- ލޯބި ޖެހިފައިވަނީ ކަނޑުގެ އަޑިއަށް
- ފީނުމުގެ ދާއިރާގައި 30 އަށްވުރެ ގިނަ އަހަރު
- ފުރަތަމަ އިންސްޓްރަކްރުންގެ ތެރޭގައި ހިމެނޭ
އޭނާ ހަނދާން ހުންނަން ފެށިއިރު ވެސް ހުރެވުނީ މޫދުތެރޭގަ އެވެ. އުމުރުން އެންމެ 10 އަހަރުގައި ވެސް ބައްޕަ އާއެކު މޫދަށް އެރި އުޅުނެވެ. ބައްޕައާއެކު މުށި މަސް ބޭނުމާއި ލާންދާ އުކަން ގޮސް އުޅެ އެވެ. އޭނާގެ ހިތް މޫދު ލޮނުން ތެމުނީ މިހެންވެ އެވެ. މޫދަށް ހިތްޖެހުނު ގޮތަކީ މިއީ އެވެ. މިއީ ރާއްޖޭގެ ފުރަތަމަ ޕެޑީ ޑައިވް އިންސްޓްރަކްޓަރުގެ ތެރޭގައި ހިމެނޭ މަޝްހޫރު ޑައިވަރު ކަމަށްވާ ހުސެއިން ރަޝީދު އާއްމު ނަމުންނަމަ "ސެންޑީ" އެވެ.
"ބައްޕައަކީ ވަަރަށް މޫދުގެ މީހެއް. ބައްޕަ ދާނެ އެނބޫދޫ ފިނޮޅަށް ވެސް އާއިލާ ގޮވައިގެން. ބައްޕައަކީ ކަނޑުގެ ދިރޭ ތަކެތީގެ ދިރާސާތައް 80 އަހަރު ތަކުގައި ކުރި މީހެއް. އެ ދުވަސްވަރު އެ ބަހުރި ވެލާ ހިމާޔަތް ކުރުމަށް ސްޓޭމްޕް އިޝްތިހާރު ކޮށްފަައިވެސް. މިއީ އަޅުގަނޑު ވެސް މިދާއިރާއަށް ވަދެވުނު ގޮތަކީ،" ސެންޑީ މޫދަށް ހިތް ޖެހުނު ގޮތް "އަވަސް" އަށް ކިޔައިފި އެވެ.
ބައްޕަގެ ފަހަތުން މޫދަށް އެރި، މޫދަށް ހިތް ޖެހުނުއިރު، ދެން މި އޮތީ ސެންޑީގެ ރަސްމީ މަސައްކަތްކަމަށްވާ ފީނުން ފެށިގެން އައި ގޮތެވެ. މިކަން ފެށުނީ ޓޫރިސްޓެއް އަތުން ލިބުނު މާސްކެއްގެ ސަބަބުންނެވެ.
"މާސްކު ލިބުނީ ރާއްޖެ އައި ޓޫރިސްޓެއްގެ ކައިރީގައި އާދޭސް ކޮށްގެން ބާއްވާފައި ދާށޭ ކިޔައިގެން. އޭރު އެއީ ވަރަށް ދަތިއެއްޗެއް. މާސްކު ލިބުނީމަ ފީނަންފެށުނީ،" މިހާރ އުމުރުން 50 ގެ އަހަރުތައް ގުނަމުން ގެންދާ ސެންޑީގެ ކިޔައިދިނެވެ.
"ޑައިވިންގެ ދާއިރާ އަށް ނުކުމެވުނީ ވިކްޓްރީ އަޑިއަށް ގޮސްގެން އެ ތަނަށް ފީނަން ވެގެން ޅިޔަނަކު ދިން ފުރުސަތެއް. ޅިޔަނަކީ އޮސްޓްރޭލިޔާ މީހެއް. އޭރު ވެސް އަޅުގަނޑު ވަރަށް ފޮޓޯ ނަގާ ހިތްވޭ. އެހެންވެ ހިތަން އެރީ މިއީއޭ ތަނަކީ. އަަސްލު އުޅެންވީ މި ތަނުގައޭ."
ސެންޑީ ފީނުމުގައި މައިގަނޑު ޝައުގަކީ މޫދު އަޑީގެ ފޮޓޯ ނެގުމެވެ. އޭނާގެ ކެމެރާ މޫދު އަޑީގެ ކުލަތަކަށް ފަރިތަ އެވެ. މިގޮތުން މޫދާއި ކަނޑުގެ އަޑީގައި އޭނާ ހޭދަކުރި ކޮންމެ ފަޅި ސިކުންތަކީ ވެސް އޭނާއަށް ހާއްސަ ވަގުތު ކޮޅެކެވެ. މިގޮތުން ނަގާފައިވާ ކޮންމެ ފޮޓޯއެއް ވެސް ވަރަށް ހާއްސަ އެވެ.
