އެންމެ ޒުވާން އުމުރުގައި ލޯބިވެގެން އުޅެފައި ވަކިވިތާ 23 އަހަރު ފަހުން ކައިވެނި ކުރުމުގެ ނަސީބު ލިބިއްޖެ އެވެ. ހަގީގީ ލޯތްބަކީ ކިތަންމެ ގިނަ ދުވަހެއް ވިޔަސް ހަނދާން ނެތޭނެ އެއްޗެއް ނޫންކަން މި ދެ މީހުންގެ ލޯބީގެ ވާހަކައިން ޔަގީން ކުރެވެ އެވެ.
ގްރޭސް މިގްލިއާޝިއޯ، 61، އާއި ޖޯން ހިރަން، 60، އަކީ މިހާރު އެމެރިކާގެ ޕެންސިލްވީނިއާގައި ދިރިއުޅޭ ދެމަފިރިންނެވެ. ނަމަވެސް މި ދެ މީހުންނަށް ކައިވެންޏަކާ ހަމަޔަށް ދެވުނީ ވަރަށް ދިގު އިންތިޒާރަކަށް ފަހުގަ އެވެ.
ސްކޫލް ދައުރުގައި ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ނަމަވެސް ދެ މީހުން އޭރު ވަކިވެގެން ގޮސް އެހެން ދެ މީހަކާ ކައިވެނިކޮށް ޒަވާޖީ ހަޔާތެއް ފަށައި އެމީހުންގެ ލޯބި މާޒީއަށް ދޫކޮށްލި އެވެ.
ނަމަވެސް 2007ގައި އެމީހުން ދެވަނަ ފަހަރަށް ބައްދަލުވި އެވެ. އެމީހުންގެ ލޯބީގެ ގުޅުން ކެނޑުނުތާ ބަރާބަރު 23 އަހަރު ފަހުންނެވެ. އޭރު ދެ މީހުންނަކީ ވެސް އެމީހުންގެ ބައިވެރިންގެ ކިބައިން ވަރިވުމުގެ މަސައްކަތް ފަށާފައި ތިބި ދެ މީހުންނެވެ. އެހެންވެ ދެވަނަ ފަހަރަށް ބައްދަލުވުމުން އެކަކު އަނެކަކާ ދެން ވަކިވެގެން ނުދިއުމަށް އެމީހުން ނިންމި އެވެ. އަދި ކޮންމެ ހާލެއްގައި ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެންވެސް މި ގުޅުން ދަމަހައްޓަން އަޒުމު ކަނޑައެޅި އެވެ.
ޖޯން އަކީ އޮސްޓްރޭލިޔާއަށް އުފަން މީހެކެވެ. ނަމަވެސް އޭނާގެ ދިރިއުޅުން އެމެރިކާއަށް ބަދަލުކުރީ އެވެ. ހަމައެކަނި ގްރޭސް އަށް ޓަކަ އެވެ. އޭނާއާ ވީހާވެސް ކައިރީގައި ހުރުމަށެވެ. އަދި ދެ މީހުންގެ ލޯބި ދެވަނަ ފެށުމަކުން ފެށުމަަށެވެ..
މި ދެ މީހުންގެ އާދަޔާޚިލާފު ލޯބީގެ ވާހަކަ އެމީހުން ކިޔައިދީފައިވަނީ ސީއެންއެން ޓްރެވެލް ޝޯގައެވެ.
އެމީހުން ބުނި ގޮތުގައި ދެވަނަ ފަހަރަށް ބައްދަލުވީއިރު އެމީހުން ތިބީ ހަރުދަނާ މީހުންނަށް ވެފަ އެވެ. މިކަހަލަ ލޯތްބެއް ދެވަނަ ފަހަރަށް ނުލިބޭނެކަން އެމީހުންނަށް ވިސްނުނެވެ. އަދި އެކަކު އަނެކަކާ މިގޮތަށް ބައްދަލުވީތީ އިންތިހާއަށް އުފާވެ ދެން ދެ މީހުން ވަކިނުވާން ނިންމި އެވެ.
