ލައިފްސްޓައިލް

ސިޓީ ބޭކަރީގެ ކާމިޔާބީން ލަތީފުގެ ވާހަކަ

މަސައްކަތް ފެށީ ވެސް އުންމީދަކާއެކުގަ އެވެ. ހުވަފެން ތަކެއް ދެކެމުންނެވެ. ބޭނުންވާ މަންޒިލަށް ދަތުރުކުރީ އިތުބާރާއެކުގަ އެވެ. އެކަމަށްޓަކައި ގަދައަޅައި ކުރީ މަސައްކަތެވެ. ފުރަތަމަ މަސައްކަތް ފެށީ، ވަރަށް ކުޑަ ކޮށެވެ. މިއީ ރާއްޖޭގެ ބޭކަރީ ވިޔަފާރީގައި އެންމެ ނަން މަޝްހޫރު ސިޓީ ބޭކަރީ އާއިލީ ވިޔަފާރީގެ ސޮފްހާތަކުން އެ ކުންފުނީގެ އެމްޑީ، މުހައްމަދު ލަތީފުގެ ވާހަކަ އެވެ. މަސަކަތް ފެށިއިރު، ޕާން ފިހުނީ އޭނާގެ ބޭބެ، ސިޓީ އިންވެސްޓްމަންޓްގެ، ޗެއާމަން އަލީ ފަހީމް އެވެ. ޕާން ފިހުމުން ލަތީފުގެ މަސައްކަތަކަށްވީ ޕާން އުފުލުމެވެ. ކޮންމެ ދުވަހަކު ސައިކަލުގެ ވަށައިގެން ޕާން އެލުވައިގެން، ފަހަރަކު ފިހާރަ އަކަށް ލަތީފު ދުއްވަ އެވެ. އޭރު އޭނާ އަކީ ސިޓީ ބޭކަރީގެ ޑެލިވަރީ ބޯއީ އެވެ. އެ މަސައްކަތް އޭނާ ގަބޫލު ކުރެއްވީ އުފަލެއްގެ ގޮތުގަ އެވެ.

"ފަހީމްގެ އިސްނެގުމެއް މިއީ. ފަހީމް ޕާން ފިހުނީމަ އަޅުގަނޑުގެ މަސައްކަތަކީ ޕާންތައް ކަޓް ކޮށްގެން ގެންދިއުން. ބައެއް ފަހަރު ބައްޕަ ވެސް އެއްޗެހި ގެންދިއުމުގައި އުޅުއްވާނެ. ބައެއް ފަހަރު ރައްޓެހިންގެ ވެހިކަލްތައް ބޮރޯކޮށްލައިގެން އެ މަސައްކަތް ކުރަމުން ދިޔައީ،" ދެހާސް ދެވަނަ އަހަރު ފެށި ސިޓީ ބޭކަރީގެ ވިޔަފާރީގެ ކާމިޔާބު ސޮފުހާތައް ލަތީފު ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.

ފަހީމްގެ އިސްނެގުމެއް މިއީ. ފަހީމް ޕާން ފިހުނީމަ އަޅުގަނޑުގެ މަސައްކަތަކީ ޕާންތައް ކަޓް ކޮށްގެން ގެންދިއުން. ބައެއް ފަހަރު ބައްޕަ ވެސް އެއްޗެހި ގެންދިއުމުގައި އުޅުއްވާނެ. ބައެއް ފަހަރު ރައްޓެހިންގެ ވެހިކަލްތައް ބޮރޯކޮށްލައިގެން އެ މަސައްކަތް ކުރަމުން ދިޔައީ
ސިޓީ އިންވެސްޓްމަންޓުގެ ޖީއެމް، ލަތީފް

ސިޓީ ބޭކަރީ ފެށިގެން އައިރު ލަތީފު މަސައްކަތް ކުރެއްވީ ސްރީލަންކަން އެއާލައިންސްގަ އެވެ. އެހެންވެ، ވަޒީފާ ނިންމާފައި އައިސް ދުވަހުގެ ބާކީ އޮތްބައި ހޭދަ ކުރަނީ މި މަސައްކަތުގަ އެވެ.

