަށް ބަލަން. ފަޅުތެރޭގައި މަސްބާނަން ނިކުމެ އުޅޭއިރު އަދި މިޔަރެއް ބޭނުނަސް އެ އޯކޭ ނޫންތޯ؟ މިޔަރެއްގެ ދަތުން ބުޅި ނެއްޓުމަކީ ވެސް އެހާ އުނދަގޫ ކަމެއް. އެހެންވީމާ އެ އޯކޭ ނޫންތޯ ކާލަން؟ ހިމާޔަތް ކުރުމަކީ އަދި ނަގައި ކާލަން ހަރާމް ކަމަކަށްވީ އެއް ނޫން"