ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެމުން އައި ހަފުތާ މަޖައްލާ "ދީނުގެ މަގު" ނަމުގައި އަނެއްކާވެސް ދީނީ މަޖައްލާއެއް ނެރެން ފަށައިފި އެވެ.
ހަފުތާ މަޖައްލާއެއްގެ ގޮތުގައި "ދީނުގެ މަގު" ނެރެފައިވަނީ 1987 އިން 2008 ވަނަ އަހަރުގެ ނިޔަލަށެވެ. ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު އިސްވެ ނެރުއްވި މި މަޖައްލާ ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށް ފަހު އާންމުންނަށް ހިލޭ ބަހާފައި ވެއެވެ. މަޖައްލާގެ ކޮންމެ އަދަދެއްގައި ރައީސް މައުމޫން ލިޔުއްވި އެވެ. އަދި އެހެން މަޝްހޫރު ދީނީ އިލްމުވެރިން ވެސް ލިޔުއްވެވި އެވެ.
މައުމޫންގެ ވެރިކަން ނިމުމާއެކު "ދީނުގެ މަގު" ނެރުން ވަނީ ހުއްޓާލާފަ އެވެ.
"ދީނުގެ މަގު" އަލުން ނެރެން ފަށާފައިވަނީ އިސްލާމްދީނުގެ މައުލޫމާތު ފެތުރުމަށް މަސައްކަތް ކުރަމުންދާ ޒުވާނުންތަކެއް އިސްނަގައިގެނެވެ.
ދީނުގެ މަގުގެ ފުރަތަމަ އަދަދު އިއްޔެ ވަނީ ނެރެފަ އެވެ. އެ އަދަދުގައި ރާއްޖޭގެ މަޝްހޫރު ބައެއް ދީނީ އިލްމުވެރިން ލިޔުއްވާފައި ވެއެވެ. މަޖައްލާ ނެރޭ ފަރާތުން ބުނީ އަލުން އެ ނަމުގައި މަޖައްލާ ނެރެން ފެށީ ދީނުގެ އިލްމު މި ފަސްގަނޑުގައި ފެތުރުން އިތުރު ކުރުމަށެވެ. އަދި ކޮންމެ އަދަދެއްގައި ވެސް އިސްލާމްދީނުގެ އާންމު މައުލޫމާތާއި އެކި ފިލާވަޅުތައް ލިބޭ ލިޔުންތައް ހިމަނާނެ ކަމަށެވެ. މި މަޖައްލާވެސް ނިކުންނާނީ ހަފުތާއަކު އެއް ފަހަރު ކޮންމެ ހުކުރު ދުވަހަކު އެވެ.
މި މަޖައްލާ ދިވެހިންގެ މައި އެއާޕޯޓް ވީއައިއޭގައި ވެސް ހިލޭ ބަހާނެ އެވެ. އަދި މާލެއާ އެކި ރަށްރަށުގައި ވެސް ބަހާނެ ކަމަށް ވަނީ ބުނެފައެވެ.
"ދީނުގެ މަގު" ނަމުގައި އަލުން މަޖައްލާއެއް ނެރެން ފެށުމާއެކު ރައީސް މައުމޫން ވަނީ އެކަމަަށް މަރުހަބާ ވިދާޅުވެފަ އެވެ.