އާއިލީ ވިޔަފާރި، ގުޅިގެން ކުރިއަށް

އޭގެ ތިން އަހަރު ފަހުން 2005 ވަނަ އަހަރު ވެގެން ދިޔައީ މިހާރު ފެންނަ ޒަމާނީ ބޮޑު ސިޓީ އިންވެސްޓްމަންޓް އުފެދިގެން އައި ތަނެވެ. ރާއްޖޭގެ ކުރިއަރައި ފުޅާވަމުން ދިޔަ، ކެއިން ބުއިމުގެ ސާމާނު ވިއްކުމުގެ ވިޔަފާރީގެ ތެރެ އަށް ސިޓީ ވަނީ އިތުބާރާއެކުގަ އެވެ.

"ސީޓީ ބޭކަރީ އުފެއްދި އިރު ވަރަށް ކުޑަކޮށް ފެށީ. ފަހީމްގެ ރައްޓެހި ޔޫރަޕު މީހެއް ބޭކަރީ ސާމާނު ކްރެޑިޓަން ދިނީ. އޭރުގެ ކެޕްޓަލް އެއްގެ ގޮތުގައި ހުރީ ވެސް އެންމެ 50،000 ރުފިޔާ،" ލަތީފު ވިދާޅުވި އެވެ.

"އޭގެ ފަހުން ނީލަމުން 30،000ރ. ވަރަށް ވޭނެއް ނަގައިގެން ޕާން ފިހާރަތަކަށް ގެންގޮސް ދިނުމުގެ ހިދުމަތް ފެށީ. މިއީ މިގޮތަށް ހޯދި ފުރަތަމަ އަމިއްލަ އުޅަނދު."

މި މަސައްކަތް ކުރި އަށް ދިއުމުގައި އެންމެ ބޮޑު ފަސޭހައެއް ލިބިގެން ދިޔައީ ރާއްޖޭގެ ބޮޑެތި ކުންފުނި ތަކުން އޭރު ލަތީފު މެންނަށް ދިން އެހީތެރިކަމެވެ. އެގޮތުން ލިލީ އާއި ބެސްޓްބައި މޯލްޑިވްސްގެ، ނަން ލަތީފު ފާހަގަ ކުރަނީ ޝުކުރުވެރިކަމާއެކުގަ އެވެ.

އެ ދުވަސްވަރު ދިވެހިންނަށް ޕޭސްޓްރީގެ މީރު އެއްޗެއް ކާން ލިބެނީ ހަމައެކަނި ރިސޯޓުތަކުންނެވެ. ހާއްސަކޮށް ޕޭސްޓްރީގެ މީރު ރަހަތައް އާއްމުންނާ ހަމަ އަށް އޭރު އަދި ނުފޯރަ އެވެ. ނަމަވެސް ފަހީމް އާއި ލަތީފު، ދެ ބެއިންގެ މަސައްކަތުން ދިވެހިންގެ އަރު ތެރެ އަށް ޔޫރަޕުގެ މީރު ޕޭސްޓްރީގެ ރަހަ ލައްވައިދިނެވެ.

ލަތީފު ގަބޫލު ކުރައްވާ ގޮތުގައި ވިޔަފާރި ކާމިޔާބު ވުމުގައި ބޭބެ ފަހީމުގެ ގާބިލްކަން އެހީއަކަށްވި އެވެ.

