އާއިލާގެ މީހުން މަރުވުމުން ވަޅުލާފައި ގިނަ ދުވަސް ތަކަކު ބޭއްވުމަށްފަހު ވަކި ޚާއްސަ މުނާސަބަތުތަކުގައި އަލުން ގަބުރު ކޮނެގެން ނަގައި ރީތިކޮށް ނަލަހައްދާ އާ ހެދުން އަޅުވައި ހެދުމަކީ ބައެއް ގައުމުތަކުގެ ސަގާފަތުގައި ހިމެނޭ މީހެކެވެ.
ދާދިފަހުން ޑޮމިނިކަން ރިޕަބްލިކްގެ އާއިލާއަކުން ވެސް ވަނީ އެމީހުންގެ މާމަ މަރުވިތާ 10 އަހަރު ފުރުނު ދުވަހު މާމަގެ ކައްވަޅު ކޮނެގެން ނަގާފަ އެވެ. މާމަ ކައްވަޅުން ނަގައި ބެލިއިރު އެ މާމަގެ ހަށިގަނޑު އޮތީ ވަޅުލިއިރު ވެސް އޮތް ގޮތާ ދާދި އެއްގޮތަކަށެވެ. ބޮލުގެ އިސްތަށިގަނޑު ވެސް ރީތިކޮށް އޮވެފައި ގައިގެ ގިނަ ހަންތައް ވެސް ހުރީ ވަޅުލިއިރު ވެސް ހުރި ގޮތަށެވެ.
ޑޮމިނިކަން ރިޕަބްލިކްގައި ނެރޭ ޖޭމް ޕްރެސް ނޫހުން ބުނި ގޮތުގައި މާގަރީޓާ ރޮޒާރިއޯ ވަޅުލާފައި އޮތީ ޖަރަބަކާއޯގެ ލާ ކޮލޯނިއާ ސިމެޓްރީގަ އެވެ. އަދި މާމަގެ ކައްވަޅުކޮނެގެން ސަންދޯއް ނަގާ ބެލިއިރު މާމާ އޮތްލެއް ތާޒާކަމުން އާއިލާގެ އެންމެންނަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް މި ޚަބަރުގައި ބުނެފައިވެ އެވެ.
"މާމަގެ އިސްތަށިތައް ވެސް ހުރީ ހަމަ ހުރި ގޮތަށް. ގައިގެ ހަންތައްވެސް ވަރަށް މަދު ތަނެއްގައި ނޫނީ ހުރި. އަދި ކަށިތައް ވެސް ހަމަ އެ ހުރި ގޮތަށް ހުރީމަ ނަގައިގެން ކޮއްޅަށް ބަހައްޓަން ވަރަށް ފަސޭހަވި،" މާގަރީޓާގެ މާމަ ދަރިއަކު ބުންޏެވެ.
މާގަރީޓާގެ އާއިލާއިން ވަނީ އޭނާގެ ގަބުރު އަލުން ނަލަކޮށް ރީތިހެދުން އަޅުވާފައި އަލުން ވަޅުލާފަ އެވެ. މިއީ އޭނާ މަރުވިތާ 10 އަހަރު ފުރުން ފާހަގަކުރަން އާއިލާއިން ކުރި ކަމެކެވެ.
މާގަރީޓާގެ ގަބުރު ކައްވަޅުން ނަގައިގެން ގެންގޮސް ރީތިކޮށް ނަލަހައްދާ މަންޒަރުގެ ފޮޓޯތައް އިންޓަނެޓުގައި ދައުރުވުމުން ވަރަށް ގިނަ ބަޔަކު މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައި ވެއެވެ. އަދި މިއީ ކުރަން ހެޔޮވާވަރު ކަމެއް ނޫންކަމަށް މީހުން ކޮމެންޓްކޮށްފައި ވެއެވެ. ނަމަވެސް އާޚިރަތް ދުވަސް އެއީ އަންނާނެ ދުވަހެއް ކަމަށް ގަބޫލުނުކުރާ މީހުން ބުނީ މިއީ ވެސް ހަމަ ރަނގަޅު ކަމެއް ކަމަށެވެ.
އިންޑޮނީޝިއާގެ ބައެއް ގަބީލާތަކުގައި މިހާރުވެސް އެމީހުންގެ މަރުވެފައިވާ ކާބަފައިން ނެގުމުގެ ސަގާފަތެއް އޮވެ އެވެ. ކޮންމެ އަހަރަކުވެސް އެމީހުން ފާހަގަކުރާ ވަކި ޚާއްސަ ދުވަހަކު ކޮންމެ އާއިލާއަކުން ވެސް މަރުވެފައިވާ ކޮންމެވެސް މީހަކު ކޮނެގެން ނަގައިގެން ގެނެސް މޭކަޕްކޮށް ހެދުން ލައްވައިގެން ގޭގައި ބަހައްޓަ އެވެ. ދުވަސްކޮޅަކު މިހެން ބެހެއްޓުމަށްފަހު އަލުން އަނބުރާ ގެންގޮސް ވަޅުލަނީ އެވެ.