ބޮލީވުޑް

ޕޫނަމް ދިލަން: ކައިވެނި ނާމިޔާބުވިޔަސް ދިރިއުޅުން ކާމިޔާބު

ޕޫނަމް ދިލަން އަކީ 70 އާއި 80 އިގެ އަހަރުތަކުގައި ހިންދީ ފިލްމީ ދުނިޔޭގައި އެންމެ ގަދަޔަށް ފިޔަޖެހި އެއް ބަތަލާ އެވެ. އޭނާގެ ރީތި ކަމުން ގިނަ ބަޔަކު އޭނާއަށް ފިދާވި ރީތި އެކްޓަރެކެވެ. ޕޫނަމްގެ ހަޔާތަށް ބޮޑު އިންގިލާބެއް އައީ 1978 ގައި މިސް ޔަންގް އިންޑިއާގެ ތާޖު އޭނާގެ ބޮލުގައި ބަހައްޓާލި ހިސާބުންނެވެ. ރީތީގެ ރާނީގެ ތާޖާއެކު ހިނދުކޮޅެއް ތެރޭގައި ބޮޑު މަޝްހޫރު ކަމެއް ޕޫނަމަށް ލިބުނެވެ. އެހެން ކަމުން ބޮލީވުޑްގައި ވެސް އޭނާއަށް ލިބުނީ ހުވަފެނީ ފެށުމެކެވެ. ޕޫނަމް ތައާރަފްވީ ޔާޝް ޗޯޕްޅާ ޑައިރެކްޓްކުރި "ތުރިޝޫލް" އިންނެވެ. އޭރު އޭނާގެ އުމުރުން ވާނީ 16 ވަރަކަށް އަހަރެވެ.

"ތުރިޝޫލް" އިން ފެށިގެން ދާދި ފަހުން އޭނާ ކުޅެފައިވާ "ޑަބަލް ދަ ޓްރަބްލް" އާ ހަމަޔަށް 80 ފިލްމެއްގައި ޕޫނަމް މަސައްކަތް ކޮށްފައި ވެއެވެ.

"ތުރިޝޫލް"އަކީ އަމީތާބު ބައްޗަން އާއި ގިނަ އަދަދެއްގެ މަޝްހޫރު އެކްޓަރުން ހިމެނުނު ފިލްމެއް ނަމަވެސް ފިލްމު ބެލި އެންމެން ވެސް ޕޫނަމް ފާހަގަކުރި އެވެ. އޭނާގެ ރީތި ކަމުގެ ޖާދޫގައި ގިނަ ބަޔަކު ޖެހުނެވެ. ނަތީޖާއަކަށްވީ އޭރުގެ ގިނަ ޑައިރެކްޓަރުން ޕޫނަމް ލައްވާ ފިލްމު ކުޅުވަން ބޭނުން ވުމެވެ.

ޕޫނަމްގެ ދެ ވަނަ ފިލްމަކީ 1979 ގައި ރިލީޒްކުރި "ނޫރީ" އެވެ. މިއީ އެކްޓަރެއްގެ ގޮތުން އޭނާގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކާލަން ލިބުނު އަދި ދައްކާލި ފިލްމެކެވެ.

"ނޫރީ" ގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު އެ ފިލްމުގެ ޑައިރެކްޓަރު ރަމޭޝް ތަލްވާރަށް ޕޫނަމަށް ހިތް ދެވުނެވެ. ޕޫނަމް ދެކެ ރަމޭޝްއަށް ވެވުނު ލޯތްބެއްގެ ބޮޑުކަމުން މުމްބައި އިން ގެޔެއް ގަނެދީ އެ ރަށުގައި މުޅީން ހުރެވޭނެ ގޮތް ވެސް ހަދައި ދިނެވެ. ރަމޭޝްގެ ހިތް ޕޫނަމް އަށް ދިނަސް ޕޫނަމްގެ އެ ކަހަލަ ވިސްނުމެއް ނެތެވެ. އޭނާ ރަމޭޝް އާ މެދު ދުށީ ގާތް އެކުވެރިއެއްގެ ނަޒަރުންނެވެ.

ޔާޝް ޗޯޕްޅާ އާ ވެސް ޕޫނަމް އާ އަޅުވާ ކިއުނެވެ. ނަމަވެސް އެއީ ދައްކަން ހެޔޮވާވަރުގެ ވާހަކައެއް ނޫން ކަމަށް ޕޫނަމް ދުއްޓެވެ. އަދި ރަމޭޝްގެ ހިތް އޮތްގޮތް އެނގުމުން އޭނާއާ ވެސް ގުޅުން ކަނޑާލި އެވެ.

