ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ބިޔާދޫން ޕޮޒިޓިވްވި މީހުންގެ އަދަދު 49 އަށް

ބިޔާދޫ އައިލެންޑް ރިސޯޓުން އިތުރު 32 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އެ ރިސޯޓުން މީގެ ކުރިން ވަނީ 17 މީހަކު ޕޮޒިޓިވްވެފައެވެ. އެހެން ކަމުން އެ ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 49 އަށް އަރާފައެވެ.

އެ ރިސޯޓުން ފުރަތަމަ ކޭސް ފެނިފައިވަނީ މި މަހުގެ ފުރަތަމަ ދުވަހު ކަމަށެވެ. އެ މީހާއަށް ބަލި ޖެހިފައިވާކަން އެނގުނީ ބަލީގެ އަލާމަތްތައް ހުރުމުން މާލެ އައިސް ޑޮކްޓަރަށް ދައްކާ ޓެސްޓް ކުރުމުންނެވެ. އެއީ އެ ރިސޯޓްގެ މުވައްޒިފެކެވެ.

އެ ކޭސްއާ ގުޅިގެން 33 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 24 މީހަކު ޕޮޒިޓިވްވިއެވެ. އަދި ފަހުން އެ ރަށުން ވަނީ 71 ސާމްޕަލް ނަގާފައެވެ. އެއީ ސާމްޕަލް ނުނަގާ އެރަށުގައި ބާކީތިބި މުވައްޒިފުންނެވެ. އެ ސާމްޕަލްތައް ނަގާފައިވަނީ އިއްޔެ އެވެ. މިއަދު ނަތީޖާ ލިބުނުއިރު އިތުރު 32 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން އައިސް އެ ރަށުގައި ކަރަންޓީންގައި ހުރި މީހަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.