ޑރ. މުހައްމަދު ޖަމީލް އަހުމަދު

"އައްޑޫ ގައި އޮތީ ރައީސް ޔާމީނުގެ ތަރައްގީ"

އައްޑޫގައި އޮތީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ ތަރައްގީ ކަމަށް ކުރީގެ ނައިބު ރައީސް އަދި މިހާރު ރައީސް ޔާމީނުގެ ވަކީލަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅު ވެއްޖެ އެވެ.

ޖަމީލު ވިދާޅުވީ ކޮންމެ އިންތިހާބަކަށް ވެސް އެމްޑީޕީން ޖަހަނީ އެއް ލަވައެއް ކަމަށާއި އެހެން ނަމަވެސް މިދިޔަ ދެ އަހަރު ގައުމު ފަގީރު ވެއްޖެ ކަމަށެވެ. އަދި ވެރިކަމާއި މަޖިލިސް މި ސަރުކާރަށް ލިބުނަސް ރާއްޖެއަށް، އަދި ވަކީން ހާއްސަ ކޮށް އައްޑޫއަށް ބޭނުންވާ ތަރައްގީ އާއި ފައިސާ ނުލިބޭ ކަމަށެވެ.

ޓްވީޓާ މެދުވެރިކޮށް މިއަދު ޖަމީލު ވިދާޅުވީ، ވަޒީފާ ތަކާއި ޕާޓީ މަގާމެއް ވެސް އާއްމު މީހަކަށް ނުދޭ ކަމަށާއި، އެ މަގާމުތައް ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާއިލާ ބޭފުޅުންނަށް ކަމަށެވެ.

ޖަމީލު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އިސް މަގާމެއް ނުވަތަ ރައްޔިތުން މަޖިލީހުގެ މަގާމެއްވެސް އައްޑޫ ރައްޔިތަކަށް ނޫނީ އާންމު މީހަކަށް ދޫ ނުކުރާ ކަމަށެވެ.

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވިދާޅުވީ، އައްޑޫ އިން ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްގީ ކަމަށެވެ. އަދި އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާކުރުމާއި އައްޑޫ ފްލައިން ސްކޫލު ކަމަށެވެ.