ލައިފްސްޓައިލް

އިންޑޮނީޝިޔާގެ "ނަށާ ގަސްތައް" ބަލަން ގިނަ ބަޔަކު ދަނީ

އެކި މުނާސަބަތާ ގުޅުވައިގެން އިންސާނުން ނަށާ ތަން ވަރަށް ގިނައިން ފެނެ އެވެ. ނަމަވެސް ގަސްތަކެއް ނަށާތަން ދުށީމު ހެއްޔެވެ؟ އިންޑޮނީޝިޔާގެ ވަރަށް ދުރުގައި އޮންނަ އެކަނިވެރިކޮށް އޮންނަ ސުމްބާ އައިލެންޑްގައި މި ކަހަލަ ނަށާ ގަސްތަކެއް އެބަހުއްޓެވެ. މި ގަސްތައް ހެދިފައި ހުރީ ނެށުމުގެ އެކި ޕޮޒިޝަންތަކުގައި ހުންނައިރު ހުންނާނެ ގޮތަށް ބަނޑިބަނޑި ލައްވާފަ އެވެ.

މޫދުގެ ލޮނުގަނޑުގައި ހެދިފައިވާ މި ގަސްތަކުގެ ތެރެއިން ހުރިހާ ގަހެއް ވެސް ހުރީ ކްލެސިކަލް ނެށުމެއް ނަށާއިރު މީހުން ތިބޭ އެކި ކަހަލަ ޕޮޒިޝަންތައް ސިފަވާ ކަހަލަ ގޮތަކަށެވެ. މި ގަސްތަކަށް "ނަށާ ގަސްތައް" ކިޔަނީ މި ސަބަބާ ހުރެ އެވެ.

ވަޔާއެކު ގަސްތަކުގެ ގޮފިތަކާއި ފަތްތައް ހޫރެމުންދާއިރު ހަމަ ހަގީގަތުގައި ވެސް ހީވަނީ ނަށަނީ ހެންނެވެ. މި ރީތި ރަށް ދުނިޔެއަށް މަޝްހޫރުވެފައި ވަނީ ރަށުގެ ގުދުރަތީ ރީތިކަމާއި މި "ނަށާ ގަސް" ތަކުގެ ސަބަބުންނެވެ.

މެންގްރޯވް އާއިލާގެ މި ރީތި ގަސްތަކުގެ ސަބަބުން އިރު އަރައިގެން އަންނަ ވަގުތާއި އިރު އޮއްސޭ ވަގުތު މުޅި ސަރަހައްދަށް ޖާދޫ އެއް ފަދަ ރީތިކަމެއް ވެރިވެފައި ހުރެ އެވެ. އެހެންވެ އިންޑޮނީޝިޔާ އަށް ދާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު މިހާރު އެންމެ ބަލާހިތުން ޒިޔާރަތްކުރަނީ މި ތަނަށެވެ.

މި ގަސްތަކުގެ ބައްޓަންތައް ހުންނަލެއް އަޖައިބުކަމުން ދުރުން ބަލާލާއިރު ހީވަނީ ނަށަން ތިބި ބަޔަކު ނެށުމުގެ ހަރަކާތެއް ކުރަނިކޮށް ހަރަކާތްހުއްޓި އެ ހުރި ޕޮޒިޝަނެއްގައި ގަނޑުވެފައި ތިބީ ހެންނެވެ.