ގްރޭސް އާއި ޖޯން ފުރަތަމަ ފަހަރަށް ލޯބީގެ ގޮތުން ގުޅުނީ 1984 ވަނަ އަހަރު އެވެ. އޭރު ގްރޭސްގެ އުމުރު އުޅެނީ 20ގެ އަހަރުތަކުގަ އެވެ. ކޮލެޖުން ގްރޭޖުއޭޓްވީތާ މާ ގިނަ ދުވަހެއް ނުވެ އެވެ. ޖޯން އުޅެނީ އެމެރިކާއަށް ކުރި ދަތުރެއްގަ އެވެ. އަދި ވަރަށް އަވަހަށް އޮސްޓްރޭލިޔާއަށް އެނބުރި ދާން ޖޯން ދިޔައީ ތައްޔާރުވަމުންނެވެ.
ގްރޭސް އާ ބައްދަލުވެ އޭނާއާ ރައްޓެހިވެގެން ޖޯން އޮސްޓްރޭލިޔާ އަށް އެނބުރި ނުގޮސް ވަރަށް ގިނަ ދުވަހު ހުއްޓެވެ. ނަމަވެސް ވިސާގެ މުއްދަތު ހަމަވުމުން އަމިއްލަ ގައުމަށް އެނބުރި ދާން ޖޯން އަށް މަޖްބޫރުވީ އެވެ.
އެ ދުވަސްވަރަކީ މޯބައިލް ފޯނާއި އިންޓަނެޓުގެ ޒަމާނެއް ނޫނެވެ. ދެ ލޯބިވެރިންގެ ގުޅުން ބަދަހިކުރަން ޖެހެނީ ސިޓީ ލިޔެގެންނެވެ.
އޮސްޓްރޭލިޔާ އަށް ދިއުމަށްފަހު ގްރޭސް އާއި ޖޯން ސިޓީ ލިޔެ ގުޅުން ދަމަހައްޓަން ލައްކަ މަސައްކަތްކުރި އެވެ. ނަމަވެސް އެކަކު އަނެކަކަށް ނުފެނި ގިނަ ދުވަސްވުމުން އެމީހުންގެ ލޯތްބަށް ހީނަރުކަން އައީ އެވެ.
ގްރޭސް ވަޒީފާ އަދާކޮށް ފައިސާ އެއްކޮށްގެން ޖޯން ކައިރިއަށް އޮސްޓްރޭލިޔާ އަށް ގޮސްލަން ޚިޔާލު ކުރި އެވެ. އަދި ޖޯން އަށް ފޯނުން ގުޅާފައި އޭނާ ދަންތޯ ގްރޭސް އެހި އެވެ. ޖޯން ބުނީ ގްރޭސް ބޭނުމިއްޔާ އަންނާށޭ އެވެ. މި ޖަވާބު ގްރޭސް އަށް އެހާ ކަމަކު ނުދިޔަ އެވެ. އަދި އެހެންވެ އޮސްޓްރޭލިޔާ އަށް ކުރަން އުޅުނު ދަތުރު ނުކުރީ އެވެ.
ގްރޭސް އަންނާނަމޭ ބުނެ ނައިމަ ޖޯން ދެރަވެފައި ހުރިކަން އެނގިގެން އޭނާގެ އެކުވެރިން އެހެން ޚިޔާލެއް ދިނެވެ. އޮސްޓްރޭލިޔާ އިން ލޯބިވެރިޔަކު ހޯދައި ގްރޭސް މަތިން ހަނދާން ނައްތާލުމަށެވެ. އެކުވެރިންގެ ބަސް އަހައި އޭނާ އެގޮތަށް ނިންމައި އެ ނިންމުން ގްރޭސް އަށް ގުޅައިފައި ބުންޏެވެ. ގްރޭސް އާ ވަކިވާން ނިންމީ އޭނާ އަމިއްލައަށް ނަމަވެސް ޖޯންގެ ހިތްހަމައެއް ނުޖެހެ އެވެ. ވަރަށް މުހިއްމު އެއްޗެއް ގެއްލިގެން ދިޔަކަމުގެ އިހްސާސް އަބަދުވެސް ކުރެވެ އެވެ.