"މާތްﷲ ގެ އިރާދަފުޅު ތަނަވަސް. ފަހީމްގެ ބޭކިންގެ ނޮލެޖާއި ތަޖުރިބާ އާއި ކޮލެޓީ، ހާއްސަކޮށް ސާފު ތާހިރުކަން މިއީ ކާމިޔާބީގެ އެއްބައި. އޭރު ވެސް ފަހީމު ޔޫރަޕަށް ދަތުރު ކުރައްވާ. އެތަނުގައި ދިރިއުޅުއްވި ބޭފުޅެއް. އެހެންވެ އަބަދު ވެސް ޑްރީމެއް ޔޫރަޕުގައި ހުންނަ ފަދަ ތަކެތި ރާއްޖެ އިން ލިބޭނެ ގޮތް ހެދުން. އެހެންވެ އެކަމަށް މަސައްކަތް ކުރީ،" ލަތީފު ވިދާޅުވި އެވެ.

މި ދަތުރުތަކަށްފަހު، ރާއްޖެ ގެނައި ޕޭސްޓްރީގެ ހިޔާލު ދިވެހިންގެ ހިތް އަތުލި އެވެ.

"މިގެނައި ޕްރޮޑަކްޓްތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަމުދާން ފެށި. އެހެންވެ މާކެޓު ކުރަން ވަރަށް ފަސޭހަވި. އެހެންވެ، މީޑިއަމް މާކެޓު ލިބިގެން ދިޔައީ ވަރަށް ފަސޭހައިން،"

ލަތީފު ވިދާޅުވި ގޮތުގައި ސިޓީ އިންވެސްޓްމަންޓް ކާމިޔާބީ ހޯދުނީ އިހުލާސްތެރިކަމެވެ.

"މުވައްޒަފުންގެ ބުރަ މަސައްކަތް އެއް ކަމަކީ. އަނެއް ކަމަކީ އިހުލާސްތެރިކަން. ތެދުވެރިކަން. ވަރަށް ކަމާ ވެގެން ހުރިހާ ކުދިން ވެސް މަަސައްކަތް ކުރީ. މާތްﷲ އިރާދަފުޅުން މިހާރު އަޕް މާކެޓުގެ 80 ޕަސެންޓަކީ ސިޓީގެ ބިޒްނަސް،" ރާއްޖޭގެ ގިނަ ރެސްޓޯރެންޓްތަކާއި މާލެ ކައިރި ރިސޯޓުތަކަށް ވެސް، ޕޭސްޓްރީ ފޯރުކޮށްދޭ ކުންފުނީގެ އެމްޑީ ވިދާޅުވި އެވެ.

މުވައްޒަފުންގެ ބުރަ މަސައްކަތް އެއް ކަމަކީ. އަނެއް ކަމަކީ އިހުލާސްތެރިކަން. ތެދުވެރިކަން. ވަރަށް ކަމާ ވެގެން ހުރިހާ ކުދިން ވެސް މަަސައްކަތް ކުރީ. މާތްﷲ އިރާދަފުޅުން މިހާރު އަޕް މާކެޓުގެ 80 ޕަސެންޓަކީ ސިޓީގެ ބިޒްނަސް
ސިޓީ އިންވެސްޓްމަންޓުގެ އެމްޑީ، ލަތީފު

ސިޓީ ބޭކަރީ އަށް 12 އަހަރު މިހާރު ވެއްޖެ އެވެ. އެކަމަކު މި ތަނުގެ ތަފާތަކީ މިހާރުވެސް ރަހަތައް ބަދަލެއް ނައުމެވެ. އޭރުވެސް، ދިން ރަހަ މިހާރު ވެސް ސިޓީގެ އުފެއްދުންތަކުން ދޭނެ އެވެ. މިހާރު ސިޓީގެ ހަތަރު ތަނެއް ވަނީ ހުޅުވާފަ އެވެ. މީގެ އިތުރުން "ބްރެޑް މެޓާސް" ގެ ނަމުގައި ހުޅުމާލޭގައިވެސް ވަނީ ވިޔަފާރި ފަށާފަ އެވެ. އަދި އެ ކުންފުނިން ވިއްކާ ޖެލާޓޯ އައިސްކްރީމް އަކީ މިހާރު އެންމެ މަގުބޫލު އެއް އައިސް ކްރީމެވެ.

