ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން 310 ދުވަސް ހޭދަ ކޮށްފި އެވެ. މި ބަލިމަޑުކަން ރާއްޖޭގެ ހުރިހާ ރަށަކަށްހެން ފެތުރި މުޅި ރާއްޖޭގައި ވަރުގަދަ ފިޔަވަޅުތައް އަޅައިގ ދަތީގައި މަސްތަކެއް ހޭދަކޮށްފި އެވެ. އޭގެ ފަހުން 2021 ވަނަ އަހަރާއި ދިވެހިން ކުރިމަތިލީ 2020 ގެ ފަހު ނުވަ މަސް ހޭދަކުރި ދަތީން ސަލާމަތްވާނެ ކަމަށް ބޮޑު އުންމީދެއް ކޮށްގެންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް މަދުވެފައި އޮތުމަށް ފަހު އަނެއްކާ ވެސް ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ދަނީ އިތުރުވަމުންނެވެ. މާލޭގެ އިތުރުން މިހާރު ވެސް އަތޮޅުތަކުގެ ތިން ރަށެއް އެޗްޕީއޭގެ މޮނިޓަރިންގައި އެބައޮތެވެ. އެ ރަށްރަށަށް އަރާ ފޭބުން ވަނީ މަނާ ކޮށްފަ އެވެ.
މިވަގުތު އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ގއ. ދެއްވަދޫގައި ކޮވިޑް-19 ފެތުރެމުން ދިއުމެވެ. ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ރެއާއި ހަމަައަށް 22 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. އެއީ ދެއްވަދޫއިން ޕޮޒިޓިވްވި 16 މީހަކާއި އެރަށުން ލ. ފޮނަދޫއަށް ދިޔަ ހަތަރު މީހަކާއި ހުޅުމާލޭއިން ދެ މީހެކެވެ. އެއީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ދެއްވަދޫގައި އުޅެފައި އައިސް ތިބި ދެ މީހުންނެވެ.
ދެއްވަދޫއިން ފުރަތަމަ ކޮވިޑް ކޭހެއް ރިޕޯޓް ކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވީ އެރަށުގައި ހޯމް ކަރަންޓީގައި ހުރި މީހެކެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވް ވެގެން ނަތީޖާ ލިބުނުއިރު އެމީހާ ވަނީ ކަރަންޓީނުން ދޫކޮށްލާފަ އެވެ. އެއީ ނުބައި މައުލޫމާތެއް ހިއްސާ ކުރެވިގެނެވެ. އެކަން އެޗްއީއޯސީން ވަނީ ޔަގީން ކޮށްދެ އެވެ. އެޗްޕީއޭގެ އިހުމާލެއް އޮތުމުން ނަމަވެސް އޭގެ ތަފްސީލެއް ނުދިނެވެ.
އެ މައުލޫމާތު އެގޮތަށް ހާމަ ކުރުމުން ދެއްވަދޫގައި ބަލި ފެތުރެން ދިމާވީ ކަރަންޓީންގައި ހުރި މީހާ ނުބައި މައުލޫމާތެއް ދެވި ދޫވުމުން ކަމަށް އޮތީ ބެލެވިފައެވެ. ނަމަަވެސް އެކަމާއި އެރަށުގެ ބައެއް މީހުން ދެކޮޅު ހަދަ އެވެ. ހާއްސަކޮށް ކަރަންޓީންގައި ހުރި މީހާގެ އާއިލާއިންނެވެ. އެ އާއިލާއިން ބުނި ގޮތުން އެރަށުގައި ބަލީގެ އަލާމަތްތައް ހުރި ގިނަ ބަޔަކު އޭގެ ކުރީން ވެސް އުޅުނެވެ. އަދި އެ ރަށުން ނެގި ސާމްޕަލްތަކުން 16 މީހަކު ޕޮޒިޓިވްވުމަކީ އޭގެ ހެއްކެކެވެ. އޭގެ ތެރޭގައި ކަރަންޓީންގައި ހުރި މީހާއާ އެއްވެސް ވަރަކަށް ދިމާނުވާ މީހުން ވެސް ހިމެނެ އެވެ.
ރޭ އޮތް އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވަދޫގައި ކޮވިޑް-19 ފެތުރުނު ގޮތާއި ގުޅޭގޮތުން ބައެއް މައުލޫމާތުތައް ހިއްސާ ކުރި އެވެ. އެރަށުގައި އެހާ ބާރަށް ބަލި ފެތުރި 22 މީހަކަށް ބަލި ޖެހިފައިވާއިރު އެރަށައް ބަލި ދިޔަ ގޮތް އަދި ބަލީގެ ހާލަތު އޮތް ގޮތް ބެލުމަށް ހޯދުންތައް ދަނީ ހޯދަމުންނެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި މިހާތަނަށް ބެލި ބެލުމުން ދެއްވަދޫގައި ބަލި ފެތުރޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި އެ ރަށުގައި ބަލި ފެތުރެން ފެށީ ކަރަންޓީންގައި ހުރި މީހާގެ ސަބަބަކުން ނޫނެވެ. ބެލެވޭ ގޮތުގައި އެރަށުގައި އެހެން ކޮންމެވެސް ގޮތަކުން ބަލި ފެތުރުނީ އެވެ.
