ލައިފްސްޓައިލް

ގެއްލުނު މީހާ ފެނުނީ ހަރުފައިގެ ބަނޑުން

އިންޑޮނީޝިއާ އަކީ އާދަޔާޚިލާފަށް ބޮޑެތި ހަރުފަ އުޅޭ ގައުމެކެވެ. މި ބާވަތުގެ ބޮޑެތި ހަރުފަ އަކީ ވިހަ ހުންނަ އެއްޗަކަށް ނުވިޔަސް އެސޮރުމެން ބޮޑެތި ޖަނަވާރުތަކާއި އިންސާނުން ކާލަނީ އެ މީހުން ނުވަތަ އެ ޖަނަވާރެއްގެ ގައިގައި އޮޅާލާ ބާރުކޮށްލައި މަރާލައިގެންނެވެ.

އެގޮތުން އިއްޔެ ހިނގި މިފަދަ ހާދިސާއެއްގައި 22 ފޫޓުގެ ދިގު ހަރުފައެއް 54 އަހަރުގެ އަންހެނަކު ދިރިހުއްޓާ ވަނީ ކާލާފަ އެވެ. މި ސޮރު އެ އަންހެން މީހާ ކާލައިގެން ހަޖަމުކުރަން އޮއްވާ ފެނިގެން މީހުން އައިސް އެސޮރު މަރާލައި ބަނޑު ކަފާލިއިރު ބަނޑުތެރޭގައި އެ އަންހެން މީހާ އޮއްވާ ވަނީ ފެނިފަ އެވެ.

ޖަމްބީ ރީޖަންގައި އޮތް ރަބަރު ގަސްތަކެއް ހައްދާފައިވާ ތަނަކަށް ޖަހްރާ، 54، މިދިޔަ އާދިއްތަ ދުވަހު ދިޔަ ގޮތަށް އޭނާގެ ހަބަރެއް ނުވެގެން އާއިލާއިން އޭނާ ހޯދަން ފެށި އެވެ.

ޖަހްރާގެ ފިރިމީހާ އޭނާ ހޯދަން އެ ސަރަހައްދު ހޯދަމުން ދަނިކޮށް ޖަހްރާ އަރައިގެން ހުރި ފައިވާނާއި ލައިގެން ހުރި ޖެކެޓް އަދި ބޮލުގައި އަޅާފައިވާ ސްކާފާއި އޭނާ ގެންގުޅުނު ވަޅިއެއް ފެނުނެވެ. ނަމަވެސް އެ ދުވަހަކު އޭނާއަށް ޖަހްރާއަށް ވީގޮތެއް ވިސްނާލާކަށް ނޭނގުނެވެ. އޭގެ އަނެއް ދުވަހު ޖަހްރާގެ ފިރިމީހާ ޖަހްރާ ހޯދަން ހަމަ އެތަނަށް އެނބުރި އައީ ގިނަ އަދަދެއްގެ މީހުން ގޮވައިގެންނެވެ.

އެންމެން ޖަހްރާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް ބޮޑު ހަރުފައެއް ވަރަށް ބޮޑު އެއްޗެއް ކާލައިގެން ގުޑާނުލެވިފައި އޮއްވާ ފެނުނެވެ. އެސޮރުގެ ބަނޑު ފަލަވެފައި ހުރި ވަރުން މީހުންނަށް ޝައްކުވެގެން އެސޮރު ހިފަހައްޓައި ބަނޑު ފަޅާލުމުން ބަނޑުތެރޭގައި ޖަހްރާގެ ހަށިގަނޑުގެ ބައިތައް ހުއްޓާ ވަނީ ފެނިފަ އެވެ.

އެ ހިސާބުގެ އިސް ވެރިޔާ އެންޓޯ ބުނި ގޮތުގައި ޖަހްރާ ހޯދަމުން ދިޔަ މީހުންނަށް އޭނާ ފެނުނީ ހަރުފައިގެ ބަނޑު ތެރެއިންނެވެ.

އޭނާ ލަފާ ކުރަނީ ހަރުފަ ޖަހުރާ އަށް ހަމަލަދީ ނޭވާ ހާސްކޮށްލައި މަރާލައި އޭނާ ކާލަން ދެ ގަޑިއެއްހާއިރު މަދުވެގެން ނަގާނެ ކަމަށެވެ.

އެންޓޯ ބުނި ގޮތުގައި އެ ސަރަހައްދުގައި 27 ފޫޓު ދިގު ހަރުފަ އުޅޭކަން މީގެ ކުރިން ރެކޯޑް ކުރެވިފައެއް ނެތެވެ.

އެ ހިސާބުގެ ޖަންގަލިތަކުގައި ބޮޑެތި ހަރުފަ އުޅޭނެ ކަމަށް އެ ސަރަހައްދުގެ މީހުންނަށް މިހާރު ވަރަށް ބޮޑަށް ޝައްކުވެ އެމީހުން ތިބީ ވަރަށް ބިރުންނެވެ.