ލައިފްސްޓައިލް

ޝިރުހާންގެ ތިން އެސްގެ، ސިއްރު ކާމިޔާބީ!

ކާމިޔާބީއަކީ ހިތްވަރު ކުރާ މީހުންގެ އެއްޗެކޭ ބުނަނީ މިހެންވެ އެވެ. މިއީ އެ ފަދަ ހިތްވަރަކާ އެކު މަސައްކަތްކޮށް ކާމިޔާބެއް ހޯދި ފަރާތެކެވެ. މިއީ ގއ. ތިނަދޫ އަށް އުފަން މުހައްމަދު ޝިރުހާން އެވެ. މިއީ ވެސް އެފަދަ ވާހަކަ އެކެވެ. އޭނާއަށް އޯލެވަލްގައި ލިބުނީ އެންމެ ފާހެކެވެ. އޭގެ ފަހުން އޭނާއަށް މަޖުބޫރުވީ ވަޒީފާއަށް ނުކުންނާށެވެ. އެހެންވެ އޭނާ ފުރަތަމަ ނުކުތީ އެއާ މޯލްޑިވްސްގެ ވަޒީފާ އަށެވެ. ފުރަތަމަ އުޅުނީ ކޭޝިއަކަރަކަށެވެ. ނަމަވެސް ކިޔެވުމާއި އުނގެނުމުގެ ފިކުރު އޭނާ ދޫކޮށްލީއެއް ނޫނެވެ. އެހެންވެ އަމިއްލަ އަށް ފޮތް ހޯދައިގެން ކިޔަވަން ފެށީ އެވެ. މާގިނަ ދުވަހެއް ނުވެ އެވެ. ފުރަތަމަ ޑިޕްލޮމާ ހާސިލް ކުރި އެވެ. އަދި އޭގެ ފަހުން ވަޑައިގަތީ މަތީ ތައުލީމަށް ރާއްޖޭން ބޭރަށެވެ. މެލޭޝިޔާ އަށް ވަޑައިގެން މި ވަނީ އިންޝުއަރެންސުގެ ރޮނގުން މަތީ ތައުލީމް ހާސިލް ކުރައްވާފަ އެވެ. މިއަދު ޝިރުހާންއަކީ މި ދާއިރާ އިން ރާއްޖޭގައި ތިބި އެންމެ މަތީ ފާސް ނެގި، ބޭފުޅުންގެ ތެރެއިން އެކަކެވެ.

"ކިޔަވަން އުޅުނުއިރު ވަރަށް ގިނަ ދަތިތަކާ ދިމާވި، އެންމެ ބޮޑު ގޮން ޖެހުމެއް ދިމާވީ ފައިނޭންޝަލީ ދަތިތައް. ސްކޫލްގައި އުޅުނުއިރު ވެސް މެލޭޝިޔާ އަށް ކިޔަވަން ދިޔަ ފަހުން ވެސް ފައިނޭންޝަލީ ވަރަށް ދަތިވި. އެކަމަކު ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު މާތްﷲ ގެ އިރާދަފުޅުން މި ކާމިޔާބު ލިބުނީ،" އެސްއެސްއެސް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު ޝިރުހާން ވިދާޅުވި އެވެ.

ޝިރުހާންއަކީ އަބަދު ވެސް ވަޒީފާ އަށް ކަމޭ ހިތައިގެން މަސައްކަތް ކުރި މުވައްޒަފެކެވެ. އެހެންވެ އެއާމޯލްޑިވްސް އުވިގެން އައިލެންޑް އޭވިއޭޝަން އުފެދުނު އިރު، އޭނާވީ އެ ކުންފުނިން ވަޒީފާ ލިބުނު މީހުންގެ ތެރޭގަ އެވެ. އެ ހިސާބުން އޭނާ އަށް ވަނީ އެކި ދުވަސް މަތިން ވަޒީފާގެ ކުރިއެރުންތައް ލިބިފަ އެވެ.

ޝިރުހާން ވަނީ އައިލެންޑް އޭވިއޭޝަންގައި 14 އަހަރު މަސައްކަތް ކުރައްވާފަ އެވެ. އޭނާ ވަޒީފާއާ ދުރަށް ދިޔައީ އަމިއްލަ ވިޔަފާރި އަށް ހުސްވާށެވެ. އޭނާ މިހާރު ކުރައްވާ އިންޝުއަރެންސުގެ ވިޔަފާރީގެ ހިޔާލު އުފެދުނީ ވެސް އެ ކުންފުނީގައި މަސައްކަތް ކުރެއްވި ދުވަސްވަރު އެވެ. އިންޝުއަރެންސްގެ ދާއިރާށް ޝިރުހާންއަށް ނުކުމެވުނީ މިހާރު ސޮލަރެލް އިންޝަރެންސް ކުންފުނީގެ ސީއީއޯ ދީޕްތަދަޔަސް އާއި މިހާރު ނިޔާވެފައިވާ ކުރިން ސިލިންކޯ އިންޝުއަރެންސުގައި މަސައްކަތް ކުރެއްވި، ޕިއުންޕްރަސާންތް އެއްބާރުލުމާއެކުގަ އެވެ.

