ދީން

ސަލާމަތް ވެފައިވާ ހިތަކީ ކޮބާ؟

ބިރުވެރި ރޯގާއެއް މުޅި ދުނިޔޭގައި ފެތުރެމުން މިދާ ދަނޑިވަޅުގައި، ގިނަ ބަޔަކަށް ކުރިމަތިވެފައިވާ މުޅިން އެހެން ނުރައްކާތެރި ބަލިމަޑުކަމެއް އެބައޮތެވެ. އެއީ ހިތުގެ ބަލިތަކެވެ. އޭގެ ތެރޭގައި ރުޅިވެރިކަމާއި، ޙަސަދަވެރިކަމާއި، ބޮޑާވެރިކަމާއި، ކިބުރުވެރިކަން ހިމެނެއެވެ. ހަމައެފަދައިން ދެއްކުންތެރިކަމާއި، ކަންދެކުމާއި، މީހުންގެ ރިވެތިބަސްތަކާއި ރުހުން ހޯދަމަށް މަސައްކަތް ކުރުންވެސް ހިމެނެއެވެ. މިއީ ހައްތަހާވެސް ހިތުގެ ބަލިތަކެވެ.

އިންސާނާގެ ހިތަށް ކުރިމަތާ އެތައް އާފަތްތަކެއް ހުރެއެވެ. ބައެއް ހިތްތަކަކީ ހަރު ހިލަޔަވުރެ ހަރުވެފައިވާ ހިތްތަކެއް ކަމުގައި މާތް ﷲވަނީ ކީރިތި ޤުރްއާނުގައި ސިފަކުރައްވާފައެވެ. އަދި ކުފުރުގެ އަހުލުވެރިންނާއި، މުނާފިޤުންނާމެދު މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "فِي قُلُوبِهِم مَّرَضٌ فَزَادَهُمُ اللّهُ مَرَضاً وَلَهُم عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ" (البقرة 10) މާނައީ: "އެބައިމީހުންގެ ހިތްތަކުގައި ވަނީ ނިފާގުގެ ބަލިމަޑުކަމެކެވެ. ދެން، ﷲ، އެބައިމީހުންގެ ބަލިމަޑުކަން އިތުރުކުރެއްވިއެވެ. އަދި ދޮގުހަދައި އުޅުނަތީވެ، އެބައިމީހުންނަށް ހުރީ ވޭންދެނިވި އަޒާބެކެވެ."

ހިތް ގާވެފައިވާނަމަ، ދެން އެހެން ހުރިހާ ގުނަވަންތަކުގެ މަންފާއެއް ނެތެވެ. މިއީ ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް މިކަން އޮތްގޮތެވެ. އުރެދުނު މީހުންގެ ޙާލަތު އަންގަވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "أَفَلَمْ يَسِيرُوا فِي الْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ" (الحج 46) މާނައީ: "ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް ނޫޅެނީހެއްޔެވެ؟ އެހެންނަމަ، އެއުރެން އެއިން ވިސްނައިހަދާނޭ ހިތްތަކެއް އެއުރެންނަށް ވީހެވެ. ނުވަތަ އެއިން އެއުރެން އަޑުއަހާނޭ ކަންފަތްތަކެއް (އެއުރެންނަށް) ވީހެވެ. އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީއަކީނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ."

އެދުވަހަކުން މުދަލާއި ދަރީންގެ ކިބައިން މަންފާއެއް ނުކުރާނޭ ދުވަހުގައި ދިންނަވާ ނަރަކައިން މުއްތިކުރައްވާނީ ސަލާމަތްވެގެންވާ ހިތަކާއިގެން މާތް ﷲ ގެ ޙަޟުރަތަށް ހިނގައްޖެ މީހަކު އެކަންޏެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. "يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ * إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ" (الشعراء 88-89) މާނައީ: "އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. * ސަލާމަތްވެގެންވާ ހިތަކާއިގެން ﷲގެ ޙަޟުރަތަށް އައިމީހަކަށް މެނުވީއެވެ."

