ހަބަރު

މާލީ ބަޔާނަށް ނުލައި 100 މިލިއަން ރުފިޔާގެ ބިލު ނުދައްކާ

އެޑިޔުކޭޝަން މިނިސްޓްރީން 2017 ވަނަ އަހަރުގެ ނިޔަލަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބިލުތައް ނުދައްކާ ހުރި ކަމަށް ހިސާބުތަކުން ދެއްކި ނަމަވެސް، މާލީ ބަޔާނުގައި ހިމަނާފައި ވަނީ އޭގެ ތެރެއިން އެންމެ 1.79 މިލިއަން ރުފިޔާ ކަމަށް އެ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓު އާއްމު ކޮށްފައިވާއިރު، އޭގައި ބުނެފައި ވަނީ، ދައުލަތުގެ އަހަރީ ހިސާބުތަކުގެ ތެރޭގައި، މާލީ އަހަރު ނިމުނުއިރު ދައުލަތުގެ އެސެޓްތަކާއި ލަޔަބިލިޓީތައް އަދި ހިނގާފާނެކަމަށް ބެލެވޭ ލަޔަބިލިޓީތަކުގެ ހިސާބު ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

ނަމަވެސް، 2017 ވަނަ އަހަރު ނިމުނުއިރު، އެޑިޔުކޭޝަން މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ މުއައްސަސާތަކުން ފައިސާ ނުދައްކާ ހުރި ބިލުތަކުގެ އަދަދު އޮޑިޓަރުންގެ ހިސާބުތަކުން މަދުވެގެން 100،683،223 ރުފިޔާއަށް އަރާ ނަމަވެސް، އެ އަހަރުގެ މާލީ ބަޔާންތަކުގައި ނުދައްކާ ހުރި ބިލުތަކުގެ ގޮތުގައި ހިމަނާފައިވަނީ އެންމެ 1،794،754 ރުފިޔާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިގޮތުން، މިނިސްޓްރީއާއެކު 13 މުއައްސަސާއެއް ހިމެނޭ ގޮތަށް ނުދައްކާ ހުރި ފައިސާގެ ތަފުސީލް އޮޑިޓު އޮފީހުން ހިމަނާފައިވާއިރު، ޖުމްލަ އަދަދުގެ ތެރެއިން ސީދީ އެ މިނިސްޓްރީން 54 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ ހުރި ކަމަށް ބުނެފައިވެ އެވެ.

ދެވަނައަށް އެންމެ ގިނައިން އެޓޯލް ސްކޫލް ކޮންސްޓްރަކްޝަނަށް 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ހުރި އިރު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ 2017 ވަނަ އަހަރު ނިމުނުއިރު ނުދައްކާ ހުރި ކަމަށް ރިޕޯޓުގައި ބުންޏެވެ.

މީގެ އިތުރުން، މާލިއްޔަތު ގާނޫނާ އެއްގޮަތަށް ތަކެތި ލިބުނުކަން ނުވަތަ މަސައްކަތް ކަށަވަރު ނުކޮށް ބިލްތަކަށް ފައިސާ ދައްކާފައިވާ މައްސަލަތަކެއް ވެސް އޮޑިޓު އޮފީހުން ފާހަގަ ކޮށްފައިވެ އެވެ.

މިގޮތުން، 2017 ވަނަ އަހަރު ނިމުނުއިރު، އެޑިޔުކޭޝަން މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ބައެއް މުއައްސަސާތަކުން ތަކެތި ލިބުނުކަން ނުވަތަ މަސައްކަތް ނިންމިކަން ލިޔެކިޔުމުން ޔަގީން ނުކޮށް ޖުމްލަ 12،630،549 ރުފިޔާގެ ބިލަށް ފައިސާ ދައްކާފައިވާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އެ ރިޕޯޓުގައި މީގެ އިތުރުން ވެސް އެޑިޔުކޭޝަން މިނިސްޓްރީއިން ގަވާއިދާއި ހިލާފާ ކޮށްފައިވާ އެތައް ކަމެއް ފާހަގަ ކޮށްފައިވެ އެވެ.

އޭގެ ތެރޭގައި، މާލިއްޔަތު ގަވައިދާ އެއްގޮތަށް ހަރުމުދާ ނުބެލެހެއްޓުމާއި، އެކަށީގެންވާ ސަބަބެއްނެތި އެއްބަސްވުމެއް ބާތިލުކުރުމުގެ ސަބަބުން ދައުލަތަށް މާލީ ބޮޑު ގެއްލުމެއް ލިބުނު މައްސަލައެއް ހިމެނެ އެވެ.

އަދި ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތް ތަޅާލުމުގެ މަސައްކަތުގެ އަގަށް އެތަކެއް މިލިއަން ރުފިޔާއެއް އިތުރުކޮށްފައިވަނީ ވަކި ބަޔަކަށް މަންފާ ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.