އަންހެނުން ފަހަތު ފަޔަށް ބުރެވެގެން ތިބި ޒަމާން ހިނގައްޖެ އެވެ. މިއަދުގެ އަންހެނުންނަކީ ކެރޭ ބައެކެވެ. ހިތްވަރު ގަދަ ބައެކެވެ. މަސައްކަތްތެރި ވެސް ބައެކެވެ. މިއީ އެ ފަދަ އަންހެނެކެވެ. ސަތޭކަ އަހަރުވެފައިވާ ޖޫނިއަ ޗެމްބާ އިންޓަނޭޝަނަލް (ޖޭސީއައި)ގެ ރާއްޖޭގެ ގޮފި، ޖޭސީއައި މޯލްޑިވްސްގެ މިހާރުގެ ރައީސް މަރިޔަމް ޝިޒްލީން (ޝިޒް) އެވެ.
ޝިޒްލީން އޭލެވަލް ފުރިހަމަ ކުރެއްވުމަށްފަހު އަތް އުރާލައިގެން ހުރީ އެއް ނޫނެވެ. އިމްތިހާނުގެ ނަތީޖާ ލިބެންދެން އެވީ ދުވަސްކޮޅުގައި ވެސް ކޮންމެ ވެސް މަސައްކަތެއް ކުރަން ބޭނުންވި އެވެ. އެހެންވެ، ސަރުކާރުގެ ވަޒީފާއަކަށް ނުކުތީ އެވެ. ޝިޒްލީން ޝައުގުވެރިކަން ހުންނެވި ދާއިރާއަކީ ވިޔަފާރީގެ ރޮނގެވެ. އެހެންވެ މަތީ ތައުލީމް ހާސިލް ކުރެއްވީ ވެސް މި ދާއިރާއިންނެވެ. ބެޗްލާސް ޑިގްރީ ފުރިހަމަ ކުރެއްވުމަށްފަހު، މާސްޓާސް ވެސް ފުރިހަމަ ކުރެއްވީ ހަމަ މި ދާއިރާއިން އެވެ.
ކިޔަވައި ވިދާޅުވުމަށްފަހު ރާއްޖެ ވަޑައިގެން ފުރަތަމަ ވަޒީފާއަކީ ދިރާގެވެ. ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނީގެ މޮބައިލް ޕްރޮޑަކްޓް މެނޭޖަރުގެ މަގާމުގައި ގިނަ ދުވަސް ތަކެއް ހޭދަކުރެއްވި އެވެ. ދިރާގު ވެގެން ދިޔައީ ޝިޒްލީން އަށް ގިނަ އެއްޗިހި ތަކެއް ދަސްވި ތަނަކަށެވެ. ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނީގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް ކުރި އެވެ.
"ޕްރޮފެޝަނަލް އެންވަޔަރުމެންޓެއްގައި މަސައްކަތް ކުރުމާއި ލީޑާޝިޕް ގިނަ ބައިތަކެއް ދަސްވީ ދިރާގުން. އަސްލު ވަރަށް ރަނގަޅު ފައުންޑޭޝަނެއް އެ ކުންފުންޏަކީ،" ޝިޒްލީން ވިދާޅުވި އެވެ.
ދިރާގުގެ ވަޒީފާ އިން ވަކިވީ އަމިއްލަ އަށް މަސައްކަތެއް ކުރާށެވެ. އަމިއްލަ މަސައްކަތުން ކުރިއަރާށެވެ. އެހެންވެ ކޮންމެވެސް ވަރަކަށް ކިޔަވައި ދިނުމުގައި ވެސް ހަރަކާތްތެރިވި އެވެ. ޝިޒް ވަނީ ޓްރެވަލާސް ގްލޯބަލްގެ ޖެނެރަލް މެނޭޖަރުކަންވެސް ފުރުއްވާފަ އެވެ. އަދި ރަފީ ފައުންޑޭޝަންގެ އިންޓަނޭޝަނަލް އެޑްވައިޒަރީ ބޯޑުގައި ވެސް ހިމެނިވަޑައި ގަނެ އެވެ. މި ދުވަސްވަރަކީ ޝިޒް ހިލޭ ސާބަހަށް މަސައްކަތް ކުރުމަށް ޝައުގުވެރިކަން އުފެދުނު ދުވަސްވަރެވެ.
