ލައިފްސްޓައިލް

ވަރީގެ ގާނޫނުގެ ސަބަބުން އޮސްޓްރޭލިޔާ މީހަކު އިޒްރޭލުގައި ތާށިވެފައި

އޮސްޓްރޭލިޔާ މީހަކު 2013 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ބޭރަށް ދެވޭނެ ގޮތެއް ނެތި އެ ގައުމުގައި ތާށި ވެއްޖެ އެވެ. ކުރިޔަށް އޮތް 8،000 އަހަރު ވެސް އޭނާއަށް އެ ގައުމުން ބޭރަށް ދެވޭނެ އެއް ވެސް ގޮތެއް މި މީހާއަކަށް ފެންނާކަށް ނެތެވެ. ސަބަބަކީ އޭނާގެ އިޒްރޭލު އަނބިމީހާ ވަރިވާން ކޯޓަށް ގޮސްފައި ވާތީ އެވެ.

ނޯއަމް ހުޕާޓް، 44، އަށް ރަސްމީކޮށް އިޒްރޭލުން ފުރޭނީ ޑިސެމްބަރު 13، 9999 ގައެވެ. ނޫނީ ދެ ދަރިން ބެލުމުގެ ޚަރަދަށް ތިން މިލިއަން ޑޮލަރު ދީފަ އެވެ.

އޮސްޓްރޭލިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ހުޕާޓް ބުނެފައި ވަނީ އޭނާ ކަހަލަ އެތައް ހާސް ބިދޭސިންނެއް އިޒްރޭލުގައި ތާށިވެފައި އެ ގައުމުން ބޭރަށް ދެވޭނެ ގޮތެއް ނެތިފައި އެބަ ތިއްބެވެ. އެ އެންމެންނަކީ ވެސް އިޒްރޭލުގައި ހަދާފައި އޮތް ވަރީގެ ގާނޫނުގައި ލިޔެފައިވާ އެއްޗެއް ނޭނގި އެ ގައުމުގެ މީހުންނާ ކައިވެނި ކުރުމުން ލަނޑު ލިބިފައިވާ މީހުންނެވެ.

ހުޕާޓް ބުނި ގޮތުގައި 3.34 މިލިއަން ޑޮލްރު އެއްފަހަރާ ދައްކާފައި ނޫން ގޮތަކަށް އޭނާއަށް ޗުއްޓީއަކަށް ވެސް އަދި އޮފީހުގެ މަސައްކަތަކަށް ވިޔަސް އިޒްރޭލުން ފުރޭނެ ގޮތެއް ނެތެވެ.

އެހެންވެ ހުޕާޓް މިހާރު މަސައްކަތް ފަށާފައި ވަނީ އޭނާ އާއި އެގޮތަށް އިޒްރޭލުގައި ތާށިވެފައި ތިބި އެތައް ހާސް ބަޔަކު ސަލާމަތް ކުރެވޭތޯ އެވެ. އަދި އިޒްރޭލު އަންހެނުންނާ ކައިވެނި ކުރަން ގަސްތުކުރާ މީހުން ހޭލުންތެރި ކުރުވުމަށެވެ.