- އެމްޓީސީސީއާ ގުޅުނީ ފުރާވަރުގައި
- ކުރިއަށް ދިއުމުގެ ސިއްރަކީ މަސައްކަތުގެ އަހުލާގު
- އަބަދުވެސް ޒުވާނުންނަށް އިސްކަން ދޭ
ޒުވާނުންނަށް މިސާލު ދެއްކުމުގައި މިވަރުގެ ފަހުލަވާނެއް މަދުވާނެ އެވެ. ވަޒީފާއަށް ކަމޭހިތުމުގައި ވެސް މިއީ މިސާލެކެވެ. ގަޑިއަށް ސަމާލުވުމަކީ އޭނާގެ ހަށީގައި ހިފާފައިހުރި އާދަ އެކެވެ. ވަޒީފާއަށް އަހައްމިއްޔަތުކަން ދިނުމުގެ ވާހަކަ ފަށާނަމަ އެއް މިސާލަކީ ފުރަތަމަ ދަރިފުޅަށް އަށް ދުވަހުގައި ކުންފުނީގެ ޒިންމާ ކޮނޑުގައި އަޅުއްވައިގެން ރާއްޖޭން ބޭރަށްދާން ނިންމެވުމެވެ. މިއީ އެމްޓީސީސީގައި އެންމެ ޒަމާންވީ އެއް މުވައްޒަފު ކަމަށްވާ ކުންފުނީގެ މިހާރުގެ، ޖެނެރަލް މެނޭޖަރު އަހުމަދު ސައީދެވެ.
"ކުރިއެރުމުގެ ސިއްރަކީ ކަމަށް ކަމޭހިތުން. މަސައްކަތުގެ މާހައުލުގައި ތެދުވެރިކަން. އެކަމަށް ހޭދަކުރާ ވަގުތު،" އޭނާ ވާހަކަ ފަށައި ދިނެވެ.
ރާއްޖޭގެ އެންމެ ބިޔަ އެއް ކުންފުނި ކަމަށްވާ އެމްޓީސީސީގައި މިވަރުގެ "ތަނބެއް" މަދުވާނެ އެވެ. ކުންފުނީގެ 35 އަހަރުވީ ދިގު މާޒީގައި ލައްކަ ތަޖުރިބާތައް ސައީދު ކުރައްވައިފި އެވެ. ދެން ވާހަކަ ފަށަމާ ހިނގާށެވެ.
ސައީދުގެ ވަޒީފާ ފެށީ ވެސް އެމްޓީސީސީންނެވެ. ކުންފުނިން ވިއްކާ "ޔަންމާ" ގެ ޓްރެއިނަރެއްގެ ވަޒީފާ އެވެ. ޒިންމާއަކީ ދަސްކުރާ މުވައްޒަފެއްގެ ޒިންމާ އެވެ. ދުވާލު ހަތަރުދަމު މުޅި ގައިގައި ޑީސަލް ހާކައިގެން އިންޖީނު ކޮޓަރީގައި މަސައްކަތް ކުރުމެވެ. މަސް އޮޑިފަހަރުގެ ސާފުޓް ކަހާލިއަސް ސައީދު ހޯދާނެ އެވެ. މީގެ އިތުރުން މެރިން ޖަނަރޭޓަރުގެ މަސައްކަތް ތަކެވެ.
"އަޅުގަނޑު އެންމެ ފުރަތަމަ ވަޒީފާއަކީ ވެސް މިއީ. އަޅުގަނޑުގެ ރަސްމީ ވަޒީފާއަކީ ވެސް މިއީ،" ގއ. ދެއްވަދޫއަށް އުފަން، ސައީދު ވިދާޅުވި އެވެ.
