މަސްވެރިން

މަސްވެރިންނަށް މިނޫން ގޮތެއްނެއް؟

Apr 7, 2022
1

ކޮންމެ އަހަރެއްގެ ވެސް ކުރީކޮޅު މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ އެވެ. އެއީ މާޗް، އޭޕްރީލްގެ މަސްވެރިކަމެވެ. މި އަހަރުގެ ވެސް އާދަޔާ ހިލާފު މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މިވަނީ ލައްވާލާފަ އެވެ. އާދަޔާ ހިލާފު މަސްވެރިކަމަށް ރާއްޖެ މިވަނީ ވަދެފަ އެވެ. މިހާރު މަސްވެރިކަން އެންމެ ރަނގަޅު ދެކުނުގެ އަތޮޅުތަކުގައި ބައެއް ދޯނި ފަހަރުން 50 ޓަނުގެ މަސް އެއް ދުވަހެއްގެ މަތިން ބާނާފައިވެ އެވެ. ނުކުންނަ ކޮންމެ ދޯންޏެއްގެ އެންކޮޅު ހުސްކޮށްލައިގެން ނޫނީ އޮޑި ފުރާލައިގެން ނޫނީ މަސް ކިރާކަށް ނުދެ އެވެ، އެކަމަކު ރޯދަ މަހުގެ ދަކައަވީގައި މަސްވެރިން މިކުރާ ބުރަ މަސައްކަތަށް "ހަމަ އަގު" ނުލިބޭ ތާނގައި ގެންނަ މަސްކޮޅު ކިރުވާލައި އަލުން ފުރޭނެ ފަދަ ވެސް ނުވެ މިވަނީ ޝަކުވާ ކޮޅުންލާފަ އެވެ. މިކަމާ ހެދި މަސްވެރިން ތިބީ މާޔޫސްވެ ގޮތް ހުސްވެފަ އެވެ.

"ސަރުކާރުގަ ބުނެ ދީބަލަ މި ނޫން ގޮތެއް ހަމަ ނެތީ ހޭ؟ މި ނޫން ވަރެއް ހަމަ ދުވަހަކު ވެސް ނުވާނެ ހޭ؟ ރަނގަޅު އަގެއް ނުލިބޭތާނގަ ގެންނަ މަސްކޮޅު ނުކިރިގެން ތިބެން މި ޖެހެނީ ކިޔޫގަ،" މިހާރު ރަނގަޅު ވެފައިވާ އާދަޔާ ހިލާފު މަސްވެރިކަމާ ބެހޭ ގޮތުން މައުލޫމާތެއް ހޯދާލަން ގުޅާލުމާއެކު ވިލިނގިލީ ދޯންޏެއްގެ އޮޑިވެރިއަކު ނަން ނުޖެހުމަށްފަހު ފުރަތަމަ ވެސް ބުނީ މިހެންނެވެ.

ރާއްޖެ އަށް އާދަޔާ ހިލާފު މަސްވެރިކަމެއް ލައްވާލުމާއެކު ސަރުކާރުގެ މަސް ކާރުހާނާތައް މިވަނީ ކޮށިއަރާފަ އެވެ. މިހާރު މަސް ކިރޭނެ ގޮތެއް ނެތެވެ. ނަތީޖާއަކީ ދޯނި ފަހަރު ކިޔޫ އަށް ލައިގެން ފްރީޒިކް ކެޕޭސިޓީ އިން ޖާގަ ހަދަން މިފްކޯއަށް މަޖުބޫރުވުމެވެ. މިއީ ކޮންމެ އަހަރެއްގެ ވެސް ހާލަތެވެ. ރަނގަޅު މަސްވެރިކަމެއް ހަމަ އަންނައިރަށް މަސްވެރިކަން ގެންނަ މަހުގެ 50 ޕަސެންޓުވެސް ގަތުމުގެ ކެޕޭސިޓީއެއް މިފްކޯގައެއް ނުހުރެ އެވެ. އެހެންވެ މަސްކޮޅު ކަނޑައަށް އުކާލުމުގެ މައްސަލަތައް ވެސް ފެންމަތިވެ އެވެ. އެ ހިތްދަތި މަންޒަރު ފެނެ އެވެ.

މިހާރު މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާ ދެކުނުގައި ހުރި މިފްކޯގެ ފުލް ކެޕޭސިޓީއަކީ 420 ޓަނެވެ. ނަމަވެސް އެގޮތް މިގޮތުން ޖާހަ ހަދައިގެން ވޭތުވެދިޔިޔަ ދެ ދުވަހު އެ ކުންފުނިން ވަނީ 1،390 ޓަނުގެ މަސް ކިރާފައިވެ އެވެ. މިހާރު ވެސް ކޫއްޑޫ ބަނދަރުގައި 510 ޓަނުގެ މަސް ނުކިރި އެބަހުއްޓެވެ. ދޯނިތައް އެ ފެކްޓަރީގެ ބަނދަރުގައި ނާއޫމީދުގައި ތިބީ ކިޔޫ ހަދައިގެންނެވެ.

މަސްވެރިން ބުނާ ގޮތުގައި މަސްކޮޅު ދޯނީގެ ވަތަށް ލައިގެން ތިބުމަކީ އެ މީހުންގެ އާމްދަނީ އަށް ބޮޑު ގެއްލުމެއް ކުރިމަތިވާ ކަމެކެވެ.

