ލައިފްސްޓައިލް

ގެނބިގެން މަރުވި ކުއްޖެއްގެ ހަށިގަނޑު އެއްގަމަށް ގެނެސްދިނީ ކިނބުލެއް

އިންޑޮނީޝިޔާގެ އީސްޓް ކަލިމަންޓަންގެ ބޯނިއޯ އައިލެންޑްގެ ކޯރެއްގައި ދިރިއުޅޭ ކިނބުލެއް އެ ކޯރަށް ގެނބުނު ކުޑަ ކުއްޖެއްގެ ހަށިގަނޑު އެ ސޮރު ބުރަކަށި މަތީގައި ބާއްވައިގެން އެއްގަމަށް އަރަން ދިޔަ މަންޒަރު އެހިސާބުގައި ހުރި ސީސީޓީވީ ކެމެރާތަކަށް އަރައި ގިނަ ބަޔަކު މިކަމާ ހައިރާން ވެގެން އެބަ އުޅެ އެވެ.

މި ކުއްޖާ ގެއްލިގެން އެންގުމުން ރެސްކިއު ޓީމުތައް އައިސް އެ ކުއްޖާ ހޯދަމުން ދަނިކޮށް ކުއްލިއަކަށް ފެނުނީ ކިނބުލެއް އެ ސޮރުގެ ބުރަކަށި މަތީގައި ކުއްޖާ ބާއްވައިގެން އައި ތަނެވެ.

މި ބޮޑު ކިނބޫ އައިސް ރެސްކިއު ޓީމުގެ މެމްބަރުން ތިބި ބޯޓާ ވަރަށް ކައިރިއަށް އައެވެ. އެސޮރު އެއައީ ހަށިގަނޑު އެ މީހުންނަށް ރައްދުކުރަން ހެން ހީވާ ކަހަލަ އެވެ.

ކިނބުލަކީ އާއްމުކޮށް އިންސާނުން ކާ އެއްޗެއްގެ ގޮތުގައި ބެލެވިފައި ވެއެވެ. އެހެންވެ މި ކުއްޖާގެ ހަށިގަނޑު އަނބުރާ ގެނެސް ދިނުމުން އެ ހިސާބުގައި ދިރިއުޅޭ މީހުން ވެސް ތިބީ ހައިރާންވެގެން ބުނާނެ އެއްޗެއް ނޭނގިފައެވެ.

ކިނބޫ އެ ކުއްޖާ ބުރަކަށީގައި ބާއްވައިގެން އަންނަ މަންޒަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވެއެވެ. މި ވީޑިއޯ ޓުވިޓާގައި ޝެއާ ކޮށްފައިވަނީ އިންޑިއަން ފޮރެސްޓް އޮފިސަ (އައިއެފްއެސް) ސުސާންތާ ނަންދާ އެވެ
.
ރެސްކިއު ޓީމު ތިބި ބޯޓާ ކިނބޫ ކައިރިވަމުން އެތަނުން މީހަކު ވަނީ ކުއްޖާގެ އަތުގައި ހިފާ ބޯޓަށް ނަގާފަ އެވެ.

"އަޖައިބެއް ކަހަލަ އަދި ގަބޫލުކުރަން ދަތިނަމަވެސް ހަގީގީ ހާދިސާއެއް މީ. ކިނބުލެއް ވަނީ ކޯރަށް ގެނބުނު ކުޑަ ކުއްޖެއްގެ ހަށިގަނޑު ހޯދަމުންދިޔަ މީހުންނަށް އެ ހަށިގަނޑު ގެނެސްދީފައި. ކުއްޖާ ގެނބުނު ކޯރަކީ ވަރަށް ގިނަ ކިނބޫ އުޅޭ ކޯރެއް ކަމުން ކުއްޖާގެ އާއިލާއަށް އޭނާ ހޯދަން އުޅެ އުޅެ ވަނީ ނުފެނިފައި،" މި ވީޑިއޯގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.

މި ވީޑީއޯ އަށް ކޮމެންޓުކުރި ގިނަ މީޙުން ބުނެފައިވަނީ މިއީ ﷲގެ ކުޅަދުންވަންތަކަމުން ވީ ކަމެއް ކަމަށެވެ.
ގަލްފް ޓުޑޭގައިވާ ޚަބަރެއް ބުނާ ގޮތުގައި މި ކުއްޖާއަކީ މުހައްމަދު ޒިޔާދު ވިޖަޔާ ކިޔާ ހަތަރު އަހަރުގެ ކުއްޖެކެވެ.

މި ކުއްޖާ ގެއްލިގެން ހޯދާ ހޯދާ އެއްގޮތަކަށް ވެސް ނުފެނުނީ އެވެ. އޭނާގެ މައިންބަފައިންނަކަށް އޭނާ ގެއިން ނުކުމެގެން ދިޔައިރެއް ވެސް ނޭނގެ އެވެ. ކުއްޖާ ނުފެނުމުން ކައިރީގައި އޮތް މަހާކަމް ކޯރަށް ގެނބުނީ ކަމަށް ބަލައި ކުއްޖާ ހޯދުމުގެ މަސައްކަތް ފެށީ އެވެ.

ކުއްޖާ ފެނުނުއިރު އޭނާގެ ބުރަކަށީގައި ކިނބޫ ދަތްއެޅި ތަނެއް ޒަޚަމް ވެފައި ހުއްޓެވެ. ލަފާ ކުރެވެނީ ކޯރުގެ އަޑީގައި އޮއްވާ ނަގަން ވެގެން އެ ސޮރު އެ ކުއްޖާގެ ބުރަކަށީގައި ހިފި ތަން ކަމަށެވެ.