އޭނާ ގަބޫލު ކުރައްވާ ގޮތުގައި "މިހާރުގެ ސައީދު" ފެނުމުގެ ހަގީގީ ސިއްރަކީ އޭނާގެ ލޯފަދައިން ލޯބިވާ އެމްޓީސީސީން ލިބުނު ފިލާވަޅުތަކެވެ. ކުންފުނިން އޭނާ ކިޔަވައިދިނުމެވެ. ބޮޑުކޮށް ހަރު މީކަމަށް ހަދައިދިނުމެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޓީސީސީއަކީ މިއަދުގެ މާކެޓަށް މީހުން ތަމްރީން ކުރަން އެންމެ ގިނަ މަސައްކަތް ކުރާ ކުންފުނި. މި ދާއިރާގައި މަސައްކަތް ކުރާ ގިނަ އިންޖިނިއަރުންނަކީ އެމްޓީސީގައި ކޮންމެވެސް ޒަމާނެއްގައި އުޅުނު މީހުން. އެމްޓީސީސީއަކީ ކުންފުންޏަށް ބޭނުންވާ މީހުން ތަމްރީން ކުރާ ކުންފުންޏެއް،" އެމްޓީސީސީގެ މެނޭޖުމަންޓްތަކުން ކޮށްދެމުން ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި އެމްޓީސީސީއަށް "ބޮޑެތި ދަތިތަކާ" ކުރިމަތިވެފައި ވެއެވެ. އެގޮތުން އޭނާ އެންމެ ފާހަގަ ކުރައްވާ އެއް ދުވަސްވަރަކީ 2009-2012 ވަނަ އަހަރުގެ ނިޔަލަށެވެ. ސަބަބަކީ އޭރުގެ ސަރުކާރުން ކުންފުންޏަށް މަޝްރޫއުތައް ނުދިނުމާއި އެ ދަނޑިވަޅަށް ދުނިޔޭގެ އިގްތިސާދު ހީނަރުވުމެވެ. އަދި އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެމްޓީސީސީގެ ހުންގާނުގައި ހިންގުންތެރި ސީއީއޯ އިން ވެސް މިހާތަނަށް އާއިރު ވަނީ ހިފާފަ އެވެ.
"ކުރީގެ ސީއީއޯ ބަންދު ސަލީމާއި ޑޮކްޓަރު އަދުހަމް، އަދި މިހާރުގެ ސީއީއޯ ހަލީމް ފާހަގަ ކުރެވޭ. މިހާރުގެ ސީއީއޯ ފާހަގަ ކުރެވެނީ ކުންފުނި އެހެން ލެވަލްއަކަށް ގެންދަން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި. މުވައްޒަފުން ވެސް އެހެން ލެވަލްއަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ސީއީއޯއެއް،" އެމްޓީސީސީގެ ޕްރޮޖެކްޓް ޑިޕާޓްމަންޓާއި ލޮޖިސްޓިން ބަލަހައްޓަމުން ގެންދަވާ، ސައީދު ވިދާޅުވި އެވެ.
ސައީދު ޔަންމާ އިންޖީނާ ގުޅުންހުރި ދާއިރާގައި އެމްޓީސީސީގައި ގިނަ ދުވަސްތަކެއްވަން ދެން މަސައްކަތް ކުރެއްވުމަށްފަހު އެ ވަޒީފާ ބަދަލުކުރީ 2002 ވަނަ އަހަރު އެވެ.
"އަޅުގަނޑު ސިވިލް ދާއިރާއަށް ބަދަލުވުމުގެ ހިޔާލު އައީ އެމްޓީސީސީ ސްކޮލާޝިޕްތަކެއް އިއުލާނު ކުރުމުން. އޭގެ ކުރިން ޑްރެޖިން ޑިޕާޓްމަންޓުގައި ވެސް މަސައްކަތް ކުރިން. އޭރު މިހާރު ބޭނުންކުރާ އިކްއިޕްމަންޓެއް ނުހުރޭ. އޭރު ރަށްރަށުގެ މޫދުގައި ނަޖިސް ތެރޭގައި ވެސް މަސައްކަތް ކުރި. ފަތިހު ހަތަރެއް ޖަހާއިރު ވެސް ތެދުވެގެން މަސައްކަތް ކުރަން ޖެހޭ ފަހަރު އާދޭ،" އިނގިރޭސިވިލާތާއި މެލޭޝިޔާ އިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި، ސައީދު ވިދާޅުވި އެވެ.