"މި މަސްވެރިކަމަކީ އަބަދަކު އޮންނަ ކަމެއް ނޫން. މާދަމާ ވެސް ގަދަވެދާނެ. ނޫނީ ހަމަ ހުރެފަ މަސްވެރިކަން ހިނގައިދާނެ. އެހެންވެ ބޭނޭ ވަގުތު ބާނަން ފުރުުސަތު ނުލިބި އެއްޗެއް ނުލިބޭނެ. މިހާރު މި ވާގޮތަކީ އެބަޖެހޭ ކިޔޫގައި ދެ ތިން ދުވަހު އެންމެ މަދުވެގެން ތިބެން،" މަސް ދޯންޏެއްގެ ކެޔޮޅެއް ބުންޏެވެ.

މަސް ނުކިރި މަސްވެރިންގެ ޝަކުވާ އިންތިހާ އަށް އޮއްސަމުންދާއިރު މަހުގެ އަގު ދަށްވުމަކީ ވެސް މަސްވެރިންގެ ބޮޑު ޝަކުވާ އެކެވެ. މަސްވެރިކަން ކޮޅުން ނުލައި އަބަދު ކުރަމުން ގެންދަނީ މި ޝަކުވާ އެވެ. އެ މީހުންނަށް ސަރުކާރުން ދޭން ބުނި "ހަމަ އަގު" ލިބޭނީ ކޮން އިރަކުން ހެއްޔެވެ؟ މަސްވެރިންގެ ޕްލެޓްފޯމްތަކާއި ފެކްޓަރީތައް ކޮބައި ހެއްޔެވެ؟

"މަހުގެ އަގު ދަށްވުމަކީ ބޮޑު ގެއްލުމެއް. މަސް ކޮޅެއް ނުކިރޭ. މަސް ކިރަން ގޮސް ފައްތިޔަ ޖަހައިގެން ތިބެން މި ޖެހެނީ. މި ނޫން ގޮތެއް ހޯދައިދޭން އެބަޖެހޭ. ވެރިކަމަށް އަންނައިރު ކަނޑާހާ ފޮނީގެ މަތިންވެސް ހަނދާން ކުރަން ޖެހޭ،" އެހެން މަސްވެރިއަކު ބުންޏެވެ.

މަސްވެރިންގެ ދަތިތައް ހައްލު ކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މަސް ގަތުމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން މިފްކޯގެ 100 ޓަނުގެ މަސް ކިރޭ "ޖަޒީރާ" ބޯޓު ވެސް ވަނީ ދެކުނަށް ފޮނުވާފަ އެވެ. އަދި ކިޔޫގައި ހުރި އޮޑިފަހަރުގެ މަސް މެނޭޖުކުރުމަށްޓަކައި ދޯންޏަކުން ފަސް ޓަނުގެ މަސް ކިރަން ވެސް ވަނީ ފަށާފަ އެވެ.މިކަން ކުރަނީ މަސް ފްރީޒް ކުރުމަށް ވަގުތު ހޯދުމަށެވެ. ސަބަބަކީ ސަރުކާގައި އެވަތަށް ކެޕޭސިޓީ ނެތުމެވެ. މި ހުރިހާ ކަމަކާއެކު މަސްވެރިންގެ މިހާރުގެ ޝަކުވާ ތަކަށް ވަގުތީ ގޮތުން ނަމަވެސް ހައްލެއް ލިބޭނެ ހެއްޔެވެ؟

މަސް ނުކިރުމުގެ ޝަކުވާގެ އިތުރުން މަސްވެރިންގެ އަނެއް ޝަކުވާއަކީ ތެލުގެ އަގު ބޮޑުވުމުން ލިބެމުންދާ ގެއްލުމެވެ. ތެލަށް ސަބްސިޑީއެއް ދޭއިރު ދޯންޏަކުން 40،000ރ. އާއި 70،000ރ. ވަރު ހަމައެކަނި ތެލަށް ކަނޑާލަން ޖެހުމަކީ މަސްވެރިންގެ ޖީބަށް ލިބޭ އެއްޗަށް އަންނަ ބޮޑު އުނިކަމެކެވެ. ޑީސަލްގެ އަގު އިންތިހާ އަށް ބޮޑުއިރު މަހުގެ އަގު ދަށްވުމަކީ މަސްވެރިންގެ މަސައްކަތް ދެކޮޅު ނުޖެހިދާނެ ސަބަބެކެވެ. މިކަމަށްވެސް ހައްލު ގެނެސްދެވޭ ތޯ ސަރުކާރުން ވަނީ މަސައްކަތް ފަށާފަ އެވެ. މީގެ އިތުރުން މަސްވެރިންގެ މި ޝަކުވާ ތަކަށް ދާއިމީ ހައްލެއް ގެނެސްދޭން މަސްވެރިކަމުގެ ކެޕޭސިޓީ ވަރުގަދަ ކުރުމަށް ސަރުކާރުން ވަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ވެސް ކޮށްފަ އެވެ. ފެލިވަރު ކެޕޭސިޓީ ބޮޑު ކުރުމުގެ މަޝްރޫއެއް ކުރިއަށް އެބަ ގެންދެ އެވެ.