ހަމަ މިމޭރުމުން، ހިތްތައް އިޞްލާޙު ވެއްޖެނަމަ މުޅި ހަށިގަނޑު އިސްލާޙުވާނޭ ކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘްކުރައްވާފައެވެ. އަދި އެހެން ޙަދީޘްއެއްގެ މާނައިގައިވެއެވެ. "އަޅެއްގެ ހިތް ސީދާނުވާހާހިނދަކު އޭނާގެ އީމާންކަން ސީދާ ނުވާހުއްޓެވެ."

އިސްވެ ބަޔާންކުރެވުނު އާޔަތުގައި އެވާ، "ސަލާމަތްވެގެންވާ ހިތޭ" އޮތް ބަސްފުޅުގެ ޝަރަޙައިގައި އަލްއިމާމު އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެވެ. ސަލާމަތްވެގެންވާ ހިތަކީ، ޝިރުކުގެ ނުބައިކަމުން ސަލާމަތްވެފައިވާ ހިތެވެ. އަދި އަނެކާގެ މައްޗަށް ހިތުގައި އުފެދޭ ނަފުރަތާއި، ހަސަދައާއި، ރުޅިވެރިކާމއި، ހިތުގެ ދަހިވެތިކަމާ، ދުނިޔޭގެ އެދުވެރިކަމާއި، ދުނިޔޭގެ މަތީ މަޤާމުތަކަށް އެދެވޭ އެދުންތަކުން ސަލާމަތްވެގެންވާ ހިތެކެވެ. އަޅަކު އޭނާގެވެރި އިލާހު ތަބާރަކަވަތަޢާލާ އާ ދުރަށް ޖައްސާ ކޮންމެ ކަމަކުން ސަލާމަތްވާ ހިތެކެވެ. އަދި އެހިތަކީ އެއިލާހު އެންގެވި ބަސްފުޅުތަކާމެދު ޝައްކު އުފެދޭފަދަ އެންމެހައި ކަމަކު ސަލާމަތްވެގެންވާ އެއްޗެކެވެ. ހަމައެފަދައިން އެއިލާހު ކުރެއްވި އެންމެހައި އަމުރު ފުޅުތަކަށް ބޯލެނބުމަށް ހުރަސްއަޅާ ޝަހުވަތްތަކުން ސަލާމަތްވެގެންވުމެވެ. މާތް ﷲ އާއި ތިމާދެމެދުގައި ހުރަސްވާ ހުރިހާ ހުރަސްތަކަކުން ސަލާމަތްވުމެވެ.

އަދި އޭނާ ފަސްކަމަކުން ސަލާމަތް ނުވާހާހިނދަކު ސަލާމަތްވެގެންވާ ހިތެއް ނުލިބޭހުއްޓެވެ. އެ ފަސްކަމަކީ؛ ތައުޙީދު (މާތް ﷲ ގެ އެއްކައުވަންތަކަމާ) ޚިލާފުވާ ޝިކުރުގެ ނުބައިކަމާއި، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތަ ޚިލާފުވާ ބިދުޢަތަކާއި، މާތް ﷲ ގެ އަމުރުފުޅުތަކާއި ޚިލާފުވާ ޝަހުވަތްތަކާއި، އެއިލާހު ހަނދުމަކުރުމަށް ހުރަސްއަޅާ ޣަފުލަތްތެރިކަމާއި، އެއިލާހަށް އިޚްލާޞްތެރިވުމަށް ހުރަސްއަޅާ ހަވާނަފްސުގެ އެދުންތަކެވެ. މިފަސްކަމަކީ ތިމާއާއި ތިމާގެ ވެރި ރައްބާ ދެމެދުގައި ހުރަސްއަޅާ ފަސްކަމެވެ. މި ފަސްކަމުންކުރެ ކޮންމެ ކަމެއްގެ ދަށުގައި ގުނާ ޢަދަދު ނުކުރެވޭހާ ގިނަ ކަންކަން ޖަމާވެފައި ވެއެވެ. ވީމާ، އަބަދާއި އަބަދު، ސިދާވެގެންވާ މަގަށް މަގު ދެއްކެވުމަށާއި، ތެދުމަގުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރަންޖެހެއެވެ." (الجواب الكافي لابن القيم)