ޕޫނަމްގެ ކެރިއަރުގައި ކާމިޔާބީގެ އެންމެ އުސް ހަރުފަތަށް ދަތުރު ކުރެވިފައި ވަނީ ޑައިރެކްޓަރު ރާޖް ސިއްޕީ އާ ބައްދަލުވެ އޭނާ ދެކެ ލޯބި ވެވުނެވެ. ރާޖް ސިއްޕީ އުޅެނީ އޭރުވެސް ކައިވެނި ކޮށްގެންނެވެ. ރާޖް އާ ކައިވެނިކުރަން ޕޫނަމް ބޭނުންވި ނަމަވެސް އަންހެނުން ދޫކޮށްލާފައި ޕޫނަމް އާ ކައިވެނިކުރަން ރާޖް ފަސް ޖެހުނެވެ. ރާޖްގެ ހަޔާތުގައި ދެ ވަނަ އަންހެނެއްގެ ރޯލު ޕޫނަމް ބޭނުން ނުވުމުން އޭނާ އާ ވަކިވީ އެވެ.

ޕޫނަމްގެ ހަޔާތުގައި 1988 ވަނަ އަހަރަކީ އެންމެ ފާހަގަ ކޮށްލެވުނު އަހަރެވެ. ރާޖް އާ ރުޅިވިތާ މާ ގިނަ ދުވަހެއް ނުވެ ބައްޕަ މަރުވެ އެކަނިވީ އެވެ. އަދި އަޝޯކް ތަކޭރިއާ އާ ޕޫނަމް އާ ބައްދަލުވީ އެ އަހަރު އެވެ. ރައްޓެއްސެއްގެ ގޭގައި އޮތް ހޯލީ ކުޅުމެއްގެ ތެރެއިން އަޝޯކަށް ޕޫނަމް ފެނި އޭނާގެ ރީތި ކަމަށް ފިދާވި އެވެ. އަޝޯކް ޕޫނަމަށް މާބޮނޑި ފޮނުވައި ވަރަށް އަވަހަށް ދެ މީހުންގެ ގުޅުން ބަދަހިވެ ހަމަ އެ އަހަރު ތެރޭގައި ކައިވެނި ކުރި އެވެ.

ޕޫނަމްގެ ގާތް އެކުވެރިން ބުނާ ގޮތުގައި އޭނަ ކައިވެނިކުރީ މާ އަވަސް އަރުވާލައިގެނެވެ. ކައިވެންޏަށް ފަހު ފިލްމު ކުޅުމުން ބްރޭކެއް ނެގި އެވެ. އަދި މާ ގިނަ ދުވަހެއް ނުވެ އަންހެން ކުއްޖަކާއި ފިރިހެންކުއްޖަކު ލިބި އާއިލާ ބެލުމުގައި ޕޫނަމް މަސްއޫލުވި އެވެ.

ކައިވެންޏަށް ދެ އަހަރު ވީއިރު އަޝޯކް ބިޒީވެ ޕޫނަމް އަށް އެކަނިވެރިކަން އިހްސާސް ކުރެވެން ފެށި އެވެ. ފިލްމީ ދުނިޔެ މަތިން ހަނދާން ވާން ފެށި އެވެ. މަދުމަދުން ފިލްމުތަކުގައި ބައިވެރިވާން ފެށި ނަމަވެސް ކުރީގެ ދިރިއުޅުން ނޫޅެވޭތީ ދެރަވާން ފެށީ އެވެ.

އަޝޯކް އެހެން އަންހެނަކާ ގުޅުމެއް ބޭއްވިކަން ފަޅާ އެރި ހިސާބުން ކައިވެނީގެ މައްސަލަތައް ޖެހެން ފެށި އެވެ. އަޝޯކްގެ ބޭވަފާތެރި ކަމަށް ޕޫނަމް ވެސް ޖަވާބު ދިނީ ބޭވަފާތެރިކަމުންނެވެ. ޕޫނަމް ވެސް މީހަކާ ގުޅުމެއް ބޭއްވީ އެވެ. އެހިސާބުން ދެ މީހުންނަށް އެކުގައި ދެން ނޫޅެވޭވަރު ވިއެވެ. އަދި 1997 ގައި އަޝޯކް ކައިރިން ވަރިވެ ކޯޓު މެދުވެރިކޮށް ދަރިން ވެސް އޭނާއަށް ލިބުނީ އެވެ.

ހަޔާތުގެ އުނދަގޫ ދުވަސްތަކަށްފަހު އަމިއްލަ ހިތްވަރާއި މަސައްކަތުން ޕޫނަމް އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ވިޔަފާރިއެއް ފަށައި ދެ ދަރިން ވެސް އެކަނިމާއެކަނި ބޮޑުކުރި އެވެ.

އޭގެ ފަހުން ބައެއް ފިލްމުތައް ކުޅެ ބިގް ބޮސްގައި ވެސް ޕޫނަމް ވަނީ ބައިވެރިވެފަ އެވެ. ފިރިއަކާ ނުލާ ވެސް ހިތްވަރާއި އަޒުމާއި މިންނަތް މަސައްކަތުން ދިރިއުޅުމެއް ބިނާކޮށް އުފަލުގައި އުޅެވިދާނެކަން ޕޫނަމްގެ ދިރިއުޅުމުން އޭނާ ވަނީ ސާބިތުކޮށްދީފަ އެވެ.