ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބިޔާދޫން 17 މީހުން، ސަފާރީއަކުން 24 މީހުން ޕޮޒިޓިވްވެއްޖެ

ބިޔާދޫ އައިލެންޑް ރިސޯޓުން 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ ރިސޯޓުން ފުރަތަމަ ކޭސް ފެނިފައިވަނީ މި މަހުގެ ފުރަތަމަ ދުވަހު ކަމަށެވެ. އެ މީހާއަށް ބަލި ޖެހިފައިވާކަން އެނގުނީ ބަލީގެ އަލާމަތްތައް ހުރުމުން މާލެ އައިސް ޑޮކްޓަރަށް ދައްކާ ޓެސްޓް ކުރުމުންނެވެ. އެއީ އެ ރިސޯޓްގެ މުވައްޒިފެކެވެ.

އެ ކޭސްއާ ގުޅިގެން 33 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 24 މީހަކު ޕޮޒިޓިވްވިއެވެ. އަދި ފަހުން އެ ރަށުން ވަނީ 71 ސާމްޕަލް ނަގާފައެވެ. އެއީ ސާމްޕަލް ނުނަގާ އެރަށުގައި ބާކީތިބި މުވައްޒިފުންނެވެ. އެ ސާމްޕަލްތައް ނަގާފައިވަނީ މިއަދުއެވެ. ނަތީޖާ ލިބޭނެ ކަމަށް ބެލެވެނީ މާދަމާއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން އައިސް އެ ރަށުގައި ކަރަންޓީންގައި ހުރި މީހަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ސަފާރީއަކުން 24 ކޭސް

މީގެ އިތުރުން ސަފާރީއަކުންވެސް ގިނަ ބަޔަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ނަޒްލާ ވިދާޅުވީ ގިނަ އަދަދެއްގެ ޓޫރިސްޓުން ތިބި އެ ސަފާރީން 24 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ 22 ފަތުރުވެރިންނާއި ދެ ކްރޫއިންނެވެ. އެ ކޭސްތަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޗްޕީއޭއިން ދަނީ އަޅަމުންނެވެ.

ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް މަދުވުމަށްފަހު މި ފަހުން ބައެއް ދުވަސްދުވަހު ނަންބަރު ދަނީ އުފުލެމުންނެވެ.