ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކައިވެނީގެ ކުރިން ކޮވިޑް ޖެހެން ބޭނުންވާ މީހެއް

ކޮވިޑް އިންފެކްޝަން ޖެހޭ ހިތުން އެހެން މީހުންނާ ވީހާވެސް ކައިރިއަށް އައިސް އެ މީހުންގެ ގައިގައި ބައްދާ ހަދަން ބޭނުންވާ މީހަކާ ދުވަހަކުވެސް ބައްދަލުވީ ހެއްޔެވެ؟ އޮސްޓްރޭލިޔާގެ މި އަންހެންމީހާ އަކީ އެފަދަ މީހެކެވެ.

އޭނާ ބޭނުންވީ ކޮވިޑް އިންފެކްޝަން އޭނާ އަށް ޖެހުމަށެވެ. ކޮވިޑް ޖެހެން އޭނާ ބޭނުންވާ ސަބަބެއް ކަމަށް ވަނީ އަލަތު ކައިވެންޏަށް ތައްޔާރުވަމުންދާތީ ކައިވެނީގެ ކަންތައްތައް ވީހާވެސް އޮމާންކޮށް ދިއުމަށް ބޭނުންވާތީ އެވެ. އަދި ކޮވިޑްގެ ސަބަބުން ކައިވެނީގެ ކަންކަމަށް ބުރުލެއް އެރިޔަ ނުދިނުމަށްޓަކައި ދުރާލާ އެ ބަލިވެސް ޖެހި ފަސޭހަވާން އޭނާ ބޭނުން ވަނީ އެވެ.

މި އަންހެންމީހާގެ މިހާރުގެ މަސައްކަތަކީ ބޭރަށް ނުކުމެ ނުވެސް ދަންނަ މީހުންގެ ގައިގައި ބައްދާ އެމީހުންނާ އެ ތަށިން އެކި ކަހަލަ ބުއިންތައް ބޮއި ހެދުމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިހެން އުޅެނިކޮށް އޭނާއަށް ކޮވިޑް ޖެހިއްޖެނަމަ ކައިވެނި ކުރާ ދުވަހަށް ހުންނާނީ ފަސޭޙަވި އެ ބިރުވެރިކަމުން ސަލާމަތް ވެފަ އެވެ.

އިނގިރޭސި ވިލާތުގެ "ދަ އިންޑިޕެންޑެންޓް" ނޫހުގައި މި ޚަބަރު ގެނެސްދީފައި ވަނީ އަންހެންމީހާ ޓިކްޓޮކްގައި ޝެއާކުރި ވީޑިއޯއަކާ ހަވާލާ ދީ އެވެ.

މެލްބޮންގައި ދިރިއުޅޭ މި އަންހެންމީހާ މާސްކް ނާޅާ ނައިޓްކްލަބެއް ތެރޭ ނަށަން ހުއްޓާ މި ވީޑިއޯގައި ފެނެ އެވެ. އަދި އެތަނުގައި ތިބި އެކި އެކި މީހުންގެ ގައިގައި އެމީހާ ބައްދާތަން ވެސް ވީޑިއޯގައި ފެނެ އެވެ. ވީޑީއޯގެ ކެޕްޝަންގައި އެމީހާ ލިޔެފައިވަނީ ކޮވިޑް ޖެހެން މަސައްކަތްކުރަނީ ކައިވެންޏަށް ހަ ހަފުތަ އަށް ވީއިރުވެސް ކޮވިޑް ޖެހިފައި ނުވާތީ ކަމަށެވެ.

މި ވީޑީއޯ ބަލާފައި ގިނަ ބަޔަކު އަންހެންމީހާ ދެކެ ރުޅިއައިސްގެން ވަރަށް އެތިވަރު ކިޔާފައި ވެއެވެ. އޮސްޓްރޭލިޔާގައި ކޮވިޑް ހާލަތު ގޯސްވަމުންދާތީ އެންމެން ވެސް އެކަމާ ކަންބޮޑުވެ ބިރުން އުޅޭއިރު މި އަންހެންމީހާ ކޮވިޑް ނުޖެހިގެން އުޅޭތީ ވަރަށް ގިނަ މީހުން އޭނާއަށް ފާޑު ކިޔާފައި ވެއެވެ.