"މާލޭގައި އުޅޭ ރައްޓެހި ކުދިން ކޮޅަކާއެކު ފުރަތަމަ ފޮޓޯނަގަން ދަނީ. އެންމެ ފުރަތަމަ ކެމެރާއެއް މާސްކް އަކަށްލައިގެން ފޮޓޯ ނެގީ. އެ ފަހަރު ފޮޓޯ ނެގުނު،" މޫދު އަޑީގެ ފޮޓޯ ނެގުމުގައި މަސައްކަތްކުރާތާ 30 އަހަރުވެފައިވާ ސެންޑީ ބުންޏެވެ.
ސެންޑީއަކީ ޑައިވިންގެ ދާއިރާ އިން އޭޝިޔާގައި ވެސް ނަން މަޝްހޫރު މީހެވެ. މިގޮތުން އޭނާއަކީ 1980 ގެ އަހަރުތަކުގައި ރާއްޖެއަށް ފީނުން އާއްމުވަމުން ދިޔަ ދުވަސްވަރު މި ދާއިރާ އިން ކިޔެވި މަދު މީހުންގެ ތެރެއިން އެކަކެވެ.
"އޭރު ތިބޭނީ ރާއްޖޭގައި ވެސް ދެތިން މީހުން. އޭގެތެރޭގައި އަޅުގަނޑު ހިމެނޭ. އޭގެފަހުން ކޯސް ޑައިރެކްޓަރު ކޯސް އަޅުގަނޑު ހެދީ 2،000 ވަނަ އަހަރު. މިއީ އިންސްޓްރަކްޓަރު ޓްރެއިނާއެއް،" ސެންޑީ ބުންޏެވެ.
އޭގެ ފަހުން އޭނާ ދަނީ ޑައިވް ކޯސްތައް ކިޔަވައި ދެމުންނެވެ. ޒުވާނުން ތަމްރީން ކުރަމުންނެވެ.
"މިހާރު ދޮޅުހާހެއްހާ މީހުންނަށް ކިޔަވައި ދެވިއްޖެ. މީގެ ތެރޭގައި 60 ޕަސެންޓަކީ ޓޫރިސްޓުން. ބޭރު މީހުން.ޑައިވް ކުރެވުނު ވަގުތައް ބަލާނަމަ ކަނޑުގެ އަޑީގައި ދެ އަހަރު ވަރު އުޅެވިދާނެ."
ސެންޑީ ގަބޫލުކުރާ ގޮތުގައި މޫދަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް އިންޑަސްޓްރީ އެވެ. މޫދާއި ކަނޑަކީ އެންމެ ގިނަ ފުރުސަތުތައް އޮންނަ އެއްތަނެވެ. މިގޮތުން މެރިން ބަޔޮލޮޖިސްޓުންނާއި މެރިން ސައިންޓިސްޓުނަކީ ރާއްޖެއަށް މުހިންމު ބައެއް ކަމަށް ސެންޑީ ބުންޏެވެ.
"މިއޮތް ހުރިހާ ދުވަހު ރާއްޖޭގެ މެރިން އެންވަޔަރުމަންޓް ހިމާޔަތް ކުރަނީ ޑައިވިން ސެންޓަރު ތަކުން. ޑައިވިން އިންސްޓްރަކްޓަރުން. އަސްލު ބަޔޯޑައިވާސިޓީ އަށް ވިސްނާ މީހުން ކުރަން ޖެހޭ ކަމެއް މިއީ. އެ މީހުންނަށް އެނގޭނީ. ނަމަވެސް މި ކަން ކުރަނީ ޑައިވަރުން. އެކަން ކުރަނީ ޓޫރިޒަމަށް ގެއްލުންވެދާނެތީވެ، ޑައިވަރުން. ނަމަވެސް ތަންކޮޅެއް ބޮޑަށް ކިޔަވައިގެން މެރިން ބަޔޮލޮޖިސްޓުން ރާއްޖެއަށް ބޭނުންވޭ،" ސެންޑީ ބުންޏެވެ.
"މި ދާއިރާގައި ފުރުސަތުގެ ވާހަކަ ދައްކާނަމަ ކޮމްޕްރެސަރު. މިއީ ފުރަތަމަ ލެވަލް. ޑައިވް މާސްޓާ، އިންސްޓަރްކަޓަރު. މީގެ އިތުރުން ޑައިވް ސެންޓަރު މެނޭޖަރުން މިއީ ވެސް މަގާމެއް. އޮޕަރޭޝަން ދާއިރާގައި ވެސް ގިނަ ވަޒީފާތައް އެބައޮތް. މިއީ ޒިންމާ އާއި އިނާޔަތްތައް އިތުރު ދާއިރާއެއް."