"އޭރާ މިހާރުގެ ތަފާތަކީ ޓެކްނިކަލް ގޮތުން އައި ތަފާތު. އެ ޒަމާނުގައި އިކްއިޕްމަންޓެއް ހަލާކުވީ. އެ ހިސާބުން އެ ޑައިގްނޯސް ކުރަން ވެސް ވަރަށް ދަތި. އެކަމަކު މިހާރު އެކަންތައް ވެސް ފަސޭހަކަމާއެކު ކޮށްލެވޭ. މިހާރު ރިޕެއާ އެންޑް މެއިންޓަނަސް ދާއިރާއަށް އައި ބަދަލު. މި ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވިއްޖެ."
ސައީދު ގަބޫލު ކުރައްވާ ގޮތުގައި އެމްޓީސީސީއަށް ލިބޭ ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ކުންފުނީގެ މުވައްޒަފުންނެވެ.
"ކުންފުނީގެ ދަށުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސަބަބުން އެ ނަތީޖާ ފެންނަނީ. މީގައި ފެންނަނީ ޓީމް އެފަޓް،" ސައީދު ވިދާޅުވި އެވެ.
މި ވާހަކައާއެކު ސައީދު ދެއްވަނީ ޒުވާނުންނަށް މެސެޖެކެވެ:
"ޒުވާނުން އެބަ ދައްކާ ކުރިއަރައިގެން ދެވިދާނެކަން. އެމްޓީސީސީއަށް ބަލާނަމަ ޒުވާނުން މިތިބީ. އެހެންކަމަށްވާނަމަ ޒުވާނުންނަށް އެބައޮތޭ ފުރުސަތު. މި ފުރުސަތުގެ ބޭނުން ހިފަން އެބަޖެހޭ. އޭލެވެލް ނިންމާއިރު އެބަޖެހޭ ދާން ބޭނުންވާ ދާއިރާއަކުން ކުރިއަރަން މަސައްކަތް ކުރަން. ރާއްޖޭގައި ޓެކްނިކަލް މީހުން ވަރަށް މަދު. މީގައި ރާއްޖޭގައި މިއޮތީ މެނޭޖުމަންޓް. އެބަޖެހޭ ޒުވާނުންގެ ފޯކަސް ބަދަލު ކޮށްގެން ނަމަވެސް އިންޖިނިއަރިން އަށް ފޯކަސް ބަދަލު ކުރަން،" ސައީދު ވިދާޅުވި އެވެ.
"ހިތްވަރު ކުރަން ޖެހޭ. ތިމަންނަ ކުރަން ބޭނުންވާ ކަމެއްގައި މަސައްކަތް ކުރަން ޖެހޭ."
ސައީދު ގަބޫލު ކުރައްވާ ގޮތުގައި އޭނާ މިހާރު ހުންނެވި ޕޯސްޓާ ހަމައަށް ދެއްވުމުގެ ސިއްރަކީ އުމުރުން ތިން އަހަރުގައި ބައްޕަ ނިޔާވުން މަންމަގެ ފަރާތުބް ލިބުނު ތަރުބިއްޔަތާއި އަހުލާގެވެ.
"އެންމެ ބޮޑު އެހީއެއް ލިބުނީ މަންމަ އާއި ބޭބެ. އެއީ ކިޔަވަން އުޅުނުއިރު. އޭގެ ފަހުން ކައިވެނިކޮށްގެން އެންމެ ބޮޑު އެހީއެއް ލިބުނީ އަންހެނުން ފަރާތުން. ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އާއިލާއަށް،" ހަތަރު ކުދިންގެ ބައްޕަ ވާހަކަ ނިންމާލި އެވެ.
ކޮންމެއަކަށް ސައީދަކީ އެމްޓީސީސީގައި ވަރުގަދަ ހިދުމްތެރިއެކެވެ. ރާއްޖޭގައި ޔަންމާގެ ސްޕެއާއެކެވެ. ޒުވާނުންނަށް މިސާލެކެވެ. އެމްޓީސީސީގައި މިވަރުގެ ތަނބެއް މަދުވާނެއެ އެވެ.