އެ ގޮތް ސާފުވާން ޖެހެއެވެ. އެކަމަށް އިތުރު މަސައްކަތްތައް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ. މިހާރު ހަދަމުންދާ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ މިންވަރަކަށް އެކަންކަން ސާފުވާނެ ކަމަށް ބެލެވެ އެވެ.
"[ދެއްވަދޫ] ބަލި ފެތުރެމުންދާތާ ދުވަސްކޮޅެއް ވެދާނެ ކަމަށް އަޅުގަނޑަށް ލަފާ ކުރެވޭ. އަދި މިއީ ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެ އެމީހާގެ ފަރާތުން އެހެން މީހުންނަށް ފެތުރުނު ކަމެއްގެ ބަދަލުގައި ރަށުތެރޭގައި ކޮންމެވެސް އެހެން ގޮތަކުން ބަލި އިންޓްރޮޑިއުސް ވެގެން ކޮންމެވެސް ވަރަކަށް ދުވަސްކޮޅެއް ވަންދެން ސާކިއުލޭޓްވަމުން ޓްރާސްމިޓް ވަމުން ދިޔަ ކަމަށް އަޅުގަނޑުމެންނަށް މިފެނުނު ކޭސްތަކަށް ބަލާލުން ފެންނަނީ. އެހެން ނަމަވެސް އަދިވެސް އަޅުގަނޑުމެން ކޮންޓްކެޓްޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ވަރަކަށް އިތުރަށް ކަންކަން ސާފުވެގެން ދާނެ،"
- ދެއްވަދޫން ފުރަތަމަ ކޭސް ފެނުނީ ޑިސެންބަރު 24 ގައި
- ދެއްވަދޫ ކްލަސްޓާއިން މިހާތަނަށް 22 މީހަކު ޕޮޒިޓިވް
- އޭގެ ތެރެއިން 16 މީހުން ތިބީ ދެއްވަދޫގައި
- ލ. ފޮނަދޫގައި އެ ކްލަސްޓާއާ ގުޅުންހުރި ހަތަރު މީހަކު އެބަތިބި
- ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ދެ މީހަކު ހުޅުމާލޭގައި
- ދެއްވަދޫ، ފޮނަދޫ އަދި ގަން އޮތީ އެޗްޕީއޭގެ މޮނިޓަރިންގަައި
އެއްވެސް ރަށަކަށް 30 ނޮވެމްބަރު 2020 ގެ ފަހުން ގއ. ދެއްވަދޫއިން ގޮސްފައިވާ މީހަކު ހުރިނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް / ހެލްތް ސެންޓަރަށް އަންގަން އެޗްޕީއޭއިން ވަނީ އެދިފައެ ވެ. އަދި ގއ. ދެއްވަދޫން އެ މުއްދަތުގައި ގޮސްފައިވާ މީހެއްނަމަ ސާމްޕަލް ނަގާ ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިބެން ވެސް ވަނީ އަންގާފަ އެވެ. މި މުއްދަތުގައި ގއ. ދެއްވަދޫއިން މާލެއަށް އައިސްފައިވާ މީހުން މާލެ ހިޔާ ފްލޫ ކްލިނިކް، ހުޅުމާލޭ ފުލޫ ކްލިނިކް އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށް ވަނީ އަންގާފަ އެވެ.
ޑިސެމްބަރު މަހުގެ 25 ގެ ފަހުން ގއ. ދެއްވަދޫއިން ދަތުރުކޮށްފައި އައި މީހެއްނަމަ މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވާން ވެސް އަންގާފައި ވެއެވެ. ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި މީހުން ފެނިގެން ގަމާއި ފޮނަދޫއަށް ވެސް އަރާ ފޭބުން ވަނީ މަނާ ކޮށްފަ އެވެ. ފޮނަދޫއިން ހަތަރު މީހަކު ޕޮޒިޓިވްވެފައިވާއިރު އެއީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ދެއްވަދޫއިން އެރަށައް ދިޔަ ބައެކެވެ.
ދެއްވަދޫގައި ކޮވިޑް ފެތުރުނު ގޮތް އިތުރަށް ބަލަމުންދާއިރު ކޮވިޑްގެ ނަންބަރު އުފުލެމުންދާ މިވަގުތު އިތުރު ރަށްތަކަށް ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައެވެ. މިދިޔަ ދެތިން ދުވަހު ޕޮޒިޓިވްވާ ނިސްބަތް ސާޅީހުން މަތީގައި ހުރިއިރު އަލުން ކޮވިޑްގެ ނުރައްކާތެރި ރާޅުތައް އައުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ބޯލަބަން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ކުރިން އެޅި ވަރަށް ގިނަ ފިޔަވަަޅުތަކަށް ލުއިދީ، އަލުން ސުކޫލުތައް ހުޅުވާ ކިޔަވައިދޭން ފަށާފައިވާއިރު ރައްކާތެރި ނުވެއްޖެނަމަ ހާލަތު އިތުރަށް ގޯސްވެ އަލުން ދަތީގައި އުޅެން ޖެހުމަކީ ގާތް ކަމެކެވެ.