ސެންޑީ ބުނި ގޮތުގައި ރާއްޖެއަކީ ފީނުމުގައި ދުނިޔޭގެ މަގުބޫލު މަންޒިލެއްނޫނެވެ. ރާއްޖެއަކީ މިދާއިރާގެ ޗެމްޕިއަނެވެ. މީގެ އިތުރުން ރާއްޖެއިން ވަނީ މި ދާއިރާގެ ގިނަ ބައެއްގެ ހިތްތައް ވެސް ފަތަހަ ކޮށްފަ އެވެ. މީގެތެރޭގައި ޑައިިވިންގެ ރެކޯޑު ހެދުމާއި ގައުމެއްގެ އެންމެ މަތީ ލެވަލްގެ މީހުން ޑައިވް ކުރުން އަދި ފީނުމާ ބެހޭ ގޮތުން ރަނގަޅު ގަވާއިދުތަކެއް ހަދައި، އެ ތަންފީޒް ކުރުން މިއީ އޭނާ ގަބޫލުކުރާ ގޮތުގައި ބޮޑެތި ކާމިޔާބީ ތަކެވެ.
މި ދާއިރާ އިން ލިބެމުންދާ ކާމިޔާބުތަކުގެ އިތުރުން މި ދާއިރާއަށް ލިބޭ ގެއްލުންތައް ވެސް ބޮޑު ކަމަށް ސެންޑީފާހަގަ ކުރެ އެވެ. މުރަހަ ހުދުވުމާއި ރަށްތައް ހިއްކުމުގެ ސަބަބުން ކަނޑުގެ މާހައުލުގެ ދިރުންތަކށް ދިވާތާ ތަފާތު މައްސަލަތައް އޭނާ ފާހަގަ ކުރެ އެވެ.
"ވަރަށް ބޮޑަށް ކޮރަލް ބްލީޗިން ބޮޑު. މީގެ ސަބަބުން ޓޫރިޒަމާއި މަސްވެރިކަމަށް ވެސް އޭގެ އަސަރުކުރާނެ. މަސްވެރިކަމަށްނަމަ އެންވެރިކަމަށް އަސަރުކުރަމުން އެބަދޭ. ނަމަވެސް މިއީ ގުދުރަތީ ކަމެއް. އިރާދުކުރެއްވިއްޔާ އެކަން ރަނގަޅުވާނެ،" ސެންޑީ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފީނުމުގެ ދާއިރާގައި ރާއްޖޭގެ އެންމެ ބޮޑު ކާމިޔާބީއަކީ ރައްކާތެރިތަނަށް ރާއްޖެވުމެވެ. ހާއްސަކޮށް ސޭފްޓީ މިންގަނޑުތައް ރާއްޖޭގައި ހަރުދަނާވުމެވެ.
"މީގެ 14 އަހަރު ކުރިން މި ދާއިރާގައި އުޅެނީ 100 ޕަސެންޓް ބިދޭސީން. ނަމަވެސް މިހާރު ގިނަވާނީ ދިވެހިން. ޑައިވޯޝަނަސްގެ ނަމުގައި ވިލާގެ ގާސިމް އިބްރާހިމް އިންސްޓިޓިއުޓެއް ފުރަތަމަ އުފެއްދެވީ ފުރަތަމަ،" ސެންޑީ ބުންޏެވެ.
"މިއީ ދިވެއްސެއް އޯން ކުރި ފުރަތަމަ ޑައިިވިން ސެންޓަރު. މީގެ 30 އަހަރު ކުރިން ހުރިހާ މުވައްޒަފުންނަކީ ހުސް ބިދޭސީން. ނަމަވެސް މިހާރު 100 ޕަސެންޓް ޑައިވް ސެންޓަރުތައް ހުރޭ ދިވެހިންގެ މިހާރު ގެސްޓް ހައުސްތަކާއި ރިސޯޓުތަކުގައި ވެސް ދިވެހި ކުންފުނިތައް މަސައްކަތް ކުރޭ."
އޭނާ ބުނީ މި ދާއިރާ އިން އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ބައްޕަ އެވެ. މީގެ އިތުރުން ޔޫރޯ ޑައިވާސް އާއި ގާސިމް އިބްރާހިމްގެ ނަން އޭނާ ފާހަގަ ކުރެ އެވެ.
"ސަން އައިލެންޑުގައި މޫދު ކުޅިވަރުގެ އިންސްޓިޓިއުޓެއް ހެދީ. މިހާރު 130 ކުދިން ނެރެފިން ވޯޓާ ސްޕޯޓްސް އަށް ކުދިން،" ވިލާ އިން ކުރިއަށް ގެންދާ ވޯޓާ ސްޕޯޓްސް އާއި ޑައިވިިން ކިޔަވައިދޭ ފެކަލްޓީގެ ޑީންކަން ވެސް ކޮށްފައިވާ ސެންޑީ ބުންޏެވެ.
ސެންޑީ ބުނީ އެއްވެސް ދާއިރާއަކުން ކުރިއަށްދާން ބޭނުންނަމަ، އެހެން މީހެއްގެ ވިކްޓިމަކަށްވެގެން ކުރިއެރުމެއް ނެތެވެ. މިއީ ޒުވާނުންނަށް އޭނާދޭ މެސެޖެކެވެ.
"އެ މީހަކު މަގު ކޮށާނީ އެ މީހަކު. އެކަމަކު ފުދޭވަރަކަށް މަސައްކަތް ކުރަން ޖެހޭނެ،" ސެންޑީ ވާހަކަ ނިންމައިލި އެވެ