ގްރޭސް އާ ވަކިވާން ނިންމި ވާހަކަ ޖޯން ބުނުމުން ގްރޭސް އެއްބަސްވީ އެހެން ގޮތަކަށެވެ. ދެ މީހުން އެހެން މީހުންނާ ލޯބީގެ ގުޅުން ބޭއްވިޔަސް އިތުރު މީހަކާ ކައިވެނި ނުކުރުމަށެވެ.
ސީއެންއެން ޓްރެވަލްގައި ވާހަކަ ދައްކަމުން ގްރޭސް ބުނީ އެ ދެ މީހުން އެކަކު އަނެކަކު ދެކެ ލޯބިވީ މިންވަރަށް އެހެން މީހަކު ދެކެ ލޯބި ނުވެވޭނެކަން އެމީހުންނަށް ފުރަތަމައިނުން ވެސް ޔަގީންވި ކަމަށެވެ.
ޖޯން ވަކިވުމުން ގްރޭސްގެ ހިތް ހަލާކުވި އެވެ. ނަމަވެސް ހިތްވަރުކޮށްފައި ދިރިއުޅުމައިގެން ކުރިޔަށް ދިޔަ އެވެ. ޖޯން ކައިރިއަށް އޮސްޓްރޭލިޔާ އަށް ދާން އެއްކުރި ފައިސާއިން ކާރެއް ގަނެ ހަމަޖެހޭ ދިރިއުޅުމެއް އުޅެން ފެށި އެވެ.
މަސްތައް ހަފުތާތަކަށް ބަދަލުވަމުން ދިޔަ އެވެ. އަހަރަކު އެއްފަހަރު ގޮތަކަށް ގްރޭސް އަށް ޖޯން ފޯނުން ގުޅާލަ އެވެ. އެގޮތުން އެއް އަހަރަކު ގުޅީމަ ކައިވެނި ކުރި ވާހަކަ ގްރޭސް ބުންޏެވެ. ދެ ވަނަ އަހަރަކު ގުޅީމަ މަންމަ އާއި ބައްޕަ މަރުވި ވާޙަކަ ބުންޏެވެ.
ފަހުން ފަހުން އައިސް ގްރޭސްގެ ނަންބަރު ޖޯން އަށް ގެއްލުނެވެ. އެ ނަންބަރު ހޯދަން އޭނާ އެމެރިކާގެ އިންޓަނޭޝަނަލް ޑައިރެކްޓަރީ އަށް ގުޅައިގެން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ވެސް ވީ ނާކާމިޔާބެވެ.
އެހެން އުޅެމުން ގޮސް ޖޯން ވެސް ކައިވެންޏެއް ކުރި އެވެ. އަދި ދެ މީހުންގެ ކައިވެންޏަށް ދަރިން ލިބުނެވެ. އާއިލާއެއް ފެއްޓި ނަމަވެސް ގްރޭސްގެ ހިތުން ޖޯންގެ ހަނދާންތަކެއް ނުފިލަ އެވެ. އޭނާގެ އަތުގައި ޖޯންގެ ނަންބަރު އޮތެވެ. ނަމަވެސް ޖޯން ނުގުޅާތީ ނުގުޅާ ހުރީ އެވެ. ނަމަވެސް އޭގެ ފަހުން 22 އަހަރު ފާއިތުވީއިރު ގްރޭސް އާއި ފިރިމީހާ މައްސަލަޖެހި ވަރިފަށަށް އަރައި ދެ މީހުން ވަކިވާން ނިންމި އެވެ. އެހިސާބުން އަނެއްކާވެސް ޖޯން އާ ގުޅާލަން ގްރޭސްގެ ހިތް ބުނަން ފެށި އެވެ.