އިންސާނާ ދުނިޔޭގައި ލެއްވި މަޤްޞަދަކީ މާތް ﷲ އަށް އަޅުކަން ޚާލިޞްކުރުމެވެ. އެއިލާހުފިޔަވައި އެހެން ހުރިހާ ފަރާތެއްގެ އަޅުވެތިކަމުން ސަލާމަތްވެގެން ހުރެ އެއިލާހަށް އެކަނި އަޅުވެތިވުމެވެ. އިންސާނާ ދުނިޔޭގައި ލެވުމުގެ މި މަޤްޞަދު ޙާޞިލު ނުވާނަމަ އޭނާގެ ދިރިއުޅުމުގައި އެއްވެސް ބަރަކާތެއް ނުހުންނާނެއެވެ. އޭނާގެ ޢަމަލުތަކުގައި އެއްވެސް ހެވެއް ނުވެއެވެ. އަދި އޭނާގެ ހިތަކީ ޣާފިލުވެގެންވާ، ހަރު ހިލަގަނޑެއްފަދައެވެ.

އެމީހެއްގެ ހިތްތަކީ ސަލާމަތްވެގެވާ ހިތެއްކަމުގައި ވެގެން ނޫނީ އާޚިރަތުގައި މާތް ﷲ ގެ އަޒާބުން ސަލާމަތް ނުވާހުއްޓެވެ. މަތީގައި ބަޔާންކުރެވުނު، އިބްނުލް ޤައްޔިމު رحمه الله ގެ ބަސްފުޅުގައިވާފަދައިން ސަލާމަތްވެގެންވާ ހިތަކީ އޭނާގެ ވެރި ރައްބުގެ އަމުރުފުޅުތަކަށް ކިޔަމަންގެންފައިވާ ހިތެކެވެ. އެހިތުގެ ވެރި އިލާހުގެ އަމުރުފުޅުތަކަށް އެއްވެސް ދެކޮޅުވެރިވުމެއް ނުވާ ހިތެކެވެ. އެއިލާހުގެ އެންގެވުންތަކަށް އުރެދުމެއްނުވާ ހިތެކެވެ. މާތް ﷲ ގެ ރުއްސެވުންމެނުވީ އެހިތަށް ބޭނުން ޖެހިފައިނުވާ ހިތެކެވެ. އެހިތުގައިވާ ހަމައެކަނި އެދުމަކީ މާތް ﷲގެ ރުއްސެވުން ލިބުކަމުގައިވާ ހިތެކެވެ. އޭރުން، އެފަދަ ހިތެއްގެ ވެރިއަކު ކުރާ ކޮންމެ ޢަމެލެއްގެ ކުރާނީ މާތް ﷲގެ ރުއްސެވުން ހޯދުމަށެވެ. އެއިލާހު ނުރުއްސަވާ ކޮންމެ ކަމަކުން އެއްކިބާވެ ދުރުހެލިވާނެއެވެ. އެއިލާހުގެ ޝަރީޢަތަށް ފުރިހައަށް ރުހޭނެއެވެ. އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم ގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވާނެއެވެ.

ހިތްތަކުގެ ހަމަޖެހުންވަނީ މާތް ﷲ ހަނދުމަކުރުމުގައޭ އަންގަވާފައިވަނީ މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "الَّذِينَ آمَنُواْ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللّهِ أَلاَ بِذِكْرِ اللّهِ تَطْمَئِنُّ الْقُلُوبُ" (الرعد 28) މާނައީ: "އެއުރެންނީ އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟"