މުހައްމަދު އަސްލަމް

"ހިދުމަތް ފެށުމަށް ފަހު މެދެއް ނުކެނޑޭނެ"

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލާ ހިދުމަތް ދޭން ފެށުމަށް ފަހު އެ ހިދުމަތް މެދުނުކެނޑި ކުރިޔަށް ދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅު ވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު މަޝްރޫއުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ އެއްބަސްވުމާއި އެކު އެންމެ ފުރަތަމަ ހިދުމަތް ދޭން ފަށާނީ ހއ އަތޮޅާއި ހދ އަތޮޅުގެ އިތުރުން ށ އަތޮޅު ގައެވެ. އަސްލަމް ވިދާޅުވީ މި މަޝްރޫއުގައި ފުރަތަމަ ފިޔަވަހީގައި ކަނޑައަޅާފައިވާ ފުރަތަމަ ތިން އަތޮޅަށް ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތަށް ގާތް ގަނޑަކަށް 157 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. އަދި މުޅި މަޝްރޫއަށް ކެޕިޓަލް އިންވެސްޓްމަންޓް ގެ ގޮތުގައި ޖުމުލަ 860 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ، މި އަހަރުގެ ތެރޭގައި އިތުރު އަތޮޅަކަށް އެ ހިދުމަތް ފޯރު ކޮށްދޭން ކަނޑަ އަޅާފައި ނުވާ ކަމަށާއި ފުރަތަމަ ހަ މަހަކީ ލާނިންގ ޕީރިއަޑް ކަމަށެވެ. އަދި ފުރަތަމަ ފިޔަވަހިގައި ހިމެނޭ ރަށް ތަކަށް ދަތުރުތައް ކުރާ ގޮތް ބަލާ ރަނގަޅު ކުރަންހުރި ކަންކަން ރަނގަޅު ކޮށް ފުރިހަމަ ހިދުމަތެއް ފޯރު ކޮށްދޭނެ ކަމަށެވެ.

މި މަޝްރޫއު ހަވާލު ކޮށްފައިވާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، ތިން އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖެ އަށް މި ހިދުމަތް ފޯރު ކޮށްދެވޭނެ ކަމަށެވެ.