ލައިފްސްޓައިލް

އެންމެ ރީތި މޫނު: ޝެލްބިއާ ޓްރޯލްގެ ޝިކާރައަކަށް

ސޯޝަލް މީޑިއާއަކީ ބައެއް މީހުންނަށް ވަރަށް ހިތްދަތި ތަޖުރިބާތައް ކުރަން ޖެހޭ ތަނެކެވެ. ހާއްސަކޮށް މީހުންގެ މަލާމާތާއި ފުރައްސާރައެއްގެ ޝިކާރައަކަށްވާ މީހުންނަށެވެ.

"ދުނިޔޭގެ އެންމެ ރީތި މޫނު" ގެ ލަގަބު ހާސިލު ކޮށްފައިވާ 19 އަހަރުގެ ޒުވާނާ ޔައެލް ޝެލްބިއާ އަށް ވެސް ކުރެވިފައި ވަނީ މިކަހަލަ ތަޖުރިބާ އެކެވެ. މީހުން އޭނާއަށް ނަފްރަތުކޮށް މަލާމާތާއި ފުރައްސާރަކުރާ ވަރުން ޝެލްބިއާއަށް މިހާރު ދިރިއުޅެން ވެސް ވަނީ ދަތިކަމަކަށް ވެފަ އެވެ.

ޓީސީ ކެންޑްލާޒް އެނުއަލް "100 މޯސްޓް ބިއުޓިފުލް ފޭސަސް އޮފް ދަ އިޔާ 2020" ގެ ލިސްޓުގެ އެއްވަނަ މިފަހަރު ލިބިފައި ވަނީ ޝެލްބިއާ އަށެވެ. އޭނާއަކީ އިޒްރޭލުގެ މޮޑެލް އެކެވެ. އަދި ބަތަލާ އެކެވެ.

މި މުބާރާތް ދުނިޔޭގެ ގިނަ ބައެއްގެ ސަމާލު ކަމަށް ފުރަތަމަ އައީ މީގެ މަދު އަހަރުތަކެއް ކުރިން މި މުބާރާތުގެ އެއްވަނަ ހަ އަހަރުގެ ތައިލީން ބްލޮންޑެއު އަށް ލިބުނީމަ އެވެ.

މިފަހަރު މި މަގާމު ހޯދި ޝެލްބިއާ އަށް ވެސް އޭނާގެ މި ފަހުރުވެރި ކާމިޔާބީއާ މެދު އުފާ ކުރެވޭނެ ގޮތެއް ނުވި އެވެ. ސޯޝަލް މީޑިއާގައި އޭނާއަށް ޓްރޯލް ކުރާ މީހުން ގިނަ ކަމުންނެވެ.

ޝެލްބިއާ ބުނީ މި މުބާރާތުން އެއްވަނަ ލިބުމުން އޭނާއަށް ތަހުނިޔާ ކިޔާ މީހުން އިތުރުވީ ގޮތަށް މަލާމާތާއި ނަފްރަތު ކުރާ މީހުން ވެސް މަދެއް ނުވި އެވެ.

"ވަރަށް ގިނަ ބަޔަކު މަރުހަބާ ކިޔައި ވަރަށް ލޯބިވާ ކަމަށް ބުނެ މެސެޖުތައް ކޮށްފައިވޭ. ހަމައެއާކު މަލާމާތާއި ފުރައްސާރަކޮށް އަދި ރުޅިވެރި މެސެޖު ލިޔުނު މީހުން ވެސް އެބަތިބި،" އިނގިރޭސި ވިލާތުގެ "ދަ ސަން" ނޫހަށް ދީފައިވާ އިންޓަވިއު އެއްގައި ޝެލްބިއާ ބުންޏެވެ.

ދުނިޔޭގެ އެންމެ ރީތި 100 މޫނުގެ ލިސްޓުން އެއްވަނަ އޭނާއަށް ލިބުމުން އިންސްޓަގްރާމްގައި އޭނާ ވަނީ އޭނާއަށް ވޯޓުދީ މި މަގާމަށް ގެންނަން މަސައްކަތް ކޮށްދިން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ. އޭނާގެ ޕޯސްޓަށް 4،000 އަށް ވުރެ ގިނަ ކޮމެންޓުތައް ލިބިފައިވާއިރު ގިނައިން ހުރީ މަރުހަބާ ކިޔާފައި ހުރި މެސެޖުތަކެވެ.

ނަމަވެސް އަގްލީކްއީން ހޭޝްޓެގްގެ ދަށުން އޭނާއަށް ޓްރޯލް ކުރި މީހުން ވެސް ތިބިކަމަށް ޔައެލް ބުންޏެވެ.
ޝެލްބިއާ ބުނީ މުބާރާތުގެ އެއްވަނަ ލިބުނުއިރު އޭނާ މުބާރާތުގައި ބައިވެރި ވެގެން އުޅޭ ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ.

"އަހަރެން ހައިރާންވީ އެ މުބާރާތުގައި ބައިވެރި ވެގެން އުޅޭކަން ވެސް އަހަންނަށް އެނގިފައި ނެތީމަ. ނަމަވެސް މުބާރާތުން އެއްވަނަ ލިބުމުން ވަރަށް އުފާވި. އަހަންނަކަށް ނޭނގެ އަހަރެން މި މަގާމަށް ސެލެކްޓްވީ ސަބަބެއް.
ޝެލްބިއާ ވަނީ ކިމް ކާޑޭޝިއަންސްގެ ސްކިންކެއާ ލައިން ކޭކޭޑަބްލިޔު ބިއުޓީ އަށާއި ކައިލީ ޖެނާ އަށް މޮޑެލް ކޮށްދީފަ އެވެ.

ޝެލްބިއާ ބުނި ގޮތުގައި އިންސާނެއްގެ ރީތިކަމަކީ އެހެންމީހުންނަށް އިހުތިރާމާއި ލޯބިދިނުމާއެކު ޕޮޒިޓިވްކޮށް ހުރުމުން ލިބޭނެ އެއްޗެކެވެ. އެމީހަކީ ރަނގަޅު މީހެއް ނަމަ އޭނާގެ ދެލޮލުން ވެސް އެކަމެއް ފާޅުވާނެ އެވެ.

ސޯޝަލް މީޑިއާގައި ޓްރޯލްކުރާ މީހުން ކިޔާ އެއްޗިއްސާ އަޅާ ނުލައި އެމީހުން ފަތުރާ ވިހަތަކުގައި ނުޖެހުމަކީ އެކަމުން ސަލާމަތްވާން އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ޝެލްބިއާ ބުންޏެވެ.