"އޭރު ވެސް އިންޝުއަރެންސަށް ޝައުގުވެރިކަން ހުރޭ. މިހެން ހުއްޓައި ލަންކާއިން ދީޕްތަދަޔަސް އާއި ޕިއުންޕްރަސާންތް ފޮތްތައް ގެނެސްދިނީ. އިންޝުއަރެންސުގެ ދާއިރާ އިން ކިޔަވަން ފުރަތަމަ ފުރުސަތު ލިބުނީ މިހާރު އައިލެންޑް އޭވިއޭޝަންގެ އެމްޑީ ހާރިސް. މިކަން ފެށިގެން ދިޔައީ ފައިނޭންސް ލިބިގެން ދިޔަ އައިލެންޑް އޭވިއޭޝަންގެ ފަރާތުން،" ޝިރުހާން ވިދާޅުވި އެވެ.

އިންޝުއަރެންސުގެ ދާއިރާ އިން ކިޔެވުން، ވެގެން ދިޔައީ އެސްއެސްއެސް އިންޝުއަރެންސްގެ ނަމުގައި ކުންފުންޏެއް އޭނާ އުފެއްދުމެވެ. އެސްއެސްއެސް އިންޝުއަރެންސް ނިސްބަތްވަނީ ޝިރުހާންގެ ދަރިފުޅާއި އަންހެނުން ނަށެވެ. ތިން އެސްގެ ސިއްރަކީ މިއީ އެވެ.

ޝިރުހާން ވަނީ މެލޭޝިއަން އިންޝުއަރެންސް އިންސްޓިޓިއުޓް އާއި އިނގިރޭސިވިލާތުގައި ޓެސްޓް ހަދައި، ސެޓްފިކެޓް ހާސިލްކޮށްފަ އެވެ. މިހާރު އޭނާއަކީ ޗާޓެޑް އިންޝުއަރެންސް ރިސްކް މެނޭޖަރެކެވެ. ރާއްޖޭގައިވެސް ތިބީ މީގެ ހައެއްގެ ބޭފުޅުންނެވެ.

ޝިރުހާން އުފެއްދި، އެސްއެސްއެސް އިންޝުއަރެންސުން މިހާރު ދަނީ ގިނަ ކުންފުނިތަކަކަށް ހިދުމަތް ދެމުންނެވެ. އެ ކުންފުނީގެ ރޯލަކީ އިންޝުއަރެންސް ކޮންސަލްޓެންސީ އާއި ރިސްކް މެނޭޖުމަންޓް އަދި ޕޮލިސީތައް ހަމަޖައްސައި ދިނުމެވެ. މިހާރު އެ ކުންފުނީގައި ހަތަރު މުވައްޒަފުން މަސައްކަތް ކުރެ އެވެ. އަދި މިހާރު އެސްއެސްއެސް އިންޝުއަރެންސް ކުންފުނިން ދަނީ ރާއްޖޭގެ ބޮޑެތި ކުންފުނިތައް ބަލަހައްޓަމުންނެވެ.

ޝިރުހާން ގަބޫލު ކުރައްވާ ގޮތުގައި މި ދާއިރާގައި އޮތް ގޮންޖެހުމަކީ މިފަދަ ކުންފުނިތަކަށް އެކަށީގެންވާ އެއްބާރުލުން ނުލިބުމެވެ. ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަން ބޭނުންވިނަމަވެސް، އެކަމަށް އެކަށީގެންވާ މާހައުލެއް ނެތުމެވެ.

"އަސްލު އެންމެ މުހިންމު ކަމަކީ މި ކަން ކުރަން ޖެހޭ ގޮތަށް ޕްރޮފެޝަނަލީ މިކަން ކުރުން. އެކަމަކު ހަގީގަތުގައި ނުކުރެވޭ. އެންމެ ބޮޑު ޗެލެންޖަކީ ވަކި ސްޓޭންޑަޑެއްގައި މިކަން ކުރުމަށް ދަތިވުން،" ޝިރުހާން ވިދާޅުވި އެވެ.

ޝިރުހާން، އިންޝުއަރެންސް ކެރިއާގައި ކާމިޔާބުވުމުގައި ގިނަ ބަޔަކު ވަނީ އެހީތެރިކަން ދީފަ އެވެ. އެ މީހުންގެ ތެރޭގައި އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުން ވެސް ހިމެނެ އެވެ. އަދި މި ދާއިރާ އަށް ނުކުންނަން މަގު ތަނަވަސް ކޮށްދިން ބޭރުގެ ތިން ބޭފުޅުން ވެސް ހިމެނެ އެވެ. އަދި އެންމެ ގާތުން މަސައްކަތް ކުރީ އަންހެނުންނެވެ.

"އިރާދުކުރެއްވިއްޔާ މި މަސައްކަތް ކުރަނީ އެސްއެސްއެސް އިންޝުއަރެންސް މިހާރަށް ވުރެ ރަނގަޅު ކުރަން. ހާއްސަކޮށް މި އަހަރުގެ ޓާގެޓް ކުރަނީ މިއީ އެންމެ އިސްކަން ދޭކަމެއް. އަޅުގަނޑުމެން އަބަދު ވެސް ކްލައިންޓުންނާ ވަރަށް ގާތް ގުޅުމެއް އޮންނާނެ،" ޝިރުހާން ވިދާޅުވި އެވެ.

ހިތްވަރު ކޮށްގެން ކާމިޔާބު ހޯދީ ޝިރުހާން މިހާރު ހުރީ އުފަލުންނެވެ. މިއަދު އޭނާ ހުރީ އިންޝުއަރެންސްގެ ދާއިރާގެ އެންމެ މަތީގައި ފައި ހަރުކޮށްގެންނެވެ.