ހަނީމޫނަށް ހަވާއީއަށް ގޮސް އުޅުނު އެމެރިކާގެ ކެލިފޯނިއާގެ ދެމަފިރިންގެ ތެރެއިން އަންހެން މީހާއަށް ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހިއްޖެ އެވެ.
ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ފިރިމީހާ ގެނބިގެން މަރުވި މަންޒަރު ފެނިފައި ހިތް ހަލާކުވެފައި ހުރި އަންހެން މީހާއަށް ހިތާމައިގެ މައްޗަށް ހިތާމަ ލިބުނީ އޭނާ އެންމެ ހާސްވެ ހަދާނެގޮތް ހުސްވި ދަނޑިވަޅު ބަލާފައި ބަޔަކު އެ ދެމަފިރިންގެ ހުރިހާ އެއްޗެތި ވަގަށް ގެންދިޔައީމަ އެވެ.
ހަވާއީގެ އިލެކްޓްރިކް ބީޗުގައި މި ހިތާމަވެރި ހާދިސާ ކުރިމަތިވީ އަލަށް ކައިވެނިކޮށްގެން ހަނީމޫނަށް ގޮސް ތިބި ސްޓީވަން ފެން އާއި އޭނާގެ އަންހެނުން ބްރިޓްނީ އަށެވެ.
ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ސްޓީވަން ގެނބުނީ ޖޫން އެއްވަނަ ދުވަހު އެވެ. ސްޓީވަން ގެނބޭތަން ފެނުނީ މަސްވެރިއަކަށެވެ. އޭނާ އާއި އެހެން ބަޔަކު ގުޅިގެން ސްޓީވަން މޫދުން ނަގައިގެން އެއްގަމަށް އެރުވިއިރު ސްޓީވަންގެ ހާލު ވަރަށް ބޮޑެވެ.
ފިރިމީހާގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތް އެތައް ބަޔަކު ވެގެން ކުރަމުންދިޔައިރު އެ މަންޒަރު ބަލަން ހަދާނެ ގޮތް ހުސްވެފައި ބްރިޓްނީ އަށް ހުރެވުނެވެ. އެ ދަނޑިވަޅުގެ ބޭނުން ހިފައި ބްރިޓްނީމެން ދެމަފިރިންގެ ބެކްޕެކާއި ފޯނުތަކާއި ވޮލެޓްތައް އަދި އެމީހުންގެ ޓްރެވަލް ޑޮކިއުމަންޓްސް ތަކާއި ޕާސްޕޯޓްތަކާއި އެނޫންވެސް އެމީހުންގެ އަތުގައި ހުރިނަމަ ހުރި އެއްޗެއް ބަޔަކު ވަނީ ވަގަށް ނަގާފަ އެވެ. ނުވިތަނަކަށް އެމީހުން ކުއްޔަށް ނަގައިގެން އުޅުނު ކާރުވެސް ވަގަށް ގެންގޮސްފައި ވެއެވެ.
ބްރިޓްނީގެ ހުރިހާ އެއްޗެއް ވަގަށް ނެގި ޚަބަރު ލިބިގެން އޭނާގެ އާއިލީ ރައްޓެއްސަކު ފަންޑް ރެއިޒްކޮށް ބްރިޓްނީ އަށް ފައިސާގެ އެހީވީ ނަމަވެސް އޭނާގެ ފިރިމީހާގެ މަރުވެފައިވާ މަސްގަނޑު ހިފައިގެން އަމިއްލަ ރަށަށް ދަތުރުކުރުމަށް ބްރިޓްނީ އަށް ވަރަށް ގިނަ އުނދަގޫތައް ދިމާވި އެވެ. ޕާސްޕޯޓާއި ޓްރެވަލް ޑޮކިއުމަންޓްސް ނެތުމުން އެ އެއްޗެތި އަލުން ހައްދަން ވަގުތު ބޭނުންވާތީ އެވެ.