ނުގުޅާ ހުރެހުރެފައި 22 އަހަރު ފަހުން އޭނާ ޖޯން އަށް ގުޅި އެވެ. ވަރަށް ވަރުގަދަ ވެބްކޭމް އެއް ގަނެ ހަރުކޮށްގެންނެވެ. ކެމެރާއިން ނަމަވެސް ޖޯން ދެކިލާޙިތުންނެވެ. އެހިސާބުން އަނެއްކާވެސް ދެ މީހުންގެ ވާހަކަ ދެއްކުމުގެ ސިލްސިލާ ފެށުނީ އެވެ. އޭރު ޖޯން ވެސް އަންހެނުން ވަރިކުރުމުގެ ކަންތައް ވަނީ ފަށާފަ އެވެ. އަދި ކޯޓުން އޭނާގެ ވަރީގެ މައްސަލަ ވަރަށް އަވަހަށް ނިންމަން އޮތީ ހަމަޖެހިފަ އެވެ.
އެންމެ ފަހުން ގްރޭސް ކައިރިއަށް އެމެރިކާއަށް ޖޯން ޒިޔާރަތްކުރި އެވެ. އަދި އޭގެ ހަ މަސް ފަހުން ގްރޭސް ވެސް ޖޯން ކައިރިއަށް އޮސްޓްރޭލިޔާ އަށް ޒިޔާރަތް ކުރި އެވެ.
ނަމަވެސް އެ ދެ މީހުންގެ ވެސް ދަރިން ތިބުމާއެކު އެކުދިންގެ ޒިންމާ އެމީހުންގެ ބޮލުގައި އެޅިފައި އޮތެވެ. އެހެންވެ ދެ މީހުންނަށް އެއް ގައުމެއްގައި ދިރިއުޅެވޭނެ މަގެއް އޭރަކު ނުފެނުނެވެ.
އޮސްޓްރޭލިޔާ އިން ގްރޭސް ބޭނުންވާ ކަހަލަ ވަޒީފާއެއް ނުލިބޭނެތީ އޭނާއަށް އޮސްޓްރޭލިޔާ އަށް ހިޖުރަ ކުރެވޭކަށް ނެތެވެ. އެންމެ ފަހުން އާއިލާ އާއި ވަޒީފާ އަދި ހުރިހާ އެއްޗެއް ދޫކޮށް ޖޯން އެމެރިކާއަށް ގްރޭސް ކައިރިއަށް ދިޔައީ އެވެ. އޭނާގެ ވަރީގެ މައްސަލަ ކޯޓުން ނިމުނުތާ އެންމެ އަށް ދުވަސް ތެރޭގަ އެވެ. އަދި އަވަސް އަވަހަށް ގްރޭސް އާ ކައިވެނިކުރީ އެވެ.
ކައިވެނި އަވަސްކުރީ އޭނާގެ އެމެރިކާގެ ވިސާގެ މައްސަލަތައް ދިމާވެދާނެތީ އެވެ. މިހާރު މި ކައިވެނިކުރި ފަހުން 10 އަހަރު ފާއިތުވެއްޖެ އެވެ. ޖޯން އާއި ގްރޭސް ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުން އެބަދެ އެވެ. އޮސްޓްރޭލިޔާގައި ތިބި ޖޯންގެ ތިން ދަރިންގެ ތެރެއިން ދެ ކުއްޖަކު އެމެރިކާއިން ވަޒީފާ ހޯދައިގެން އޭނާގެ ކައިރިއަށް ދިރިއުޅުން ބަދަލުކޮށްފި އެވެ. އަނެއް ދަރިފުޅު އޮސްޓްރޭލިޔާގައި ދިރިއުޅެމުންދާއިރު އޭނާ ވެސް ބައެއް ފަހަރު ބައްޕަ އަށް ޒިޔާރަތް ކުރެ އެވެ.