ދުނިޔޭގެ އެންމެ ޒަމާންވީ އެއް ޖަމިއްޔާ ކަމަށްވާ ޖޭސީއައި އިންޓަނޭޝަނަލާ ގުޅުނެވެ. އެ ޖަމިއްޔާ ރާއްޖެ ގޮފީގެ މެންބަރަކަށްވި އެވެ. އެ ޖަމިއްޔާ އާ ގުޅުނީ 2014 ވަނަ އަހަރު އެވެ. އެހެންވެ މި ޖަމިއްޔާ އިން ކުރިއަށް ދާނެ ގިނަ ފުރުސަތު ތަކެއް ޝިޒް އަށް ލިބިގެން ދިޔަ އެވެ. އެކި ދާއިރާ ތަކުން ޒުވާނުން ކުރިއަރުވަން އެހީވާ މި ޖަމިއްޔާގެ މެންބަރަށް ޝިޒް ހިމެނުން ވެގެން ދިޔައީ، އިތުރު ފުރުސަތު ތަކެއް ހުޅުވިގެން ދިޔަ ކަމަށެވެ.
"ވަރަށް ބޮޑު ނެޓްވޯކެއް މިއީ. މިއީ ވަރަށް ބޮޑު ފަސޭހައެއް. ބިޒްނަސް ސަޕްލައިޔާވެސް ދިމާވޭ. ޖޭސީއައިއިން ވަރަށް ބޮޑަށް ޕާސަނަލް ޑިވްލޮޕްމަންޓަށް އިސްކަން ދޭ. ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެން ދާނެ. ޖޭސީއައިއިން އިންޓަނޭޝަނަލް ފީޑްގައިވެސް މަސައްކަތް ކުރަން ޖާގަ ލިބޭނެ،" ޖޭސީއައި އިންޓަނޭޝަނަލުން އަންނަ އަހަރު ޕީސް ކޮމެޓީގެ މެންބަރެއްގެ މަގާމަށް ހަމަޖައްސާފައިވާ ޝިޒް ވިދާޅުވި އެވެ.
ޖޭސީއައިގެ އިތުރުން ޝިޒްއަކީ މިހާރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެކެވެ. ރާއްޖޭގެ އެންމެ ވާދަވެރި އެއް ދާއިރާ ކަމަށްވާ އިވެންޓް މެނޭޖު ކުރުމުގެ ދާއިރާއަށް ދެ އަހަރުވީ، "ވީވާ" ކުންފުނި ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަނީ އޭނާ އެވެ.
މި ކުންފުނި މި ފަދަ އެހެން ކުންފުނިތަކާ ތަފާތެވެ. ޝިޒް ވިދާޅުވި ގޮތުގައި އެއް ތަފާތަކީ ދިވެހިން މަސައްކަތް ކުރުމެވެ.
މުޅިން އާ ޒުވާނުން ތަކެއް ނަގައި، ތަމްރީން ދީގެން މިހާރު "ވީވާ" އަކީ ވެސް ދެރަ ޓީމެއް ނޫނެވެ.
އެ ކުންފުނިން ދަނީ ބޮޑެތި ބައެއް އިވެންޓުތައް ވެސް ނަގަމުންނެވެ. އެ ކުންފުނިން މިހާތަނަށް ނަގާފައިވާ ބޮޑެތި ބައެއް އިވެންޓްތަކުގެ ތެރޭގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ "ޓޫރިސްޓް އެރައިވަލް ކައުންޓް ޑައުން ޝޯ" އާއި "ޒުވާނުންގެ އެވޯޑު" ފަދަ އިވެންޓްތައް ހިމެނެ އެވެ. މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ޝިޒް އެވެ.
ޝިޒް ދައްކައިދެނީ ހިތްވަރެވެ. ކޮންމެހެން އަންހެނަކަށްވީތީ ނުވާނެއޭ ކިޔައި ގޭގައި ހުރުމުގެ ބޭނުމެއް ނެތެވެ. ފަަހަތަށް ޖެހުމުގެ ބަދަލުގައި ހިތްވަރާއެކު މަސައްކަތް ކުރަންވީ އެވެ.
ޝިޒްގެ މި މަސައްކަތުގައި އެންމެ ހިތްވަރު ދެނީ ފިރި މީހާ އެވެ. އަދި އަބަދު ވެސް އެހީތެރިކަން ދެނީ މައިންބަފައިންނެވެ. މަސައްކަތުގައި ކުރި އަށް ދިއުމުގެ ބާރަކީ މިއީ ކަމަށް ޝިޒް ގަބޫލު ކުރެ އެވެ.