ލައިފްސްޓައިލް

ބާލީގައި މާސްކް ނާޅާ އުޅޭ ޓޫރިސްޓުން ލައްވާ ޕުޝް-އަޕްސް ހައްދަނީ

އިންޑޮނީޝިޔާގެ ރިސޯޓް އައިލެންޑެއް ކަމަށްވާ ބާލީއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތެރެއިން ގިނަ ބަޔަކު މާސްކް ނާޅާ އުޅޭތީ ކަމާބެހޭ އިދާރާތައް ވަނީ ވަރަށް ކަންބޮޑުވެފަ އެވެ. އަދި މި މީހުންނަށް ވަރަށް މޮޅަށް އަދަބު ދިނުމުގެ ޕްރޮގްރާމެއް މިހާރު ވަނީ ފަށާފަ އެވެ. އެއީ އެމީހުންނަށް 50 ފަހަރު ޕުޝް-އަޕްސް ހައްދަން ޖެއްސުމެވެ.

އާއްމު ތަންތަނުގައި މާސްކް ނާޅާ އުޅެނިކޮށް ފުލުހުންނަށް ފެނިއްޖެނަމަ ކޮންމެ މީހަކަށް ވެސް، އެމީހަކަށް ޖޫރިމަނާ ފައިސާ ދެއްކެން އެ ވަގުތު ނެތް ނަމަ ޕުޝް-އަޕްސް ހަދަން ޖެހޭނެ އެވެ. އަދި އަޅަން ޖެހޭ ގޮތަށް ނޫން ގޮތްގޮތަށް މާސްކް އަޅައިގެން ތިބޭ މީހުން ވެސް ޕުޝް-އަޕްސް ހަދަން ޖެހެ އެވެ. އަޅަން ނުޖެހޭ ގޮތަށް މާސްކް އަޅައިގެން ތިބުން ކަމަށް ބަލަނީ ދަތްދޮޅިދަށަށް މާސްކް ތިރިކޮށްގެން ތިބުމާއި ކަންފަތުގައި އަޅުވާލުން ފަދަ ގޮތްގޮތަށް ހުރުމާއި ނޭފަތް ނިވާ ނުކޮށް ހުރީމަ އެވެ. މފަދަ މީހުންނަށް ދޭ އަދަބަކީ 15 ފަހަރު ޕުޝް-އަޕްސް ހެދުމެވެ.

މި ޔުނީކް އަދަބު ދޭ މަންޒަރުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މިގޮތުން އެންމެ ގިނައިން އަދަބު ލިބޭތަން ފެންނަނީ ޔޫރަޕްގެ ޓޫރިސްޓުންނަށެވެ. ގަދަ ހޫނުގައި މި މީހުން ޕުޝްއަޕް ހަދާއިރު މާސްކް އަޅައިގެން ތިބޭ އޮފިޝަލުން މި މަންޒަރު ބަލަން ތިއްބާ ފެނެ އެވެ.

ޓޫރިސްޓުންނަށް ޕުޝް-އަޕްސް ހަދަން މަޖްބޫރުކުރަނީ

ބާލީގެ ސެކިއުރިޓީ އޮފިޝަލަކު އެ ގައުމުގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާރަކަށް އައިސް މާސްކް ނާޅާ އުޅޭ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

"މި ފަދަ މީހުންނާ ސުވާލު ކުރީމަ ފުރަތަމަ ބުނަނީ އެ ގައުމުގައި އެފަދަ ގަވާއިދެއް އޮންނަ ކަމެއް އެނގިފައެއް ނެތޭ. ދެން ބުނަނީ ހަނދާން ނެތުނިއްޔޭ. ނޫނީ ބުނަނީ މާސްކް އަޅައިގެން އުޅެނިކޮށް ދާ އެޅި ތެތްވީމަ އެއްލާލިއްޔޭ ނުވަތަ ހަލާކުވިއްޔޭ،" އޮފިޝަލު ބުންޏެވެ.

އޮފިޝަލު ބުނީ 70 އަށް ވުރެ ގިނަ ޓޫރިސްޓުން ޖޫރިމަނާކުރި ކަމަށެވެ. އެމީހުން ޖޫރިމަނާ ކުރީ 100،000 ރުޕިއާ (ހަތް ޑޮލަރު) އިންނެވެ. ނަމަވެސް އޭގެ ތެރެއިން 30 ޓޫރިސްޓަކު އެމީހުންގެ އަތުގައި ނަގުދު ފައިސާ ނެތް ކަމަށް ބުނި ކަމަށާއި އެ މީހުން ލައްވާ 50 ފަހަރު ޕުޝް-އަޕްސް ހެއްދި ކަމަށް ވެސް އޮފިޝަލު ބުންޏެވެ. އޭނާ އިތުރަށް ބުނީ އަދަބު ދޭން ޖެހުނު މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ ޔޫރަޕް މީހުން ކަމަށެވެ.

ކޮވިޑް-19ގެ ވަބާ އިންޑޮނީޝިޔާގައި ވަރަށް ބޮޑަށް ފެތުރި އެ ގައުމުގެ ހުރިހާ ރަށެއްގައި ވެސް ބޭރުގައި އުޅޭ ހުރިހާ ވަގުތެއްގައި މާސްކް އަޅައިގެން އުޅުން ވަނީ މަޖްބޫރު ކަމަކަށް ހަދާފަ އެވެ.

މިހާތަނަށް އިންޑޮނީޝިޔާގައި 917،000 މީހުންނަށް ކޯވިޑް ޖެހި 26،000 މީހުން އެ ބަލީގައި މަރުވެފައި ވެއެވެ.