ކުޅިވަރުގައި އަލި ގަދަ ތަރިއެއް!

ލަތީފުގެ ކުޅިވަރުގެ ވާހަކަތަނަށް ދާނަމަށް ވަރަށް އުހަށް ފުންމައިގެން އަރަން ޖެހެ އެވެ. ލަތީފުއަކީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ވޮލީ ތަރިންގެ ތެރެއިން އެއް ބޭފުޅެވެ. އެމްއީއެސްގެ ސްކޫލް ވޮލީ ޓީމަށް ކުޅެން ފެށީ އުމުރުން 11 އަހަރުގަ އެވެ. އަދި އުމުރުން 17 އަހަރުގައި ގައުމީ ޓީމުން ޖާގަ ހޯއްދެވި އެވެ. މިއީ އެންމެ ބޮޑު އުފަލެވެ. އެންމެ ޒުވާން އުމުރުގައި ގައުމީ ޓީމުން ޖާގަ ލިބުނު ކުދިންގެ ތެރޭގައި ހިމެނިވަޑައި ގަތެވެ. އައްޑު އަތޮޅު ހިޒް ކްލަބާއި ވިކްޓްރީ އަދި ވެލެންސިއާ އަށް ވެސް ކުޅެ، ކާމިޔާބީތައް ހޯއްދަވައި ދެއްވި އެވެ.

"ވޮލީން ދުރަށްދާން ޖެހުނު ދުވަސް ކޮޅަކަށް. އޭރު ކުޅެގެން އާމްދަނީއެއް ނުލިބޭ. އޭރު އުޅޭ ވަޒީފާ އިން ރަނގަޅު އެއްޗެއް ލިބޭ. އެހެންވެ ދުރަށް ޖެހިލީ،" ލަތީފު ކުޅިވަރުގެ ސަފުހާތައް ހިއްސާ ކުރެއްވި އެވެ.

ވޮލީ ކުޅުމާ ދުރަށް ދިޔަ ނަމަވެސް، ލަތީފު، އެ ކުޅިވަރާ ދުރަށް ވަޑައިގަތީއެއް ނޫނެވެ. އޭގެ ފަހުން ވޮލީ ބޯޅައިގެ މެނޭޖުމަންޓް ދާއިރާގައި ހިދުމަތް ކުރައްވަން ވެއްޓެވި އެވެ. ވޮލީ އަށް އޮތް ލޯތްބާއެކު ހިދުމަތް ކުރެއްވި އެވެ. މިހާރު ލަތީފުއަކީ ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް އެވެ. އޭނާގެ މަގުސަދަކީ ވޮލީބޯޅައަށް އިންގިލާބެއް ގެނެސް ދިނުމެވެ.

"ފަހުން މޯލްޑިވިއަން ސްޕޯސް ހެދީ. މިކަން ކުރީ ރައީސް ޔާމީންއަކީ ޒުވާނުން ކުރި އަރުވަން މަސައްކަތް ކުރައްވާ ބޭފުޅަކަށްވުމުން އެކަމަށް ބާރު ދިނުމަށް. މީގެތެރޭގައި އުޅެނިކޮށް ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް ކަމަށް އަންނަން ވޮލީ އާއިލާ އިން އެދުނީ. އެހެންވެ މިހާރު މިހުރީ މި މަގާމުގައި،" ލަތީފު ވިދާޅުވި އެވެ.

ލަތީފު މި ވަނީ ކުރިމަތިލި ދެ ދާއިރާ އިން ވެސް ކާމިޔާބު ހޯދާފަ އެވެ. ހާއްސަކޮށް ކުޅިވަރުގައި އޭނާގެ ނަން އަބަދު ވެސް ވިދާނެ އެވެ. އަދި ވިޔަފާރީގައި ބޭބެ ފަހީމްއާއެކު، ލަތީފުގެ ކާމިޔާބީގެ ސަފުހާތަކަށް ވެސް ފަނޑުވުމެއް ނެތެވެ.