ލައިފްސްޓައިލް

ދަރަނިން ސަލާމަތްވާން ސޯޝަލް މީޑިއާގައި މަރުވީކަމަށް ހެދިއްޖެ

ބައެއް މީހުން ވަރަށް އަޖައިބުވާ ކަހަލަ ކަންތައްތައް ސޯޝަލް މީޑިއާގައި ކުރެ އެވެ. އެކި ކަހަލަ ވާހަކަތަކާއި ފޮޓޯތައް ޕޯސްޓްކޮށްގެންނެވެ. އިންޑޮނީޝިޔާގެ މި އަންހެން މީހާ ވެސް ކުރީ މިފަދަ ކަމެކެވެ. އެމީހާ ވަނީ އޭނާގެ "ގަބުރު"ގެ ފޮޓޯތަކެއް ފޭސްބުކްގައި ޕޯސްޓްކޮށްފަ އެވެ. އޭނާ އަމިއްލައަށް މަރުވީކަމަށް ހެދިގެން ގަބުރަކަށް ހެދިގެން ފޮޓޯ ނަގާފައި ޕޯސްޓްކުރީ ސަބަބެއް ނެތި އެއް ނޫނެވެ. އޭނާގެ އެކުވެރި އަންހެނެއް ކަމަށްވާ މާޔާ ގުނާވަން އަތުން ނަގާފައިވާ ފައިސާ އަނބުރާ ދޭން ޖެހޭ ދުވަހަށް ނުދެވިގެންނެވެ.

ލީޒާ ޑޭވީ ޕްރަމީތާ ނަމަކަށް ކިޔާ މި އިންޑޮނީޝިޔާ އަންހެންމީހާ އޭނާގެ އެކުވެރިޔާ މާޔާ އަތުން ދަރަންޏަށް ނަގާފައިވަނީ 20،000 ރުޕީސް އެވެ. މި ފައިސާ ލީޒާ އަށް މާޔާ ދިނީ ފާއިތުވީ ނޮވެމްބަރު 20 ވަނަ ދުވަހުގެ ކުރިން ދައްކަން އެއްބަސްވެގެންނެވެ. ނަމަވެސް އެ މުއްދަތުގައި ފައިސާ ނުދެއްކިގެން ލީޒާ އެ ވާހަކަ މާޔާ ކައިރީ ބުނުމުން ފައިސާ ދައްކަންވީ މުއްދަތު ޑިސެމްބަރު 6 އާ ހަމައަށް އިތުރުކޮށްދިނެވެ.

މި މުއްދަތު ވެސް ފާއިތުވީފަހުން ޑިސެމްބަރު 11 ވަނަ ދުވަހު މާޔާ އަށް ކުއްލިއަކަށް ލީޒާ މަރުވި ޚަބަރު ލިބުނެވެ. އަދި ލީޒާގެ ފޭސްބުކް ޕޭޖްގައި ޖަހާފައިވާ އޭނާ މަރުވެފައި އޮއްވާ ނަގާފައިވާ ފޮޓޯތައް ފެނުނެވެ.

ލީޒާގެ ދަރިފުޅާ މާޔާ ގުޅުމުން އޭނާ ބުނީ މަންމަގެ ޖަނާޒާ ބޭއްވީ އާޗޭ ޓަމިއަންގް ކިޔާ ރަށެއްގައި ކަމަށެވެ. މި ރަށަކީ މާޔާ އުޅޭ ރަށާ ވަރަށް ދުރުގައި އޮންނަ ރަށެކެވެ.

ލީޒާ އަސްލު މަރުވީ ކަމާ މެދު މާޔާ އަށް ކުޑަކޮށް ޝައްކުވެ ލީޒާގެ ފޭސްބުކް ޕޭޖްގައި ހުރި ފޮޓޯތައް ރިވިއުކުރަން ފެށި އެވެ. ފޮޓޯތައް ބެލިމީހުން މި ފޮޓޯތަކަކީ ހަދާފައިވާ ފޮޓޯތަކެއް ކަމާއި އިންޓަނެޓުގައި ހުރި ފޮޓޯތަކެއްގެ މޫނު ބަދަލުކޮށްގެން ހަދާފައި ހުރި ފޭކް ފޮޓޯތަކެއް ކަން މާޔާއަށް ޔަގީންވި އެވެ.

މާޔާ އަލުން ލީޒާގެ ފިރިހެން ދަރިފުޅާ މި ސުވާލުތައް ކުރަން ފެށުމުން ލޯނު ނުދައްކަން މަންމަ އަމިއްލައަށް މަރުވީ ކަމަށް ހެދުނީ ކަމަށް އެއްބަސްވި އެވެ. ނަމަވެސް އޭނާގެ މަންމަ މިހާރު ވީ ތަނެއް އޭނާގެ ދަރިފުޅަކަށް ވެސް އެނގޭ ކަމަކަށް ނުވެ އެވެ. އެހެންވެ މާޔާގެ ފައިސާތައް އޭނާއަށް އަދިވެސް ލިބޭ ގޮތެއް ނުވެ އެވެ.