އަރަބިއްޔާ ސްކޫލް

އަރަބިއްޔާ އިމާރާތުގެ އޮޑިޓެއް ހަދަނީ

Dec 7, 2021

އަރަބިއްޔާ ސްކޫލު ހިންގަމުންދާ އިމާރާތުގެ އޮޑިޓެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އޮޑިޓް އޮފީހުގެ ލީގަލް ކައުންސެލް މުހައްމަދު ނަސީމް ވިދާޅުވީ އެ އޮޑިޓަކީ އެ އޮފީހުގެ އަމިއްލަ އިސްނެގުމަކަށް ކުރާ ކަމެއް ކަމަށެވެ. އޮޑިޓްގެ މަސައްކަތް ނިމުމުން ފާހަގަވާ މައްސަލަތައް ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަދި އަޅުގަނޑުމެން މިއުޅެނީ މިކަމުގެ ވަރަށް އިނީޝަލް ސްޓޭޖެއްގައި. އަނެއްހެން ބުނާނަމަ ޕްލޭނިން ސްޓޭޖުގައި،" ނަސީމް ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލު ހުޅުވާ އެތަނުގައި ކިޔަވައިދޭން ފެށީ ސެޕްޓެމްބަރު 19، 2013ގައެވެ. އެކަމަކު އެ އިމާރާތް ބޭނުންކުރަން ފެށިތާ މިވީ އަށް އަހަރު ދުވަހުގެ ތެރޭގައި އިމާރާތުގެ ބައެއް ތަނބުތަކުގައި ވަނީ ރެނދު ލާފަ އެވެ.

އަރަބިއްޔާ ސުކޫލު ހިންގާ އިމާރާތުގެ މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ އެ އިމާރާތުގެ ތަނބުތަކަށް ލިބިފައިވާ ގެއްލުންތައް އެނގޭ ގޮތަށް ނަގާފައިވާ ފޮޓޯތަކެއް އިލްމުވެރިންތަކެއް ސޯޝަލް މީޑިއާގައި އާންމުކުރުމުންނެވެ.

އަރަބިއްޔާގެ މައްސަލާގައި އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިދިޔަ މަހުގެ 21 ވަނަ ދުވަހު އަވަސް އަށް ވިދާޅުވީ އަރަބިއްޔާގެ ދަރިވަރުން ކިޔަވަމުންދާ އިމާރާތުގެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު އެ އިމާރާތުގެ ސްޓްރަކްޗަރަލް އެސެސްމެންޓެއް ހަދަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ގިނަވެގެން ދެ މަސް ތެރޭގައި ނިމޭނެ ކަމަށާއި ނިމުނުހާ އަވަހަށް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.

"އަނެއްކާ އަރަބިއްޔާގެ ބެލެނިވެރިންނާ އެކު މީގެކުރިން މިނިސްޓަރު ވެސް ބައްދަލުވުމެއް ބާއްވަވާ އެ އިމާރާތުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވަނީ ހިއްސާކުރައްވާފައި. މިނިސްޓްރީން ވަރަށް ގާތުން އެ އިމާރާތުގެ ކަންކަން ބަަލަން،" އޮފިޝަލް ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލު އިމާރާތުގައި ރެނދުތަކެއް ލާފައި ހުރި ނަމަވެސް އެ ސްކޫލުގައި ކިޔަވައިދިނުމަށް އަދި އެއްވެސް ނުރައްކަލެއް ނެތް މަޖިލީހުގެ ޖަލްސާއެއްގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފަ އެވެ.

އަރަބިއްޔާ ސްކޫލު އެޅުމަށް 29 މިލިއަން ރުފިޔާ އަށް މަޝްރޫއު ނެގުމަށްފަހު އެ ސްކޫލުގެ ފައުންޑޭޝަން އަޅައި ނިމުމުން ކޮންޓްރެކްޓަރު -- މާލާ ހައި ރައިޒިން ކުންފުނިން ވަނީ މަޝްރޫއު ދޫކޮށްލާފަ އެވެ. އޭގެފަހުން އެ މަޝްރޫއާ ހަވާލުވެ ހަތް ބުރީގެ އިމާރާތުގެ މަސައްކަތް ކުރީ އެލްއެފް ކޮންސްޓްރަކްޝަން ކުންފުނިންނެވެ.