ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 44 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި ކަމަށާ އޭގެ ތެރެއިން ތިން މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 44 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ހަ މީހަކު އޮތީ ރާއްޖޭގެ މައި ހޮސްޕިޓަލް ދަރުމަވަންތާގައެވެ. ދަރުމަވަންތަ 11 ވަނަ ފަންގިފިލާގައި ކޮވިޑްގެ އެންމެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ އައިސީޔޫގައި ތިން މީހަކު ވެއެވެ. އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރަށްލާފައެވެ.
އެ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާއަކީ މާބަނޑު މީހުންނަށް ހާއްސަ ތަނެކެވެ. އެ ތަނުގައި ކޮވިޑް ބަލީގެ ތިން މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަަރުވާ ދެމުންނެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނީ 38 މީހަކަށެވެ. އެ އެންމެންވެސް ތިބީ ވޯޑްގައެވެ.
ކޮވިޑްގައި ރާއްޖެއިން 49 މީހުން މަރުވެފައިވެއެވެ. މި ބަލީގައި ރޭގެ ވަގުތެއްގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖްތާޒު ފަހުމީ (ޖަސްޓިސް ރިޓަޔާޑް) ވަނީ އަވަހާރަވެފައެވެ.